ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރެވޭނީ ދެ ސަރަހައްދެއްގައި

ވިލިމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭގައި ސައި ހޮޓަލާއި ރެސްޓޯރެންޓްތައް އަދި ފިހާރަތައް 24 ގަޑިއިރު ހިންގޭނެ ސަރަހައްދުތައް ކަނޑައަޅައި، އިކޮނޮމިކް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ވިލިމާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދެވޭނީ ދެ ސަރަހައްދެއްގަ އެވެ.

އެގޮތުން ފުރަތަމަ ސަރަހައްދަކީ ވިލިމާލޭގެ ފެރީ ޓާމިނަލް ހުންނަ ސަރަހައްދެވެ. އަދި ދެވަނަ ސަރަހައްދަކީ ވިލިމާލޭ "ވާރު ހިނގުން" މަގެވެ. މި ދެ ސަރަހައްދުގައިވެސް 24 ގަޑިއިރަށް ވިޔަފާރިކުރުމުގެ ހުއްދައަށް އެދެން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭ ފޯމު ފުރުމަށްފަހު 29 ފެބްރުއަރީ 2020 ގެ ކުރިން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ 24 ގަޑިއިރު ވިޔަފާރިކުރުމުެގ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދަން ބޭނުންކުރާ ތަކެތި ކަމަށާއި، ހުއްދަ ދޫކުރާނީ ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށްފަހުގައި ކަމަށެވެ.

އަދި 24 ގަޑިއިރަށް ވިޔަފާރިކުރާ ތަންތަނުން ނަމާދު ވަގުތުތައް ފިހާރަ ބަންދުކުރުން ފިޔަވައި އެހެން ހުރިހާ ވަގުތެއްގައިވެސް ވިޔަފާރިކުރަން އަންނަ މީހުންނަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަންޖެހެއެވެ.

ސައުވީސް ގަޑިއިރު ވިޔަފާރިކުރާ ތަންތަނަކީ ރީއްޗަށް އެތެރެ ފެންނަން ހުންނަ ތަންތަނަށް ވާންޖެހެއެވެ. އަދި އެތަނުގައި 24 ގަޑިއިރުވެސް މަސައްކަތްކުރާ ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަން ޖެހެއެވެ.

މީގެ އިތުރުން އެ ތަނަކީ 24 ގަޑިއިރު ހުޅުވާ ސައިހޮޓަލެއް ނަމަ މެންދަމު 1:00 އިން ފެށިގެން ފަތިހު 4:30 އާ ހަމައަށް އެތަނެއްގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެވެ.

comment ކޮމެންޓް