ގައިދީންނަށް ލުއި ހޯދަން އެދޭތާ ތިން މަސް ތެރޭގައި ގޮތެއް ނިންމަނީ

ކްލެމެންސީ ބޯޑުގެ ބައްދަލުވުމެއްގެ ތެރެއިން --- ފޮޓޯ: އޭޖީ

ކްލެމެންސީ ބޯޑަށް އިލްތިމާސް ފޯމް ލިބޭތާ ތިން މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ޖެހޭ ގޮތަށް ގަވާއިދަށް ބަދަލު ގެނައިސްފި އެވެ.

ކްލެމެންސީ ބޯޑުގެ މައްސަކަތްތައް ހަލުވި ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދިރާސާކުރުމަށް ފަހު ކްލެމެންސީ ބޯޑަށް އިލްތިމާސް ފޯމް ލިބޭތާ ތިން މަސް ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭންޖެހޭ ގޮތަށް އާ އިސްލާހު ފާސްކުރީ އިއްޔެ ބޭއްވި އެ ބޯޑު ބައްދަލުވުމުގަ އެވެ.

ކުރިން އޮންނަ ގޮތުން ކްލެމެންސީ ބޯޑަށް މައްސަލަ ހުށަހެޅުމުން ނިންމުމަށް ވަކި މުއްދަތެއް ނޯވެ އެވެ. އެހެން ކަމުން އެ ބޯޑަށް ހުށަހަޅާ މައްސަލަތައް ދިގުލައިގެންދާ ކަމަށް ބުނެ ގިނަ ފަރާތްތަކަކުން ޝަކުވާ ވެސް ކުރެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލިވި ފަހުން ޖަލުތަކުގެ ހާލަތާއި ގައިދީންނަށް ލިބެން ޖެހޭ ހައްގުތައް ކަށަވަރު ކުރުމަށް ވަނީ ގިނަ ކަންތައްތަކެއް ކޮށްފަ އެވެ. އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައި ވެސްވެ އެވެ.

comment ކޮމެންޓް