ވައިރަހުގެ ބޮޑު ދުވަހެއް: އެއް ދުވަހެއްގައި 242 މަރު

ޗައިނާގައި ކޯވިޑް-19ގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 1،300އަށް ވުރެ އިތުރުވެފަ -- ފޮޓޯ: އޭއެފްޕީ

ވޫހާން (ފެބްރުއަރީ 13): ޗައިނާގެ ހޫބެއި ޕްރޮވިންސުގައި އިއްޔެ 242 މީހަކު ކޮރޯނާވައިރަސް ޑިޒީސް،2019 (ކޯވިޑް-19) ޖެހިގެން މަރުވެއްޖެ އެވެ.

ހޫބެއިގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެއީ އެ ވައިރަހުގެ ސަބަބުން އެއް ދުވަސް ތެރޭ އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެ ވައިރަހުގެ ސަބަބުން އެންމެ ގިނަ މީހުން މަރުވި ދުވަހަކީ މިދިޔަ ހޯމަ ދުވަހެވެ. އެދުވަހު ޗައިނާގައި 108 މީހަކު މަރުވި އެވެ.

މީގެ އިތުރުން ކޯވިޑް-19 ޖެހިފައިވާ 14،840 މީހަކު އިއްޔެ ވަނީ ފާހަގަ ކުރެވިފަ އެވެ.

އެ ވައިރަސް ޖެހޭ މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނި ފަހުން، އެ ވައިރަސް ޖެހުނު މީހުން އެއް ދުވަސް ތެރޭ ކުއްލިއަކަށް ގިނަވީ، ކޯވިޑް-19 ޖެހިފައިވާ ކަމަށް ނިންމާ ގޮތަށް ބަދަލު ގެނައުމުންނެވެ. އެގޮތުން މިހާރު ޑޮކްޓަރުން ވަނީ ބަލީގެ އަލާމާތްތައް ފެނި، ފުއްޕާމޭގެ އިންފެކްޝަނެއް ހުރިކަން ސީޓީ ސްކޭނުން ދައްކާ ނަމަ އެމީހާއަށް ކޯވިޑް-19 ޖެހިފައިވާ ކަމަށް ބަލަން ފަށާފަ އެވެ.

އެހެންކަމުން އެ ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،300އަށް ވުރެ އިތުރުވެފަ އެވެ. އަދި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 60،000 އަށް އަރާފަ އެވެ.

ޑަބްލިއުއެޗްއޯގެ މާހިރުންގެ ޓީމަކުން މިހާރު ދަނީ ޗައިނާގައި އެ ވައިރަސް ޓެސްޓު ކުރަމުންނެވެ. ނަމަވެސް އެ ވައިރަސް ހަލުވި ކަމާއެކު ފެތުރުން ނިމޭނީ ކޮން އިރަކުކަން އަދި ނޭނގޭ ކަމަށް އެޖަމްއިއްޔާއިން ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ޗައިނާއިން ވަނީ ހޫބެއިގައި ހުންނަ ޕާޓީ ސެކްރެޓަރީ މަގާމުން ދުރުކޮށްފަ އެވެ. އަދި މީގެ ކުރިން ވަނީ އެޕްރޮވިންސުގެ ހެލްތު ކޮމިޝަނުގެ ޕާޓީ ސެކްރެޓަރީ އާއި ކޮމިޝަނުގެ ވެރިޔާވެސް ވަޒީފާއިން ވަކިކޮށްފަ އެވެ.

comment ކޮމެންޓް