ކޮޅުމަޑުލުގެ ރަށްތަކަށް އަމާޒުކޮށްގެން ވޮލީ މުބާރާތެއް ފަށައިިފި

ކޮޅުމަޑުލު ރަށްތަކަށް އަމާޒުކޮށްގެން އިއްޔެ ފެށި ވޮލީ މުބާރާތުގެ ތެރެއިން.

ތ. އަތޮޅު ކައުންސިލްގެ ފަރާތުން ކޮޅުމަޑުލުގެ ރަށްރަށަށް އަމާޒުކޮށްގެން ބާއްވާ ވޮލީމުބާރާތް އިއްޔެ އެ އަތޮޅު މަޑީފުށީގައި ފަށައިފި އެވެ.

ފެބުރުއަރީ 10 އިން 24 އަށް ކުރިއަށްދާ މިމުބާރާތުގައި ހަތް ރަށަކުން ޖުމްލަ 10 ޓީމް ވަނީ ބައިވެރިވެފަ އެވެ. މި މުބާރާތް ކުރިއަށްދަނީ ފިރިހެން އަދި އަންހެން ޑިވިޝަން ކެޓަގަރީތަކަށް ބަހާލައިގެންނެވެ. އެގޮތުން މި މުބާރާތުގައި ފިރިހެން ހަ ޓީމާއި އަންހެން ހަތަރު ޓީމް ވަނީ ބައިވެރިވެފަ އެވެ.

ކޮޅުމަޑުލު ރަށްތަކަށް އަމާޒުކޮށްގެން އިއްޔެ ފެށި ވޮލީ މުބާރާތުގެ ތެރެއިން.

މި މުބާރާތުގެ މަޤުޞަދަކީ ކޮޅުމަޑުލުގައި ވޮލީ ކުރިއަރުވައި ޤައުމީފެންވަރުގެ ކުޅުންތެރިން މި ކުޅިވަރުގެ ގެތެރެއިން އުފަންކުރުމާއި ކޮޅުމަޑުލުގެ ރަށްރަށުގެ ޓީމުތަކުގެ ކުޅުންތެރިންގެ މެދުގައި ގުޅުން ބަދަހިކޮށް އަތޮޅުގެ ރަށްތަކުގެ ގުޅުންތެރިކަމާއި އެކުވެރިކަން އާލާކުރުން ކަމަށް ތ.އަތޮޅު ކައުންސިލުން ވަނީ ބުނެފަ އެވެ.

މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ފިރިހެން ޑިވިޝަންގެ ދެ ޓީމް ކަމަށްވާ ހިރިލަންދޫ އާއި މަޑިފުއްޓެވެ. މިމެޗް ސީދާ ތިން ސެޓުން ހިރިލަންދޫ ޓީމް ކާމިޔާބު ކުރި އިރު މެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ އެ ޓީމްގެ މުޙައްމަދު ޝަމްވީލް އެވެ.

ކޮޅުމަޑުލު ރަށްތަކަށް އަމާޒުކޮށްގެން އިއްޔެ ފެށި ވޮލީ މުބާރާތުގެ ތެރެއިން.

މުބާރާތުގައި މިއަދު ވެސް ވަނީ މެޗުތަކެއް ކުޅެން ހަމަޖެހިފަ އެވެ. އެ ގޮތުން މިއަދު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަންހެން ޑިވިޝަންގެ ދެ ޓީމް ކަމުގައިވާ ކިނބިދޫ އާއި ވިލުފުށި ޓީމެވެ.

މަޑިފުށީ ވޮލީކޯޓްގައި ބޭއްވުނު ރަސްމިއްޔާތުގައި މުބާރާތް ފައްޓަވާދެއްވީ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަން ކޮމާންޑަ ޗީޕް އިންސްޕެކްޓަ އޮފް ޕޮލިސް އަހުމަދު ހުސައިން އެވެ.

comment ކޮމެންޓް