އީރާނުގެ ބަދަލުހިފުމުގެ ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 109 މީހުން ޒަޚަމްވި: ޕެންޓަގަން

އީރާނުގެ ހަމަލާތަކުގައި ހަލާުކުވި ތަންތަން އެމެރިކާ ސިފައިން ބަލަނީ

ވޮޝިންޓަން (11 ފެބްރުއަރީ 2020) : އީރާނުގެ އަސްކަރީ ޖެނެރަލެއް ކަމަށްވާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ޖަރީމާއަށް ބަދަލުހިފުމުގެ ގޮތުން އިރާގުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދިން ޙަމަލާތަކުގައި އެމެރިކާގެ 100 ގިނަސިފައިން ޒަޚަމްވި ކަމަށް އެންމެފަހުން އެމެރިކާ އެއްބަސްވެއްޖެއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަންގަން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖެނެރަލް ސުލައިމާނީ މަރަށް ބަދަލު ހިފުމުގެ ގޮތުން އީރާނުން ދިން ޙަމަލާތަކުގައި އެމެރިކާގެ 109 ސިފައިން ޒަޚަމްވިކަމުގައެވެ. ޒަޚަމްވި ސިފައިންނަށް ފަރުވާދިނުމަށްފަހު ބައެއް މީހުން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާ އަނެއްބައި މީހުންގެ ފަރުވާ އަދިވެސް ކުރިޔަށް ގެންދާކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އީރާނުގެ ބަދަލުހިފުމުގެ ހަމަލާތަކަށް ރައްދު ދޭން އެމެރިކާއަށް ކެރިފައިނުވާއިރު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް އޭގެ ދޮޅު ހަފްތާ ފަހުން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ އީރާނުގެ ޙަމަލާތަކުގައި އެމެރިކާގެ 11 ސިފައިން ޒަޚަމްވިކަމަށް އެއްބަސްވެފައެވެ.

ޒަޚަމްވި އެމެރިކާ ސިފައިންގެ ތެރެއިން ބައެއް މީހުންނަށް ފަރުވާދީފައިވަނީ ޖަރުމަނުގައިވާ އެމެރިކާގެ އަސްކަރީ ބޭހުގައި ހުންނަ ލޭންޑްސްޓުލް މެޑިކަލް ސެންޓަރުގައެވެ. އަނެއް ބައިމީހުންނަށް ފަރުވާދިނީ ކުވޭތުގެ އަރިފްޖާން ގައިވާ އެމެރިކާގެ އަސްކަރީ ބޭހުގެ މެޑިކަލް ސެންޓަރުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ކުވައިތުގައި ފަރުވާދިން މީހުންގެ ތެރެއިން ބައެއް މީހުން ފަހުންވަނީ ލޭންޑްސްޓުލް މެޑިކަލް ސެންޓަރަށް ޓްރާންސްފާ ކޮށްފައެވެ.

އީރާނުން ބަދަލުހިފުމުގެ ޙަމަލާތައް ދިނީ އެމެރިކާ ސިފައިންނަށް މާބޮޑު ގެއްލުމެއް ނުލިބޭނެގޮތެއްގެ މަތިންކަމަށް އަސްކަރީ ތަޖްރިބާކާރުން ދެކޭއިރު ހަމަލާތައް ދިނުމުގެ ކުރިން ހަމަލާދޭނެތަންތަން އީރާނުން އިރާގު ސަރުކާރަށް އެންގިކަމަށާ އެކަން އިރާގުން އެމެރިކާއާ ހިއްސާކުރިކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމުގެ ސަބަބުން އެމެރިކާއަށްވަނީ އެގައުމުގެ ސިފައިންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ބިންގަރާސްތަކަށް ވެއްދުމުގެ ފުރްސަތު ލިބިގެން ގޮސްފައެވެ.

އީރާނުންވަނީ އެމެރިކާއަށް ދިނީ އާދައިގެ ރައްދެއްކަމަށާ ޖެނެރަލް ސުލައިމާނީ ގެ މަރަށް ހަގީގީ ބަދަލުހިފާނީ ގަލްފާއި މެދުއިރުމަތީގައި ތިބޭ އެމެރިކާ ސިފައިން އެތަންތަނުން ފައްސާލައިގެން ކަމަށް ބުނެ އިންޒާރުދީފައެވެ. އީރާނުގެ އިންޒާރަށްފަހު އިރާގުގެ އެތެރެއިން އެމެރިކާސިފައިންނަށް ކެޓްޔޫޝާ ރޮކެޓްގެ އެތަށް ހަމަލާތަކެއް އަމާޒުވެފައިވެއެވެ. އަދި އިރާގުގައި ހުންނަ އެމެރިކާގެ އެންބަސީއަށްވެސް ކެޓްޔޫޝާ ރޮކެޓްގެ ދެ ޙަމަލާ އަރާފައިވެއެވެ. އެޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް ތުހުމަތު ކުރެވެނީ އިޜާގުގައިވާ އީރާނުގެ މަދަދު ލިބޭ ހަތިޔާރުއެޅި ޖަމާއަތްތަކެވެ.

ދާދިފަހުން އަފްޣާނިސްތާނަށް ވައްޓާލި އެމެރިކާގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާބޯޓު ވައްޓާލުމުގެ ފަހަތުގައިވަނީވެސް އީރާންކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އެ ބޯޓު ވައްޓާލިކަމަށް ތާލިބާނުން ބުނާއިރު އެކަމަށް ބޭނުންވާ ހަތިޔާރާއި ރާޑަރުފަދަ ތަކެތި ފޯރުކޮށްދިނީ އީޜާނުން ކަމަށް އަސްކަރީ ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވާއިރު އެބޯޓު ވައްޓާލުމުގެ ހާދިސާގައި އެމެރިކާ ސިފައިންގެ އަށް އޮފްސަރުން މަރުވިކަމަށް ޕެންޓަގަންއިން ބުނެއެވެ. ނަމަވެސް އެ ބޯޓު ވައްޓާލީ ތާލިބާނުންކަމަށް އިއްތުރާފްވާން އެމެރިކާވަނީ ފަސްޖެހިފައެވެ.

ތާލިބާނުންވަނީ އެމެރިކާގެ ބޯޓު ވައްޓާލި ސަރަހައްދަށް އެމެރިކާ ސިފައިން ދިޔުން މަނާކޮށްފައެވެ. އެމެރިކާގެ ބޯޓު ވައްޓާލި ސަރަހައްދަކީ އަފްޣާނިސްތާނުގައި ތާލިބާނުންގެ ކޮންޓްރޯލް އޮންނަ ސަރަހައްދެކެވެ. އޭގެފަހުން މިހަފްތާގެ ކުރީކޮޅު ތާލިބާނުންވަނީ އެމެރިކާ ސިފައިންގެ ދެމީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް