ޓިއުޝަނެއް ނުނަގާ، ފަސް މާއްދާއިން 91 ޕަސެންޓް ފާސް!

ކިހާދޫ ސްކޫލްގެ އޯ ލެވެލް ހެދި ދަރިވަރުން--- ފޮޓޯ: ކިހާދޫ ސްކޫލް

މިއީ ބ. އަތޮޅުގައި އޮންނަ ކުޑަކުޑަ ރަށެއްކަމަށްވާ ކިހާދޫގައި ހުންނަ ކިހާދޫ ސްކޫލެވެެ. ސަތޭކަ ވިއްސަކަަށް ކުދިންނާއެކު ކިޔަވަމުންދާ މި ސްކޫލްއިން އޯ ލެވެލް އިމްތިހާނުގައި ދަރިވަރުން ބައިވެރިވެ އެވެ. ލިބިފައިވާ މަދު ވަސީލަތްތަކާއެކު ވެސް، މި ސްކޫލުން ދަރިވަރުން އޯލެވެލް ހަދަމުންދާތާ މިހާރު ހަތް އަހަރުވީ އެވެ.

ނިމިގެން ދިޔަ އަހަރު ކިހާދޫ ސްކޫލުން 12 ދަރިވަރުން އޯ ލެވެލް އިމްތިހާން ފުރިހަމަކުރި އިރު، އެ ދަރިވަރުން ހޯދީ ނަތީޖާ އަކީ އާދައިގެ ހިތްވަރެއް ނޫނެވެ.

އޯ ލެވެލް އިމްތިހާންގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން 91 ޕަސެންޓް ދަރިވަރުން ފާސްވި އެވެ. އެ ސްކޫލްގެ ދެކުދިން ޓޮޕްޓެންގެ ޖާގައެއްވެސް ކަށަވަރުކޮށްފި އެވެ.

މިދިޔަ އަހަރު ކިހާދޫ ސްކޫލުން އޯ ލެވެލް ހެދި އައިޝަތު ޝިފްނާއަށް ފަސް އޭސްޓާއާއި ތިން އޭއާއި އެއް ބީ ފާސް ހޯދި އެވެ. އޭނާ ހިމެނުނީ އޯ ލެވެލްގެ ޓޮޕްޓެންގެ ހަވަނައިގަ އެވެ. ޝިފާނާއާ ގާތުން ވާދަކުރި ހަމަ ކިހާދޫ ސްކޫލްގެ އަހުމަދު ޔައިޝްއަށް ދެ އޭސްޓާއާއި ތިން އޭ އަދި ތިން ބީ ފާސް ލިބުނެެވެ. ޔައިޝްއަށް ލިބުނީ، އޯ ލެވެލްގެ ޓޮޕްޓެންގެ ނުވަވަނަ އެވެެ.

މީގެ ކުރިން އެންމެ ފުރަތަމަ ކިހާދޫ ސްކޫލްގައި އޯ ލެވެލް ހެދި އިރު ފަސްމާއްދާއިން ފާސްވާކުދިންގެ ނިސްބަތް ހުރީ ވަރަށް ދަށުގަ އެެވެ. ނަމަަވެސް ފާއިތުވި ތިން އަަހަރު ވަނީ ނަތީޖާ ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.

ކުޑަ ސްކޫލަކަށް ވުމުން ދަރިވަރުންނަށް ކިޔަވައިދީފައިވަނީ ކޮމާސްއާއި ސައިންސް ސްޓްރީމް އެއްކޮށްލައިގެންނެވެ. އެގޮތުން ކެމިސްޓްރީ، ބައިލަޮޖީ، ބިޒްނަސް އަދި އެކައުންޓިން ކިހާދޫގައި އޯ ލެވެލްހެދި ކުދިން ކިޔެވި އެވެ. މި ހުރިހާ މާއްދާތަކުން އޯ ލެވެލް ހެދި ހުރިހާ ކުދިންވެސް ފާސްވި އެވެެ.

އޯ ލެވެލް ހެދި މާއްދާތަކުގެ ތެރެއިން ނަތީޖާ އެންމެ ފުރިހަމައަށް ނުނުރެވުނީ އިނގިރޭސިއާއި ހިސާބުންނެވެ. އިނގިރޭސި ހެދި ދަރިވަރުންގެ ތެރެއިން 73 ޕަސެންޓް ދަރިވަރުން ފާސްވިއިރު ހިސާބުން ފާސްވީ 64 ޕަސެންޓް ދަރިވަރުންނެވެ.

އޯ ލެވެލް ޓޮޕް ޓެންގައި ހިމެނުނު ކިހާދޫ ސްކޫލްގެ ދަރިވަރު އަހުމަދު ޔައިޝް--- ފޮޓޯ: ޔައިޝް

އިނގިރޭސިން އެންމެ ފުރިހަމަ ނަތީޖާ ނުނެރެވުނަސް ކިހާދޫ ސްކޫލްުގެ ޕްރިންސިޕަލް މުހައްމަދު ޒުބައިރު ހުރީ އެ ނަތީޖާއާ މެދު ހިތްހަމަ ޖެހިފަ އެވެ. މީގެ ކުރީ އަހަރުތަކުގައި އިނގިރޭސިން ފާސްވި ދަރިވަރުންގެ ޕަސެންޓް ވަރަށް ދަށެވެ. އެހެންވެ، މިއީވެސް ޒުބައިރު ބުނާގޮތުން ނަމަ ކާމިޔާބީއެކެވެ.

"ބިޒްނަސް އާާއި އެކައުންޓުން ސަތޭކަ ޕަސެންޓް ދަރިވަރުން ފާސްވަމުންދާތާ މިހާރު އަހަރުތަކެއްވެއްޖެ،" ޒުބައިރު ވިދާޅުވި އެވެެ.

ކިހާދޫ ސްކޫލްގައި ހިސާބާއި ބިޒްނަސް އަދި އިނގިރޭސި ކިޔަވައިދެނީ ދިވެހި ޓީޗަރުންނެވެ. ބިދޭސީ ޓީޗަރުން ހަމައެކަނި ކިޔަވައިދެނީ ސައިންސް މާއްދާާތަކާއި އެކައުންޓިން އެކަންޏެވެ. އެ ހުރިހާ ޓޗަރުންވެސް ނިމިގެން ދިޔަ އަހަރުގެ އޯ ލެވެލް ނަތީޖާއާމެދު ތިބީ ހިތްހަމަޖެހިގެންނެވެ.

" އަޅުގަނޑުމެން އޯ ލެވަލްއާ ދިމާކޮށް ބޭއްވި ފަސް ރަށެއްގެ ދަރިވަރުންނާއެކީ ސްޓަޑީ ކޭމްޕްއެއް. ދެން ހުންނާނެ ހަފްތާ ބަންދާ ދިމާކޮށް ރަށްރަށުންވެސް ޓީޗަރުން ގެނެސް ސެޝަންތައް ނަގައިދީފައި. މި ސްކޫލްގެ ޕީޓީއޭއިން ދިން 20،000 ރުފިޔާވެސް ދަރިވަރުންނަށް އިތުރުގަޑިތައް ނަގައިދީ ނަތީޖާ ރަނގަޅުކުރުމަސް އެހީތެރިވުމަށް" ޒުބައިއިރު ވިދާޅުވި އެެވެ.

ކިހާދޫ ސްކޫލުން މިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންތަކެއް--- ފޮޓޯ: ކިހާދޫ ސްކޫލް

ކުޑަ ސްކޫލަކަށް ވާތީ، ކިހާދޫ ސްކޫލްގައި ސައިންސް ލެބޯޓަރީއެއް ނެތުމަކީ މިދިޔަ އަަހަރު އޯ ލެވަލް ހެދި ދަރިވަރުންގެ އެންމެ ބޮޑު ޝަކުވާ އެެވެ. ނަމަވެސް ދަރިވަރުންނަށް ދަތިވިޔަ ނުދިނުމަށް ސްކޫލުން ވަނީ އެ އަތޮޅު ދަރަވަންދޫ ސްކޫލަށް ގެންގޮސް ލެބޯޓަރީގެ ހިދުމަތް ދަރިވަރުންނަށް ދީފަ އެވެ.

" ލެބޯޓަރީ ނެތަސް ބައެއް ދަރިވަރުން އެބަހުރި ސައިންސްގެ މާއްދާތަކުން އޭ ސްޓާހޯދާފައި" ޒުބައިރު ފަހުރުވެރިކަމާއެކު ވިދާޅުވި އެެވެ.

ކިހާދޫ ސްކޫލް ކުދިންގެ އެންމެ ތަފާތުވާ ސަަބަބަކީ، މި ސްކޫލުން އޯ ލެވެލް ހެދި ކުދިން ޓީއުޝަން ނުނެގުމެވެ. އަތޮޅުގައި ތައުލީމަށް އެންމެ ފާހަގަކޮށްލެވޭ އޭދަފުށި ފަދަަ ރަށްރަށުގެ ދަރިވަރުން އޭ ސްޓާ ދަރަޖައިން ވިދާލިއިރު ގިނަ ކުދިންނަކީ އަބަދުހެން ޓިއުޝަން ނެގިކުދިންނެވެ.

ޓިއުޝަން ނެގުމުގައި ބަދަލުގައި ސްކޫލުން ބެލީ ދަރިވަރުންނަށް ވީހާވެސް ރަނގަޅަށް ފިލާވަޅުތައް ކިޔައިދީ ރިވައިޒް ކުރާށެވެ. ބެލެނިވެރިންވެސް ބޭނުންވީ އެގޮތެވެ. ގިނަ ދަރިވަރުން ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވިކަންވެސް ޒުބައިރު ފާހަގަކުރެއްވި އެެވެ.

ކިހާދޫ ސްކޫލްގެ ޕްރިންސިޕަލް ޒުބައިރު (ކ) ސްކޫލް ކުދިންނާއެކު---- ފޮޓޯ: ކިހާދޫ ސްކޫލް

މި ސްކޫލްގެ ފަހުރުވެރި ނަތީޖާއާއެކު ކިހާދޫގެ ރައްޔިތުންގެ އިތުބާރުވެސް މިހާރު ސްކޫލާމެދު ބޮޑުވެއްޖެ އެވެ. ދަރިންނަށް ރަނގަޅު ތައުލީމެއް ދިނުމަށް ރަށް ދޫކޮށްލައިފައި މާ ދުރުގައި އޮތް ރަށަކަށް ދާން ޖެހޭ ކަމަށް ދެކެވޭ ދެކެވުން ބަދަލުވާން ފަށައިފި އެވެ. އެއަށްވުރެ ގާތުން ރަނގަޅު ތައުލީމެއް ރަށުން ލިބެ އެެވެ. މިހާރު ދަރިން އެހެން ރަށްރަށަށް ފޮނުވަނީ އޭ ލެވެލްއަށް ނޫނީ މަތީ ތައުލީމް ދިނުމަށް އެކަންޏެވެ.

އެތައް އަހަރެއްގެ މަސައްކަތުން، ކާމިޔާބުގެ މަންޒިލެއްގ އައްސޭރިއަށް ކިހާދޫ ސްކޫލްއަށް މިހާރު އާދެވިއްޖެ އެވެ. ނަމަވެސް އަދިވެސް ގޮންޖެހުންތައް އެބަހުއްޓެވެެ. ގޮންޖެހުންތަކާއެކު ވެސް ކިހާދޫ ސްކޫލުން އޮތީ، ފަހަތަށް ނުޖެހި ހޯދި ކާމިޔާބީ ދެމެހެއްޓުމުގެ އަޒުމުގަ އެވެ. ސްކޫލްގެ ޕްރިންސިޕަލް ޒުބައިރު ހުންނެވީ، އެހާ ފަސޭހައިން އުންމީދު ނަގާލާ ގޮތަކަށް ނޫނެވެ. އޭނާ ހުންނެވީ، އުންމީދު އުފަންކުރުވައި، އެ އުންމީދުގައި ކުރިއަށް ދިޔުމުގެ ވަރުގަދަ އަޒުމެއްގަ އެވެ.

comment ކޮމެންޓް