ތައިލޭންޑުގައި ބަޑިން ހަމަލާދިން ސިފައިންގެ މީހާ މަރާލައިފި

ޓާމިނަލް 21 ޝޮޕިން ސެންޓަރުގައި ތިބި މީހުން ސަލާމަތްކޮށްގެން ގެންދަނީ -- ފޮޓޯ: ރޮއިޓާސް

ބޭންކޮކް (ފެބްރުއަރީ 9): ތައިލޭންޑުގެ ނާކޮން ރަޗަސިމާ ސިޓީގައި އިއްޔެ ބަޑިން ހަމަލާދީ 26 މީހަކު މަރާލި ސިފައިންގެ މީހާ އެގައުމުގެ ފުލުހުންނާއި ސިފައިން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި މަރާލައިފިއެވެ.

ތައިލޭންޑުގެ ބޮޑުވަޒީރު ޕްރަޔޫތު ޗަންއޮޗާ ވިދާޅުވި ގޮތުގައި ޖަކްރަޕަންތު ތޮއްމާ ކިޔާ އެސިފައިންގެ މީހާ އެ ހަމަލާ ދިން ކަމަށް ބެލެވެނީ، ބިމެއް ގަތުމުގެ މައްސަލައެއްގައި އޭނާއަށް އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ.

އެ ހަމަލާ ދޭން ފެށީ ތޮއްމާ މަސައްކަތް ކުރަމުން ދިޔަ އަސްކަރީ ކޭމްޕެއްގަ އެވެ. އޭނާ ފުރަތަމަ މެރި މީހުންނަކީ އެ ކޭމްޕުގެ ކޮމާންޑިން އޮފިސަރާއި އޭނާގެ މައިދައިތަ އާއި އިތުރު ސިފައިންގެ މީހެކެވެ.

ޓާމިނަލް 21 ޝޮޕިން ސެންޓަރުގައި ހަމަލާދޭތީ އެތަނުން ދުރަށް މީހުން ގެންދަނީ -- ފޮޓޯ: އޭއެފްޕީ އެއަށް ފަހު އެ ކޭމްޕުން ހަތިޔާރާއި ވަޒަން ނަގައިގެން، ތޮއްމާ އަސްކަރީ އުޅަނދަކުން ފިލި އެވެ. ދެން އޭނާ ހަމަލާ ދޭން ފެށީ ޓާމިނަލް 21 ޝޮޕިން ސެންޓަރުގަ އެވެ. އަދި އޭނާގެ ފޭސްބުކް އެކައުންޓު ބްލޮކް ކުރަންދެން، ތޮއްމާ ދިޔައީ އެހަމަލާއާ ބެހޭ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

އޭގެ ފަހުން ތައިލޭންޑުގެ ފުލުހުންނާއި ސިފައިން އެ ޝޮޕިން ސެންޓަރު ވަށާލައި، އެތެރޭގައި ތާށިވެފައި ތިބި ގިނަ އަދަދެއްގެ މީހުން ސަލަމާތްކުރި އެވެ.

އެ އޮޕަރޭޝަނުގައި ތޮއްމާ މަރުވެފައިވާކަން ފުލުހުން އިއުލާން ކުރީ މިއަދު ހެނދުނު އެގައުމުގެ ގަޑިން 9:00ގަ އެވެ. އަދި އޮފިޝަލުން ވަނީ ހަމަލާގައި 26 މީހަކު މަރުވެ، 57 މީހަކަށް އަނިޔާވެފައިވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް