ފެލިވަރު މަސް ކާރުހާނާ ބޮޑުކުރަން ބިން ހިއްކަން ފަށަނީ

ޅ. ފެލިވަރު މަސް ބަންދުކުރާ ފެކްޓްރީ -- ފޮޓޯ: ފެލިވަރު

ފެލިވަރު މަސް ކާރުހާނާ ބޮޑުކުރުމަށް ފަސް ހެކްޓަރުގެ ބިމެއް ހިއްކުމަށްޓަކައި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދާނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.

މިފްކޯގެ ދަށުން ޅ. ފެލިވަރުގައި ހިންގާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން ހިއްކަން ނިންމާފައިވަނީ އެ ކާރުހާނާގެ އިރުމަތީ ފަރާތުން އެ ރަށާ ގުޅޭ ގޮތަށެވެ.

އީއައިއޭ ހަދަން ޝައުގުވެރިވާ ފަރާތްތަކުން މިފްކޯގެ ހެޑްއޮފީހަށް ގޮސް ރަޖިސްޓްރީ ކުރުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 18 ވާ އަންގާރަ ދުވަހުގެ މެންދުރު 2:00 އަށެވެ.

މިފްކޯއިން ބުނީ ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.

ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް އާރްއެފްކިޔު ދޫކުރާނެ އެވެ. އަދި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް މިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށްޓަކައި މި މަހުގެ 23 ވަނަ ދުވަހު މިފްކޯ ހެޑްއޮފީހުގައި ބައްދަލުވުމެއް އޮންނާނެ އެވެ.

އީއައިއޭ ހެދުމަށް އަގު ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:00 ގައެވެ. އަދި އަގު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި އަގުތައް ހުޅުވުން އޮންނާނީ ފެބްރުއަރީ 27 ވަނަ ދުވަހު 14:00 ގައި މިފްކޯ ހެޑްއޮފީހުގަ އެވެ.

މަސްވެރިން ބާނާ ހުރިހާ މަހެއް ކިރޭ ވަރަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ފެސިލިޓީތައް ކަމަށްވާ ކޫއްޑޫ އާއި ފެލިވަރު އޮތީ ތައްޔާރަށް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަހަރު ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމަށްޓަކައި އަމިއްލަ ކުންފުނިތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސް ގަތުމުގެ ވަގުތީ ހުއްދައެއް ދޫކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ދާއިމީ ހައްލެއްގެ ގޮތުން މިފްކޯއިން ހިންގާ ފެލިވަރާއި ކޫއްޑޫއަށް ތަރައްގީތައް ގެންނަވާނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

comment ކޮމެންޓް