ޕެރަސައިޓް، އޮސްކާ ހިސޯރުކޮށް ތާރީހުގެ ތެރެއަށް!

ދާދި ދެންމެ ނިމިގެން ދިޔަ އޮސްކާސް ހަފްލާގައި އެންމެ މޮޅު ފިލްމުގެ އެވޯޑާ ހަވާލުވުމަށް ޕެރަސައިޓްގެ ކާސްޓާއި ކްރޫ ސްޓޭޖަށް އަރައި --- ފޮޓޯ : ނިއުޔޯކް ޓައިމްސް

ދެކުނު ކޮރެއާއިން މިދިޔަ އަހަރު ނެރުނު ކޮމެޑީ ޑްރާމާ ފިލްމު ޕެރަސައިޓް، އޮސްކާގެ އެންމެ މޮޅު ފިލްމުގެ އެވޯޑު ހޯދައި އޮސްކާ ތާރީހުގައި މުޅީން އާ ރެކޯޑެއް ގާއިމުކޮށްފި އެވެ.

ފިލްމީ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާސް ހަފްލާ ދާދި ދެންމެ އަކު ނިމިގެންދިޔަ އިރު މުޅި ހަފްލާގައި އެންމެ ގަދައަށް ވިދާލާފައިވަނީ ޕެރަސައިޓެވެ.

އެންމެ ޝަރަފުވެރި އެވޯޑުތަކުގެ ނޯމިނޭޝަންގައި ޕެރަސައިޓްގެ ނަން ހިމެނިގެން ދިޔުންވެސް އެއީ ބޮޑު ރެކޯޑެކެވެ. އެއީ ފުރަތަމަ ފަހަރަށް ދެކުނު ކޮރެއާގެ ފިލްމެއް އޮސްކާސްގެ އެންމެ މޮޅު ފިލްމުގެ އެވޯޑަށް ނޯމިނޭޓްވުމެވެ. ނަމަވެސް ގިނަ ބަޔަކު ސިއްސުވާލުމަށް ފަހު އެންމެ މޮޅު ފިލްމުގެ އެވޯޑު، ޕެރަސައިޓް އަށް ދިނުމުން މުޅީން އާ އަދި ވަރުގަދަ ރެކޯޑެއް ވަނީ ގާއިމުވެފަ އެވެ.

އޮސްކާސްގެ ރެޑް ކާޕެޓުގައި ޕެރަސައިޓްގެ ކާސްޓުން --- ފޮޓޯ : ރޮއިޓާސް

އޮސްކާގެ ދިގު ތާރީހުގައި ވެސް މިހާތަނަށް އަދި ބައިނަލްއަގުވާމީ ފިލްމެއް، ނުވަތަ އިންގިރޭސި ނޫން އެހެން ބަހަކުން ތައްޔާރުކޮށްފައިވާ ފިލްމެއް، އެންމެ މޮޅު ފިލްމުގެ އެވޯޑު ހާސިލުކޮށްފައެއް ނުވެ އެވެ. ނަމަވެސް ޕެރަސައިޓް ވަނީ އެ ރެކޯޑު ގާއިމުކޮށްފަ އެވެ.

ޕެރަސައިޓް އަށް ވަނީ އެންމެ މޮޅު ބައިނަލްއަގުވާމީ ފިލްމުގެ އެވޯޑާއި އެންމެ މޮޅު ސްކްރީން ޕްލޭގެ އެވޯޑުވެސް ލިބިފަ އެވެ. ފިލްމުގެ ޑައިރެކްޓަރު ބޮންގް ޖޫން ހޯ އަށް ވަނީ އޮސްކާސްގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ވެސް މިފަހަރު ލިބިފަ އެވެ.

އޮސްކާސްގައި ޕެރަސައިޓްބެ ޑައިރެކްޓަރު ބޮންގް ޖޫން ހޯ ވާހަކަދައްކަނީ --- ފޮޓޯ : ނިއުޔޯކްޓައިމްސް

"އަސްލު ހިއެއްވެސް ނުކުރަން އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު ލިބިދާނެ ކަމަށް. އިންޓަނޭޝަނަލް ފިލްމު ލިބުނީމަ ދެން ހަމަޖެހިލައިގެން އިންނަން ޖެހޭނެ ކަމަށް ހީކުރީ. އެކަމު މި އެވޯޑަށް ނޯމިނޭޓްވި ހުރިހާ ފަރާތްތަކަށް ވެސް މި އެވޯޑު ހައްގު. އެހެންވީމަ އަޅުގަނޑު އޮސްކާ ގާތު އެދެން ބޭނުންވަނީ އަޅުގަނޑުގެ އެވޯޑު ފަސް ބަޔަކަށް ބަހާލަން،" އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާ ހަވާލުމަށް ސްޓޭޖަށް އަރައި ޖޫން ހޯ ބުންޏެވެ.

comment ކޮމެންޓް