އަރިދަފުސް ރޯގާ ރިޕޯޓުކުރާ މިންވަރު އިތުރުވާން ފަށައިފި

ސަން ފައިލް ފޮޓޯ

މިދިޔަ ޖެނުއަރީ މަހުގެ ފަހު ހަފްތާއިން ފެށިގެން އަރިދަފުސް ރޯގާ ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ފަސްވަނަ ހަފްތާގައި އަރިދަފުސް ރޯގާ ރިޕޯޓުކޮށްފައިވާ މިންވަރު ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.

މި އަހަރުގެ ފުރަތަމަ ހަފްތާ އަރިދަފުސް ރޯގާގެ 2282 ކޭސް ރިޕޯޓުކޮށްފައި ވާއިރު، ދެވަނަ ހަފްތާ 4234 ކޭސް، ތިން ވަނަ ހަފްތާ 4636 ކޭސް އަދި ހަތަރު ވަނަ ހަފްތާ 4121 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ނަމަވެސް ފަސް ވަނަ ހަފްތާ އެ އަދަދު ވަނީ 7140 އަށް އަރައިފައެވެ. އެޗްޕީއޭ އިން ބުނީ މިއީ ފަހަރުގައި އަރިދަފުސް ރޯގާ ޖެހޭ މިންވަރު އިތުރުވުމުގެ ސަބަބުން އައި ބަދަލެއް ކަމަށް ވެދާނެ ކަމަށެވެ.

ނަމަވެސް މިއީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް އާގުޅިގެން، އާންމުން ރޯގާއަށް ހޭލުންތެރިވުމުގެ ސަބަބުން އައި ބަދަލަކަށް ވެދާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މި އަހަރުގެ ފަސް ވަނަ ހަފްތާ އަރިދަފުސް ރޯގާ ރިޕޯޓުކުރި މިންވަރު އިތުރުވި ނަމަވެސް ހަ ވަނަ ހަފްތާ އެ އަދަދު ވަނީ 4441 އަށް ތިރިވެފައެވެ.

އެޗްޕީއޭ އިން ބުނީ ފާއިތުވި ތިން އަހަރު ވެސް އަރިދަފުސް ރޯގަ ރިޕޯޓުކުރާ މިންވަރު އެންމެ ބޮޑަށް އިތުރުވެފައި ވަނީ މެއި-ޖޫން ހިސާބުގައި ކަމަށެވެ.

އަރިދަފުސް ރިޕޯޓުކުރާ މިންވަރު އިތުރުވަމުން އަންނާތީ އެޗްޕީއޭއިން ވަނީ ކެއްސާ، ކިނބިހި އަޅާއިރު އަނގަޔާ ނޭފަތް ޓިޝޫއަކުން ނިވާކުރުމަށް އިލްތިމާސްކޮށްފައެވެ.

ނިވާކުރުމަށް ޓިޝޫއެއް ނެތްނަމަ، މުލައްދަނޑިން އަނގަޔާ ނޭފަތް ނިވާވާގޮތަށް ހުރަސް ކުރުމަށާއި ބޭނުންކުރާ ޓިޝޫ ކުނި ވަށިގަނޑަށް އެއްލައިލުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ހަމައެއާއެކު ހުން އައިސް ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭއިން އިސްތިމާސް ކުރެއެވެ.

comment ކޮމެންޓް