ސެންޓް ޖަހަންވީ މިހެން، ނޫނީ ވަހެއް ނުދުވާނެ!

ކޮންމެ މީހެއްވެސް އެމީހެއްގެ ގައިން މީރުވަސް ދުވަން ބޭނުންވެ އެވެ. މިކަމަށް ބޭނުންވަނީ ގިނައިރު ވަސް ހިފަހައްޓައިދޭނެ އަދި މީރުވަސްދުވާ ސެންޓެކެވެ. ކޮންމެ ކޮންމެ ސެންޓަކީ އަދި ގަނެލަން އެހާ ފަސޭހައެއްޗަކަށް ނުވާއިރު، އެމީހަކު ސެންޓު ޖަހާގޮތަކީވެސް ގިނައިރު ވަސް ހިފަހައްޓައިދީ އޭގެ ގޮތުގައި އެވަސް ހިފަހައްޓަން އެހީވެދޭނެ ކަމެކެވެ.

ސެންޓު ޖަހަންވީ ފެންވެރުމަށްފަހު

ފެންވަރައިގެން ނުކުންނައިރު ހަންގަނޑު ހުންނާނީ ވަރަށް މޮއިސްޗަރައިޒްކޮށެވެ. އަދި ލޯޝަން ހޭކުމުން އިތުރަށް ހަމުގެ ތެތްކަން ހިފަހައްޓައިދީ، ބޮޑަށް 'އޮއިލީ' ކޮށްދޭނެ އެވެ. މިކަމަށް އެންމެ ރަނގަޅީ އަންސެންޓެޑް ލޯޝަން އެއް ބޭނުން ކުރުމެވެ. ބޭނުންނަމަ ލޯޝަން ފުޅީގެ ތެރެއަށް ސެންޓްކޮޅެއް އަޅާފައިވެސް ބެހެއްޓިދާނެ އެވެ. އެހެންކަމުން ފެންވަރައިގެން، ލޯޝަން ހޭކުމަށްފަހު ވީއެންމެ އަވަހަށް ސެންޓްޖަހަން އާދަކުރާށެވެ. އެވަގުތުގައި ސެންޓް ޖަހައިފި ކަމުގައިވާނަމަ ގިނަ އިރަށް އެ ވަސް ހިފަހައްޓައިދޭނެ އެވެ. އަދި މިހެން ހަދާނަމަ ކޮންމެހެން ހެދުމަށް ސެންޓް ޖަހަން ނުޖެހި، ހެދުމުގައި ސެންޓް ލައްތައް ހުރުމުން ދުރުވެސްވާނެ އެވެ.

ހަށިގަނޑުގެ ޕަލްސް ޕޮއިންޓްތަކަށް ސަމާލުވޭ

މިއީ ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. ޕަލްސް ޕޮއިންޓްތަކުގައި ސެންޓް ހޭކުމުން މުޅި ހަށިގނަޑަށް އެވަސް ފެތުރުމަށް އެހީވެދީ ގިނަިއރު ވަސް ހުންނާނެ އެވެ. ބައެއް ޕަލްސް ޕޮއިންޓްތަކުގެ ތެރޭގައި އަތުގެ ކުޑަހުޅާ ދިމާލު، އުޅަނބޮށީގެ އެތެރެ، ކަރު އަދި ކަކޫގެ ފަހަތް ހިމެނެއެވެ. އަދި ޕަލްސް ޕޮއިންޓްތަކުގައި ސެންޓް ޖެހުމުގެ ކުރިން، ވެސްލީން ކޮޅެއް ހާކާލުމުންވެސް، ގިނައިރު ވަސް ހިފަހައްޓާނެ އެވެ.

ސެންޓް އަތުގައި ނުއުނގުޅާތި

މިއީ ވަރަށް ގިނަބަޔަކު ކުރާ އެކަމަކު ވަރަށް ގޯސްކޮށް ކުރެވޭ ކަމަކެވެ. މިއީ ސެންޓު ގިނައިރު ބެހެއްޓުމަށްޓަކައި ކުރާ ކަމަކަށްވިޔަސް ހަންގަނޑުގައި ސެންޓް އުނގުޅުމުން ސެންޓުގައި އެކުލެވޭ ކެމިކަލްގެ މާއްދާތައް ބްރޭކްޑައުންވެ އޭގެވަސް މަޑުވެއެވެ.

ސެންޓް ލޭޔާ ކުރޭ

ސެންޓް ލޭޔާ ކުރުމަކީ މިފަހުން އެންމެ ޓްރެންޑިން އެއް ކަމެވެ. އެންމެ ކަމުދާ އަދި އެކީގައި ގުޅޭނެ ހެން ހީވާ ސެންޓްތައް އެއްކޮށް ބައެއް އެސެންޝަލް އޮއިލްއާއި އެއްކޮށްގެން އެމީހެއްގެ އަމިއްލަ ސެންޓެއްވެސް ހެދިދާނެ އެވެ. މިގޮތުން ލޭޔާ ކުރުމުގައި އެންމެ ފުރަތަމަ ޖަހާނީ އެންމެ ވަރުގަދަ ވަސް ހުންނަ ސެންޓެވެ. އެއަށްފަހު އޭގެ މައްޗަށް އެއަށްވުރެ ލުއި ވަސްތައް ޖެހިދާނެ އެވެ.

ސެންޓް ޓަޗް-އަޕްސް އަށް ކަފަބުރު ބޭނުންތެރި

އަގުބޮޑު ސެންޓްފުޅިތަކަކީ އަބަދު އަތްދަބަހަށް ލައިގެން ގެންގުޅެވޭނެ އެއްޗެއް ނޫންތާއެވެ. އެހެންކަމުން ކަފަބުރެއްގައި ސެންޓް އުނގުޅުމަށްފަހު، ބަންދުކުރެވޭނެ ކަހަލަ ޒިޕްލޮކް ބޭގްއަކަށް ނަމަވެސް ކަފަބުރު އަޅާށެވެ. ބޭނުންވުމުން ހާކާލަން ފަސޭހަވާނެ އެވެ. އަދި ގެންގުޅެންވެސް ފަސޭހަވާނެ އެވެ.

މިއީ ހައްތަހާވެސް ގިނަ ވަގުތު ސެންޓުގެ މީރުވަސް ގައިން ދުވުމަށް ކުރެވިދާނެ ކަންކަމެވެ. ކުޑަ އެތިކޮޅަކުން ގިނައިރު ބޭނުންކުރެވުމަކީ ސެންޓްގެ ޚަރަދު ކުޑަކުރުމަށްޓަކައިވެސް ކުރެވިދާނެ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު