ބްރެޑް ޕިޓާއި ލޯރާ ޑާންއަށް ފުރަތަމަ އޮސްކާ

ލޯރާ ޑާން އާއި ބްރެޑް ޕިޓް، މިއަހަރުގެ އޮސްކާސް އާ ހަވާލުވެ --- ފޮޓޯ : އިވްނިން ސްޓެންޑާޑް

ހޮލީވުޑްގެ މަޝްހޫރު ފަންނާނުން ކަމަށްވާ ބްރެޑް ޕިޓާއި ލޯރާ ޑާން އަށް ފުރަތަމަ ފަހަރަށް އޮސްކާ އެވޯޑެއް ލިބިއްޖެ އެވެ.

ހޮލީވުޑްގައި ގިނަ އަހަރުތަކެއް ވަންދެއް މަސައްކަތްކުރަމުން އަންނަ ދެ ފަންނާނުން މީގެކުރީން ވަނީ އޮސްކާސްގެ އެވޯޑުތަކަށް ނޯމިނޭޓްވެފަ އެވެ. ނަމަވެސް މިއީ ދެ ފަންނާނުންނަށް ވެސް ލިބިފައިވާ ފުރަތަމަ އެވޯޑެވެ.

ފިލްމު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ އޮސްކާސްގައި ބްރެޑް އާއި ލޯރާއަށް ލިބިފައި ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރުންގެ އެވޯޑެވެ.

ބްރެޑް ޕިޓަށް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ރޯލު ލިބިފައި ވަނީ މިދިޔަ އަހަރު ނެރުނު "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް"ގައި އޭނާ ކުޅެފައިވާ ރޯލަށެވެ. އަދި ލޯރާއަށް އެ އެވޯޑު ލިބިފައި ވަނީ ނެޓްފްލިކްސްގެ "މެރިޖް ސްޓޯރީ"ގައި އޭނާ ކުޅެފައިވާ ރޯލަށެވެ.

މި އަހަރުގެ އެންމެ މޮޅު ސަޕޯޓިން އެކްޓަރުންގެ ނޯމިނޭޝަންތައް ވަރަށް ވާދަވެރި އެވެ. އެގޮތުން އެންމެ މޮޅު އަންހެން ސަޕޯޓިން އެކްޓަރުގެ އެވޯޑުގެ ނޯމިނޭޝަންްގައި ކޭތީ ބޭޓްސް އާއި މާގޯ ރޮބީ އާއި ސްކާލެޓް ޖޯހެންސަން އަދި ފްލޯރެންސް ޕަފް ހިމެނެ އެވެ.

އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރުގެ ނޯމިނޭޝަންގައި ޓޮމް ހޭންކްސް އާއި އެންތަނީ ހޮޕްކިންސް އާއި އަލް ޕަސީނޯ އަދި ޖޯ ޕެސްކީ ހިމެނެ އެވެ.

ބްރެޑް ޕިޓްގެ އެކްޓިން އަށް ފުރަތަމަ އެވޯޑު ލިބިފައިވާ އިރު މީގެކުރީން ވެސް އޭނާ އަށް އޮސްކާއެއް ލިބިފައިވެ އެވެ. އެގޮތުން ބްރެޑް ޕިޓް ޕްރޮޑިއުސްކުރި ފިލްމެއް ކަމަށްވާ "12 އިޔާސް އަ ސްލޭވް" އަށް ވަނީ އޮސްކާ ލިބިފަ އެވެ.

comment ކޮމެންޓް