ވީޑިއޯ: މާސްކް އަޅަންވީ މިގޮތަށް، ނޫނީ ބޭކާރު!

ކޮރޯނާވައިރަހުގެ ބިރު ފޮހެވިގެން ދާން އަދި ގާތްވެސް ނުވެ އެވެ. ޗައިނާއިން އުފަންވެ، ހަލުވި ކަމާ އެކު ދުނިޔޭގެ އެތަން މިތަނަށް ފެތުރިގަތް މިވައިރަހާ އެކު އަހަރުމެން ކޮންމެ މީހަކު މި ވަނީ ނުރައްކަލެއްގަ އެވެ. މި ބަލީގައި މަރުވަމުންދާ މީހުންގެ އަދަދު އަދި މައިތިރި ނުވެ، ދަނީ މައްޗަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއެޗްއޯއިން ބުނާ ގޮތުގައި މި ވައިރަހާ ދެކޮޅަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ފަރުދީ ޒިންމާ އަދާކޮށް، އަމިއްލަ ސާފުތާހިރު ކަމަށް އިސްކަން ދިނުމެވެ. ސައިބޯނު ލައިގެން ގިނަ ގިނައިން އަތްދޮވުމެވެ. ރޯގާ ޖެހި ކިނބިހި އަޅައި ކެއްސާ ނަމަ، މާސްކް ބޭނުން ކުރުމެވެ.

ކޮރޯނާ ވައިރަހާ އެކު ގިނަ ބަޔަކު ދުއްވައިގަތީވެސް މާސްކް ހޯދާށެވެ. އެކަމަކު އަހަރުމެންނަށް މާސްކް ބޭނުން ކުރެވެނީ އެންމެ ރަނގަޅަށް ހެއްޔެވެ؟ އެހެން ނޫން ނަމަ، މާސްކް އެޅުމެކޭ ނޭޅުމެކޭ ވާނީ ހަމަ އެއްވަރެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މާސްކަކީ އެންމެން އަޅަންޖެހޭ އެއްޗެއް ނޫނެވެ. ސަބަބަކީ ނޮވެލް ކޮރޯނާވައިރަހަކީ އެއާބޯން ނުވަތަ ވައިގެ ތެރޭގައި ދަތުރުކުރާ، ވައިރަހެއް ނޫނެވެ.

ތިމާއަކީ ސިއްހަތު ސަލާމަތުން ހުރި ހެލްތީ މީހެއްނަމަ މާސްކު އަޅާނީ ކޮރޯނާވައިރަހަށް ޝައްކުކުރެވޭ މީހެއްގެ ގާތުގައި އުޅޭނަމަ އެވެ. ނުވަތަ ތިމާ ކެއްސާ ކިނބިހިއަޅާ ނަމަ އެވެ. އެހެންވީމާ، އެންމެން މާސްކް ހޯދަން ދުވާކަށް ނުޖެހެ އެވެ.

މާސްކް އެޅުމަކުން އަދި ނުނިމެ އެވެ. މާސްކެއް އަޅައިފިނަމަ އެ ބޭނުންކޮށްފައި ރަނގަޅަށް ޑިސްޕޯސްކުރަން، ނައްތާލަން ކޮންމެހެން ސަމާލުކަން ދޭންޖެހެ އެވެ.

މާސްކް އެޅުމަށްފަހު އޭގައި އަތްލައި ހެދުމަކީ ގޯހެކެވެ. އަދި އަޅައިގެން އުޅޭ މާސްކެއް ނެގުމަށްފަހު އަލުން އެ ބޭނުންކުރުން ނުވަތަ "ރީޔޫޒް ކުރަން" ހެޔޮނުވާނެ އެވެ. އެންމެ ބޮޑު ސަމާލުކަމެއް ބާއްވަންވީ، މާސްކް ބޭނުންކުރުމަށްފަހު ޑަސްބިނަށް އެއްލައިލާށެވެ. އަދި ރަނގަޅަށް އަތް ދޮވެ، ސެނިޓައިޒްކުރާށެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ "ސަން"ގެ ކިޔުންތެރިންނަށް ބުނެދެނީ މާސްކް އަޅާނެ ރަނގަޅު ގޮތެވެ. ބަލައިލާށެވެ؛

ވީޑިއޯ އަދި އެޑިޓިންގް: މާޝާ ނައީމް

comment ކޮމެންޓް