އައިއެސްއާ ގުޅުނު އިންޑޮނޭޝިއާ މީހުން އެ ގައުމަށް ނުގެންނަން ނިންމައިފި

އިންޑޮނީޝިއާގެ ލީގަލް، ޕޮލިޓިކަލް އެންޑް ސެކިއުރިޓީއާބެހޭ ވަޒީރުމަހްފޫޟް އެމްޑީ ބިކާރާ ސޯލް ޚަލީފާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ހުޅަނގު ޖާވާ (13 ފެބްރުއަރީ 2020) : ޖިހާދު ކުރުމުގެ ނަމުގައި އައިއެސް ޖަމާއަތާ ގުޅުނު އިންޑޮނޭޝިއާގެ ރައްޔިތުން އަނބުރައި އެ ގައުމަށް ނުގެންނާނެކަމަށް އެގައުމުން ބުނެފި އެވެ.

އިންޑޮނޭޝިއާގެ ލީގަލް، ޕޮލިޓިކަލް އެންޑް ސެކިއުރިޓީ އެފެއާޒް އާ ބެހޭ ވަޒީރު މަހްފޫޟް އެމްޑީ ބިކާރާ ސޯލް ޚަލީފާ ވިދާޅުވީ އައިއެސް އާ ގުޅުނު އިންޑޮނޭޝިއާގެ މީހުން ޖިހާދުގެ ނަމުގައި ހިންގަމުންގެންދަނީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށާއި، އެމީހުންނަށްވުރެ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ރައްކާތެރިކަން މާބޮޑުކަމަށް ރައީސް ޖޯކޯ ވިޑޯޑޯ އާއި ކެބިނެޓްގެ ވަޒީރުން ދެކެވަޑައިގަންނަވާ ކަމަށެވެ.

އިންޑޮނޭޝިއާގެ އާބާދީގައި ހިމެނޭ 267 މިލިޔަން މީހުންގެ ތެރެއިން އައިއެސްއާ ގުޅިގެން ޖިހާދުގެ ނަމުގައި ތުރުކީއަށާއި ސީރިޔާއަށް ދިޔައީ އެންމެ 689 މީހުންކަން ފާހަގަ ކުރައްވާ އޭނާ އެ މީހުން ސިފަކުރެއްވީ، "ޓެރަރިސްޓް ވައިރަސްތަކެއް"ގެ ގޮތުގަ އެވެ.

އައިއެސް އާ ގުޅުނު އިންޑޮނޭޝިއާ މީހުން ފުރަތަމަ ދިޔައީ ތުރުކީއަށް ކަމަށްވެ އެވެ. އެމީހުން ސޫރިޔާއަށް ވަދެފައިވަނީ ތުރުކީ ބައެއްގެ އެހީތެރިކަމާއެކު ތުުރުކީގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ކަމަށް އިންޑޮނޭޝިއާގެ އަމަނާބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ.

ހުޅަނގު ޖާވާގައި ހުންނަ އިންޑޮނޭޝިއާގެ ރިޔާސީ ގަނޑުވަރު "ބޯގޯ ޕެލަސް" ގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، މަހްފޫޟް ވިދާޅުވީ އައިއެސް އާ ގުޅުނު "ޓެރަރިސްޓުން" އަނބުރާ ގައުމަށް ގެނަސްފިނަމަ ޓެރަރިސްޓް ވައިރަސްއެއް ގޮތަށް އެމީހުންގެ ހަރުކަށި އަދި ހައްދުފަހަނަޅާފައިވާ ފިކުރު އިންޑޮނޭޝިއާގައި ފެތުރިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.

އައިއެސް އާ ގުޅުނު ޓެރަރިސްޓުންނަކީ ޓެރަރިސްޓުންގެ ތެރެއިންވެސް އެންމެ ނުރައްކާތެރި ވިސްނުމުގެ މީހުންކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެތެރެއިން އެންމެ މީހަކީވެސް ލަފާކުރަން ނޭނގޭވަރުގެ ބޮޑު ނުރައްކަލެއް ކަމަށް މަހްފޫޟް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންޑޮނޭޝިއާ ސަރުކާރުގެ ކަމާބެހޭ އިދާރަތަކުން ގެންދަނީ އެގައުމުގެ ރައްޔިތުންގެ ތެރެއިން އައިއެސްއާ ގުޅިގެން މަގު ގެއްލުނު މީހުންނާއި އެމީހުންގެ ދަރިން ތިބި މިންވަރާއި އެކުދިންގެ އުމުރު ފަދަ މައުލޫމާތު ސާފުކުރަމުން ކަމަށެވެ.

އައިއެސްއާ ގުޅުނު ހަނގުރާމަވެރިން ނުގެނައުމަށް ނިންމާފައިވީ ނަމަވެސް އެމީހުންގެ 10 އަހަރު ނުފުރޭ ދަރިން ތިބިނަމަ އެކުދިން އަނބުރައި ގައުމަށް ގެނެސް ރިހެބިލިޓޭޓް ކުރުމަށްފަހު އަލުން އަނބުރައި މުޖްތަމައަށް ނެރުމާބެހޭގޮތުން ވަޒީރުންގެ މަޖިލީހުން ވަރަށް އަވަހަށް ގޮތެއް ނިންމާނެކަމަށް މަހްފޫޟް ވިދާޅުވި އެވެ.

އެ ކުދިން ގެންނަން ބަލާއިރުވެސް އެއީ ކޮންބައެއްކަން އެނގޭފަދަ ލިޔެކިޔުންތައް ނެތުންފަދަ ކަންކަމަކީ ބޮޑު މައްސަލައެއް ކަމަށާއި އަދި އެކުދިން ރިހެބިލިޓޭޓް ކުރުމަކީވެސް އިންޑޮނޭޝިއާ ފަދަ ބޮޑުގައުމަކަށްވެސް ދަތި އުނދަނގޫކަމެއްކަން މަޙްފޫޟް ފާހަގަ ކުރެއްވި އެވެ. އަދި އެއީވެސް ނުރައްކަލުން ފުރިގެންވާ ކަމެއްކަމަށް ސަރުކާރުން ދެކޭކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެހާ ޅައުމުރުގެ ކުދިން ހަލާކުވާން ދޫކޮށްނުލައި އެކުދިން އެ ނުރައްކަލުން ސަލާމަތްކޮށް ހިމާޔަތް ކުރުމަކީ އިންސާނިއްޔަތު ކަމުގެ ގޮތުން ކުރަންޖެހޭކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންމެ ގޮތެއްގައި ނަމަވެސް އައިއެސް އާ ގުޅިގެން ސީރިއާއަށް ދިޔަ އެއްވެސް މީހަކަށް އަނބުރައި އިންޑޮނޭޝިއާއަށް އައުމުގެ ފުރްސަތު ނޯންނާނެކަމަށާއި ސަރުކާރުން އިސްކަންދެނީ އެމީހުންނަށްވުރެ އެމީހުންގެ ނުރައްކަލުން ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް މަހްފޫޟް ވިދާޅުވި އެވެ. --(ޖަކާޓާ ޕޯސްޓް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު