ކޮރޯނާ ވައިރަސްއަސް ޑަބްލިއުއެޗްއޯއިން ދިން ނަމަކީ ''ކޮވިޑް-19''

ޗައިނާގެ ސެންޝެންގެ ރޭލްވޭ ސްޓޭޝަނެއްގައި އެ ގައުމުގެ މީހަކު: ކޮރޯނާ ވައިރަސްގެ ބިރާ އެކު އެ ގައުމަށް ވަނީ ފަޅުކަން ވެރިވެފައި -- ފޮޓޯ/ ގެޓީ އިމޭޖަސް

މިހާރު ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން ”ކޮވިޑް-19“ ގެ ނަން ދީފިއެވެ.

ސުވިޒަލެންޑްގެ ޖެނީވާގައި މިއަދު އޮތް ކޮންފަރެސްއެއްގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޯސް ގެބްރީސަސް ވަނީ ކޮރޯނާއަށް ”ކޮވިޑް-19“ގެ ނަން ދިންކަން އިއުލާންކުރައްވައިފައެވެ.

މީގެ ކުރިން އެ ވައިރަސްއަށް " 2019- އެންކޮވް" ގެ ނަންވެސް ދިނެެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނި ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން އިއްޔެ 108 މީހަކު ވަނީ މަރުވެފަ އެވެ. އެއީ މިދިޔަ ޑިސެމްބަރު މަހު އެވައިރަސް ފެތުރެން ފެށި ފަހުން އޭގެ ސަބަބުން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ދުވަހެވެ. އިއްޔެ އެހާވަރަށް ވައިރަސް ޖެހިފައިވާ މީހުން މަރުވީ، އާދިއްތަ ދުވަހު ހަމަ އެސަބަބާ ހެދި 97 މީހަކު މަރުވި ފަހުންނެވެ.

ހެލްތު ކޮމިޝަނުން ބުނި ގޮތުގައި އިއްޔެ މަރުވި މީހުންނާ އެކު މިހާރު ޗައިނާގައި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 1،016އަށް އަރައިފަ އެވެ. އަދި މިހާރު ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 42،638 އަށް އަރައިފަ އެވެ.

އެ ވައިރަހުގެ ސަބަބުން ޗައިނާ އިން ވަނީ ވޫހާން އާއި އެސިޓީގެ ވަށައިގެންވާ ގިނަ ސަރަހައްދުތައް ކަރަންޓީނުކޮށްފަ އެވެ. އަދި ދުނިޔޭގެ ގިނަ އަދަދެއްގެ އެއާލައިންތަކުން ވަނީ ޗައިނާއަށް ކުރާ ދަތުރުތައް ހުއްޓާލާފަ އެވެ.

ކޮރޯނާވައިރަސް މިހާތަނަށް 27 ގައުމަކުން ފެނިފައިވީ ނަމަވެސް އެވައިރަހުގެ ސަބަބުން ގިނަ މީހުން މަރުވެފައި ވަނީ ޗައިނާގަ އެވެ. އެގައުމުން ބޭރުގައި މަރުވެފައި ވަނީ ހޮންކޮން އާއި ފިލިޕީންސްގައި ދެ މީހެކެވެ.

comment ކޮމެންޓް