އިންޑިއާއިން މާލެ ސިޓީ ކައުންސިލަށް 16 ވެހިކަލް ހަދިޔާކޮށްފި

އިންޑިޔާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ވެހިކަލް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ސަން ފޮޓޯ/ އަހުމަދު ސައީދު

މާލޭގެ މަގުތަކުގެ މަރާމާތާއި އެހެނިހެން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭ ސިޓީ ކައުންސިލަށް 16 ހެވީ މެޝިނަރީ ވެހިކަލްތަކެއް ހަދިޔާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ގުޅޭ އިދާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިންޑިއާގެ ސަރުކާރުގެ އެހީގެ ދަށުން ހޯދާފައިވާ ވެހިކަލްތައް ރަމްޒީކޮށް ހަދިޔާކުރައްވާފަ އެވެ.

އެ ރަސްމިއްޔާތުގައި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި ފޮރިން މިނިސްޓާރު އަބްދުﷲ ޝާހިދު އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާ ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ވެހިކަލްތަކަކީ އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 106 މިލިއަން ރުފިޔާގެ އެހީގެ ދަށުން ސިޓީ ކައުންސިލަށް ވެހިކަލް ގަތުމަށް ހަމަޖައްސާފައިވާ އަށް މިލިއަން ރުފިޔާއަށް ގަންނަ ވެހިކަލް އެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޭޔަރު ޝިފާ ވިދާޅުވީ އިންޑިއާގެ އެހީގެ ދަށުން 16 ވެހިކަލް މާލެ ސިޓީ ކައުންސިލަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ފަސް ވެހިކަލް ވަނީ މިހާރު މާލޭ ސިޓީއަށް ލިބިފައި ކަމަށާއި ބާކީ ނުވަ ވެހިކަލް ވަރަށް އަވަހަށް ލިބޭނެ ކަަމަށް ޝިފާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުން ބޭއްވި ރަސްމިއްޔާތުގައި މޭޔަރު ޝިފާ މުހައްމަދު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު ސައީދު

"މި އުފާވެރި ދަނޑިވަޅުގައި އަޅުގަނޑު އިންޑިއަން ހައި ކޮމިޝަނަށް ޝުކުރު އަދާކުރަން ބޭނުންވޭ ފޯރުކޮށްދޭ އެހީތެރިކަމަށް. މިއީ ރާއްޖެއާއި އިންޑިއާ ދެމެދުގައި އެކުވެރިކަން ފާހަގަކުރެވޭ ހަރަކާތެެއް،" ޝިފާ ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންވެސް ވަނީ އިންޑިއާ ސަރުކާރަށާއި އިންޑިއަން ހައިކޮމިޝަނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ އަހުމަދު ސައީދު

ޝިފާ ވިދާޅުވީ މީގެކުރީން މާލެ ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރުމަށް ބޭނުންކުރަނީ ޖަޕާނު ސަރުކާރުން ހަދިޔާކޮށްފައިވާ ދެ ވެހިކަލް ކަމަށެވެ. ނަމަވެސް އެ ވެހިކަލް ހުރީ މިހާރު ބޭނުންކުރެވޭ ވަރަށްވުރެ ބާވެފައި ކަމަށް ޝިފާ ފާހަގަކުރެއްވި އެވެ.

މިހާރު ރާއްޖެެއަށް ގެނެސްފައިވާ ފަސް ވެހިކަލްގެ ތެރޭގައި ފޯކްލިފްޓާ އާއި ލޮރީ ފަދަ ތަކެތި ހިމެނެ އެވެ. އަދި ކުރިއަށް ގެންނަން ހަމަޖެހިފައިވާ ވެހިކަލުގެ ތެރޭގައި ފެން ބައުޒަރުފަދަ ތަކެތި ހިމެނެ އެވެ. އެ ވެހިކަލްތަކުގެ ސަބަބުން މާލޭ ސިޓީ ބެލެހެއްޓުމާއި ތަރައްގީކުރުމުގެ މަސައްކަތްތަކަށް ބޮޑު އެހީއެއް ލިބިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

comment ކޮމެންޓް