އިންޑިއާގެ އިގްތިސާދީ ހީނަރުކަމުގެ ހިޔަނި ބީޖޭޕީގެ ކުރިމަގަށް އެޅިދާނެބާ؟

ޕްރައިމިނިސްޓަރު މޯދީ

ނިއުދިއްލީ (12 ފެބްރުއަރީ 2020) : އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ލޯކަލް އިންތިޚާބުގައި ބޮޑު ތަފާތަކުން ބީޖޭޕީ ވަނީ ބަލިވެފަ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ދިއްލީގެ ލޯކަލް ޕާލަމެންޓްގެ އިންތިޚާބުގެ ނަތީޖާ ރޭ އިރާކޮޅު ނެރެފައިވާއިރު ދިއްލީގެ ޕާލަމެންޓްގެ 70 ގޮނޑީގެ ތެރެއިން 62 ގޮނޑި ކާމިޔާބުކުރީ މިހާރު ވެސް ދިއްލީގައި ވެރިކަންކުރާ ކުޑަ ޕާޓީ އެއްކަމަށްވާ އާމް އާދްމީ ޕާޓީ (އޭއޭޕީ) އެވެ. އިންޑިއާގައި ވެރިކަންކުރާ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ލިބިފައި ވަނީ ދިއްލީގެ ޕާލަމެންޓްގައި ބާކީއޮތް އަށް ގޮނޑިއެވެ. އިންޑިއާގައި ކުރިން ދިގުމުއްދަތަކަށް ވެރިކަންކުރި ކޮންގްރެސް ޕާޓީ ނުވަތަ އިންޑިއަން ނެޝަނަލް ކޮންގްރެސް (އައިއެންސީ) އަށް އެންމެ ގޮނޑިއެއްވެސް ނުލިބެ އެވެ.

މިއީ 2012 ވަނަ އަހަރު އުފެއްދި އައު ޕާޓީއެއްކަމަށްވާ އާމް އާދްމީ ޕާޓީ (އޭއޭޕީ) ދިއްލީގެ ލޯކަލް އިންތިޚާބު ބޮޑު ތަފާތަކުން ޖެހިޖެހިގެން ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެޕާޓީން ދިއްލީގެ ޕާލަމެންޓް ކާމިޔާބުކުރީ 2012 ވަނަ އަހަރު އެވެ. އެއަށް ފަހު 2015 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި އެޕާޓީވަނީ ކުރިއަށްވުރެ ބޮޑު އަޣްލަބިއްޔަތަކުން ދިއްލީގެ ޕާލަމެންޓް ގެ ކާމިޔާބުކޮށްފަ އެވެ.

އޭއޭޕީން، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ކުރީގެ ދެފަހަރު ކާމިޔާބުކުރި ވަރަށް ވުރެ ވެސް ބޮޑު އަޣްލަބިއްޔަތަކުންނެވެ. އެހެންކަމުން މިއީ 180 މިލިޔަން މީހުން މެންބަރުންގެ ގޮތުގައި ތިބި ބީޖޭޕީގެ މައްޗަށް އެންމެ 2.8 މިލިޔަން މެންބަރުން ތިބި އޭއޭޕީ ހޯދި އާދަޔާ ޚިލާފު ކާމިޔާބީއެއްކަމަށް އިންޑިއާގެ މިޑީއާއިން ވަނީ ސިފަކޮށްފަ އެވެ. މި ކާމިޔާބީއަކީ ބޮޑު ޕާޓީއެއްގެ ގޮތުގައި އިންޑިއާގެ ސިޔާސީ މަސްރަހަށް ނުކުތުމަށް އޭއޭޕީ އަށް މަގުފަހިވެގެންދާނެކަމަށް ވެސް އިންޑިއާގެ މުހައްލިލުން ދެކެ އެވެ. އާމް އާދްމީ ޕާޓީ ނުވަތަ އޭއޭޕީގެ ސިޔާސީ މަސައްކަތްތައް އަމާޒުކޮށްފައި ވަނީ ދިއްލީގެ ސަރުކާރުގެ ސްކޫލްތަކުގެ ފެންވަރު ރަނގަނޅުކޮށް ފަގީރުންނަށް ހިލޭ ސިއްޙީއެހީ ފޯރުކޮށްދިނުމަށާއި އަންހެނުންނަށް ބަހުގެ ޚިދްމަތް މުޅިން ހިލޭ ދިނުން ފަދަ އިޖްތިމާއީ ކަންކަމަށެވެ. ފަގީރުންނާއި ނިކަމެތިންގެ ނިސްބަތް ބޮޑު އިންޑިއާގައި މިއީ ގިނަބައެއްގެ ތާއީދު ލިބިގެންދާކަންކަމެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގައި ވެރިކަންކުރާ މައި ސިޓީގެ އިންތިޚާބުގައި ވަރަށް ކުޑަ ޕާޓީއެއްގެ ކުރިމަތީގައި ބޮޑު ބައްޔަކުން ބީޖޭޕީ ބަލިވެގެން ދިޔުމުން ބީޖޭޕީގެ ލީޑާޝިޕަށްވަނީ ސިހުން ލިބިފަ އެވެ. ނަމަވެސް އިންތިޚާބުތަކުގައި ހިންދޫ އާދައިގެ ރައްޔިތުންގެ ހިތްތައް އަތުލަށް ބީޖޭޕީ ގެންގުޅޭ އޮޅުވާލުމުގެ އުކުޅުތައް އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި އަދިވެސް ހިނގާ ކަމަށްވެއެވެ. ޚާއްސަކޮށް ހިންދޫންގެ އިއުތިގާދާއި ހިންދޫންގެ ދީނީ ކަންކަންކުރިޔަށްނެރެ އެކަންކަމުގައ ހައްދުފަހަނަޅައި ދިޔުމުގެ ސިޔާސަތެއް ބީޖޭޕީ ގެންގުޅުމަކީ ހިންދޫ ބޮޑު އަޣްލަބިއްޔަތެއް އޮންނަ އިންޑިއާގެ ރައްފުށުގެ ތައުލީމު ނެތް އާދައިގެ މީހުންނާއި ފަގީރުންގެ ހިތްތައް އެޕާޓީއަށް ފަތަހަ ކުރެވޭ ސަބަބެއް ކަމަށްވެ އެވެ.

ނަމަވެސް ދިއްލީގެ އިންތިޚާބުގައި ބަލިވުމުގެ އިތުރުން މަހަރާޝްޓްރާ، ޖަޅުކަންދު އަދި މަދްޔާ ޕްރަދޭޝް ފަދަ އިންޑިއާގައި ހިންދީ ބަހުން ވާހަކަދައްކާ ބޮޑެތި ސްޓޭޓްތަކުގެ ލޯކަލް އިންތިޚާބުތަކުގައި ވެސް ފާއިތުވި ދެއަހަރު ބީޖޭޕީ އަށްވަނީ ބޮޑެތި ނާކާމިޔާބީތަކާ ކުރިމަތިލާންޖެހިފަ އެވެ. އަދި ފާއިތުވި 22 އަހަރު ތެރޭގައި ވެސް ދިއްލީގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބެއް ބީޖޭޕީ އަށް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

މި ނާކާމިޔާބީތަކާ ކުރިމަތިލާން ބީޖޭޕީ އަށް ޖެހުނު ސަބަބުތަކުގެ ތެރޭގައި އެޕާޓީގެ ވެރިކަމުގައި ފާއިތުވި ދެއަހަރުން ފެށިގެން އިންޑިއާއަށް ކުރިމަތިވެފައިޥާ އިގްތިސާދީ ދަތިތައް ހިމެނޭ ކަމަށް އިންޑިއާގެ މުހައްލިލުން ދެކެ އެވެ. މީގެ އިތުރުން ސެކިއުލާ ފިކުރުގެ އިންޑިއާގައި ބީޖޭޕީ ގެންގުޅޭ ހިންދޫންގެ ދީނީ ހަރުކަށި ފިކުރާއި މުސްލިމުންގެ ހައްގުތައް ގެއްލޭގޮތަށް އިންޑިއާގެ ރަށްވެހި ކަމުގެ ގާނޫނަށް ދާދިފަހުން ގެނައި ބަދަލަކީވެސް އާބަން ސަރަހައްދުތަކުގައި ބީޖޭޕީގެ މަގްބޫލުކަން ގެއްލެމުންދާ ސަބަބެއްކަމަށްވަނީ ބެލެވިފައެވެ.

ބީޖޭޕީގެ ވެރިކަމުގެ ކުރީކޮޅު (ފުރަތަމަ ދައުރުގައި) އިންޑިއާގެ އިގްތިސާދު 8 އިންސައްތާގައި ކުރިއަށް ދިޔަނަމަވެސް 2018 ގެ ފަހުކޮޅުން ފެށިގެން އިންޑިއާގެ އިގްތިސާދަށްވަނީ މިފަހަކަށް އައިސް ނާންނަ ވަރުގެ ބޮޑު ހިނަރުކަމެއް އައިސްފައެވެ. މިގޮތުން އިގްތިސާދީ ކުރިއެރުން ފަސް އިންސައްތައަށް ވެއްޓިފައިވާއިރު ފަގީރުންގެ ދިރިއުޅުމުގެ ހާލަތު ރަނގަނޅު ކުރުމަށް ބޮޑުވަޒީރު ނަރަންދުރަ މޯދީ ފެއްޓެވި މަޝްރޫއުތައްވަނީ ނާކާމިޔާބުވެފައެވެ. މިމަޝްރޫއުތައް ނާކާމިޔާބުވުމުގައި މޯދީގެ ފުރަތަމަ ދައުރުގެ ފަހުކޮޅުން ފެށިގެން އިންޑިއާގެ ދަނޑުވެރިންނަށް ބާޒާރު ގެއްލި ދަނޑުވެރިކަން ދަށަށްދިއުން މުހިއްމު ދައުރެއް އަދާކުރެ އެވެ.

އިންޑިއާގެ ރައްފުށުގެ އާބާދީގެ ނިސްބަތް 75 އިންސައްތާގައި އުޅޭއިރު އޭގެތެރެއިން 85 އިންސައްތަ މީހުންގެ ދިރިއުޅުން ބިނާކޮށްފައި ވަނީ ދަނޑުވެރިކަމުގެ މައްޗަށެވެ. މީގެއިތުރުން އިންޑިއާގެ ސިނާއަތު ދަށަށްގޮސް ވަޒީފާ ނެތްމީހުންގެ ނިސްބަތް ފާއިތުވި 45 އަހަރުވެސް ދަށަށްނުދާވަރަށް މިހާރުވަނީ ދަށަށްގޮސްފަ އެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައް މަދުވެ އިންފްރާސްޓްރަކްޗާގެ ބޮޑެތި ގިނަ މަޝްރޫއުތަކެއްވަނީ ހުއްޓާލަންޖެހިފަ އެވެ. އެތައް ސަތޭކަ ކާރުޚާނާއެއްވަނީ ފާއިތުވި ދެއަހަރުތެރޭގައި ބަންދުކޮށްފަ އެވެ.

އިންޑިއާގެ އިގްތިސާދު މިހާލަތުގައި އޮތުމުން 2.8 ޓްރިލިޔަން ޑޮލަރުގެ މައްޗަށް ބިނާވެފައިވާ އިންޑިއާގެ ޖީޑީޕީ (ގައުމީ އާމްދަނީ) ފަސް ޓްރިލިޔަން ޑޮލަރަށް މައްޗަށް ޖެއްސުމަށް މޯދީ ވެ ވަޑައިގެންނެވި ވައުދު އޭނާގެ ވެރިކަމުގެ ދެވަނަ ދައުރުގައި ފުއްދޭނެ ކަމާމެދުވަނީ ސުވާލު އުފެދިފަ އެވެ. އިންޑިއާއަކީ ޗައިނާއަށް ވުރެ ގުދްރަތީ ވަސީލަތްތައް މާގިނަ ގައުމެއްނަމަވެސް އިންޑިއާގައި ޑިމޮކްރަސީ އޮތްނަމަވެސް ހެޔޮ ވެރިކަމެއް ނެތިފައި ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވުމާއި ހޭލުންތެރިކަން ކުޑަވެފައި ތައުލީމުން މަރްހޫމުވެފައިވާ މީހުންގެ އަދަދު މިލިޔަނުން ގުނާލެވުމަކީ އިންޑިޔާގެ މުސްތަގްބަލް ބަނަވެފައިވާކަމެކެވެ.

މީގެއިތުރުން ޒަމާނީ އިންފްރާސްޓްރަކްޗާ ބިނާކުރުމާއި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދިޔުމުގައި އިންޑިއާ އަދި ވެސް އުޅެނީ އޭޝިއާގެ މެދުފަންތީގެ ގައުމުތަކަށްވުރެވެސް ފަހަތުގަ އެވެ. ޗައިނާއަށްވުރެ ގުދްރަތީ ވަސީލަތްތަކާއި ގުދްރަތީ މުއްސަނދިކަން މާބޮޑު އިންޑިއާގެ ޖީޑިޕީ 2.8 (ދޭއް ޕޮއިންޓް އަށެއް) ޓްރިލިޔަން ޑޮލަރުގައި ހުރިއިރު ގުދްރަތީ ޚަޒާނާ މަދު ޗައިނާގެ ޖީޑީޕީ އުޅެނީ ގާތްގަނޑަކަށް 16 ޓްރިލަޔަން ޑޮލަރުގައެވެ. އެމެރިކާގެ ޖީޑީޕީއަށް ވުރެ ޗައިނާގެ ޖީޑީޕީ މަދީ ގާތްގަނޑަކަށް 3 ޓްރިލިޔަން ޑޮލަރެވެ.

އިންޑިއާގެ އިގްތިސާދު ހީނަރުވުމާއި ހިންދޫ ހަރުކަށި ވިސްނުން ކުރިޔަށް ނެރުމާއެކު ބީޖޭޕީގެ މަގްބޫލުކަން ކުޑަވަމުން ދިޔަނަމަވެސް އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީގެ ލީޑާޝިޕް ބަލިކަށިކަމުން އޭގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރްސަތު ބީޖޭޕީއަށް އަދިވެސް އެބައޮތެވެ.

ގުޅޭ ޓެގު
comment ކޮމެންޓް