އަވޭ ގޯލުގެ ތަފާތުން ކުރި ހޯދައި މާޒިޔާ ޕްލޭއޮފަށް

މާޒިޔާއާއި އަބަހާނީ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// މާޒިޔާ

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި މިއަދު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާއި މާޒިޔާ ބައްދަލު ކުރި މެޗު އެއްވަރުވުމުން އަވޭ ގޯލަށް ބަލައި މާޒިޔާ ޕްލޭއޮފްގެ މެޗަށް ދަތުރުކޮށްފި އެވެ.

ގަލޮޅު ދަނޑުގައި ގިނަ އަދަދެއްގެ ބަންގްލަދޭޝް ސަޕޯޓަރުންގެ ކުރިމަތީ މިއަދު ހަވީރު ކުޅުނު މެޗު ނިމުނީ ދެ ޓީމުން ކުރެން އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ފުރަތަމަ ލެގުގައި 2-2 އިން އެއްވަރުވި އިރު މިއަދުގެ މެޗަށް މާޒިޔާ ނުކުތީ ބޮޑު އެޑްވާންޓޭޖަކާ އެކު އެވެ. އަދި މި ނަތީޖާއާ އެކު މާޒިޔާ ވަނީ ޕްރިލިމިނަރީ ފަހަނަ އަޅައި މުބާރާތުގެ ޕްލޭއޮފަށް ދަތުރު ކޮށްފަ އެވެ.

ޕްލޭއޮފުގައި މާޒިޔާ ވާދަކުރާނީ، ޕްރިލިމިނަރީގެ އަނެއް މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބޫޓާނުގެ ޕާރޯ ވާދަކޮށް މޮޅުވާ ޓީމަކާ އެވެ. ޕްލޭއޮފުން ކުރި ލިބިއްޖެ ނަމަ މާޒިޔާ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ. ގްރޫޕުގައި އޮތީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި އިންޑިއާގެ ޗެންނާއީ އެފްސީ އަދި ބަންގްލަދޭޝްގެ ބަޝުންދްރާ ކިންގްސް އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިއަދުގެ މެޗަށް މާޒިޔާއިން ނުކުތީ މިދިޔަ މެޗާ ބަލާ އިރު އެންމެ ބަދަލަކާ އެކު އެވެ. އެއީ އަނިޔާގައި ހުރި ނާއިޒު ހަސަން (ދާދު)ގެ ބަދަލުގައި ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އެރުވުމެވެ.

މިއަދުގެ މެޗު ފަށައިގެން މާޒިޔާއިން ފުރަތަމަ 15 ވަރަކަށް މިނަޓު މޮޅަށް ކުޅުނު ނަމަވެސް އަބަހާނީ ޓީމުން ކުޅުން ރަނގަޅުކޮށް ހަމާލާތައް ވަރުގަދަ ކުރަން ފެށި އެވެ. އެގޮތުން މެޗުގެ 27 ވަނަ މިނަޓުގައި އަބަހާނީ ޓީމުގެ ސާދު އުދިން ފޮނުވާލި ހަމަލާ ގޯލަށް އަމާޒު ނުވެ ދިޔަ އިރު 31 ވަނަ މިނަޓުގައި މަމްނުލް އިސްލާމް ނަގައިދިން ހުރަހަކުން ސަންޑޭ ޗިޒޯބޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިންނެވެ.

އެ ހާފުގައި މާޒިޔާއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށެވެ. އޭރިއާ ތެރެއިން އިއްބެ ފޮނުވާލި އެ ހަމަލާ އަބަހާނީ ޓީމުގެ ކީޕަރު ސަހިއްދުލް އިސްލާމް ވަނީ މަތަކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން 51 ވަނަ މިނަޓުގައި މާޒިޔާއަށް ލިބުނު ހިލޭ ޖެހުމެއްގެ ފައިދާ ނަގައި ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ހުރަސް އެ ޓީމުގެ ފޯވާޑް ކޯނެލިއަސް ސްޓެވާޓް ފޮނުވާލި އިރު ދިޔައީ ދަނޑި ކައިރިން ލައިފައި ބޭރަށެވެ.

މާޒިޔާއިން މިއަދުގެ މެޗުފެ ފަހު ހާފު ކުޅުނީ ހަމަޖެހިލައިގެން ތިބެގެންނެވެ. ފުރަތަމަ ހާފާއި ޚިލާފަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް މާޒިޔާއިން އުފެއްދި އިރު މެޗު ނިމެންދަނިކޮށް ވަނީ ދަނޑު މަތީގައި ބޮޑު ހަމަނުޖެހުމެއް ހިނގާފަ އެވެ.

އެކަންތައް ފެށުނީ ބަންގްލަދޭޝްގެ ކުޅުންތެރިޔަކު މާޒިޔާގެ ބެންޗު ކައިރިން ބޯޅަ އެއްލަން އުޅުމުގެ ތެރޭ މާޒިޔާގެ ކޯޗު ސެކުލޮސްކީގެ ގައިގައި ޖެހުމުންނެވެ. އެ ވަގުތު އެ ކުޅުންތެރިޔާ ހިތްހަމަނުޖެހި ކޯޗާ ދިމާލަށް ދިޔަ އެވެ. އެ ވަގުތު ރުޅިގަދަވެފައި ތިބި އަބަހާނީގެ ކުޅުންތެރިންނާއި އޮފިޝަލުން މާޒިޔާ ބެންޗު ކައިރިއަށް އެއްވުމުން ހަމަނުޖެހުން ހިނގީ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާ ޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ މެޗުގައި ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނުނު ކަމަށެވެ. އަދި މެޗުގެ ޓާގެޓު ހާސިލު ވެވުނީތީ އުފާ ކުރާ ކަމަށާއި ޓީމުގައި އެންޖަރީތަކެއް އެބައުޅޭ ކަމަށެވެ.

comment ކޮމެންޓް