ކަޝްމީރުގެ މައްސަލާގައި އިސްލާމީ ސަމިޓެއް ބާއްވަން ޕާކިސްތާން އެދުނު އެދުމަށް ސައޫދީ ދެކޮޅު ހަދައިފި

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އާއި ސައޫދީ ގެ ހަގީގީ ވެރިޔާކަމަށް ސިފަކުރެވޭ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން

އިސްލާމް އާބާދު (9 ފެބްރުއަރީ 2020) : އިންޑިއާއިން ކަޝްމީރުގެ ރައްޔިތުންނާމެދު ހިންގާ ހަރުކަށި އަދި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޓަކައި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ)ގެ ސަމިޓެއް ބޭއްވުމަށް ޕާކިސްތާނުން އެދުނު އެދުމަށް ސައޫދީ އަރަބިޔާ ދެކޮޅު ހަދައިފި އެވެ.

ޕާކިސްތާނުގެ މީޑިއިން ބުނީ ކަޝްމީރުގެ މައްސަލާގައި އޯއައިސީގެ އިސްވެރިންގެ ޚާއްސަ ސަމިޓެއް ބޭއްވުމަށް އެގައުމުން އެދުނު އެދުމަށް ދެކޮޅު ހަދާކަން ސައޫދީ ސަރުކާރުން ރަސްމީ ސިފައެއްގައި އަންގާފައިވާ ކަމުގައެވެ. ޖިއްދާގައި މަރުކަޒު ހުންނަ އޯއައިސީ އަށް ސައޫދީ ސަރުކާރުން ބާރާއި ނުފޫޒު ހިންގާކަމުގެ ޝަކުވާ އިސްލާމީ އެތަށް ގައުމަކުން ކުރެއެވެ. ސައޫދީ ބޭނުންނުވާ މައްސަލަތައް އޯއައިސީގެ ބައްދަލުވުންތަކުގައި އެޖެންޑާ ނުކުރުމާއި ސައޫދީ ބޭނުންނުވާ ކަމަކަށް ޚާއްސަކޮށްގެން އޯއައިސީގެ ސަމިޓް ބޭއްވުން ފަދަ ކަންކަން ނުކުރެވޭ ކަމުގެ ޝަކުވާ ތުރުކީ، މެލޭޝިއާ، އީރާން، ޕާކިސްތާން އަދި ގަތަރު ފަދަ ގައުމުތަކުންވަނީ ކޮށްފަ އެވެ.

ސައޫދީގެ ނުފޫޒާ ގުޅިގެން މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ ލީޑާޝިޕްގެ ދަށުން މިދިޔަ ޑިސެމްބަރުމަހު އިސްލާމީ ބޮޑެތި ބައެއް ގައުމުތަކުންވަނީ އޯއައިސީ އާ ވަކިން ކުއާލަލަންޕޫރުގައި އިސްލާމީ ޚާއްސަ ސަމިޓެއް ބާއްވައިފަ އެވެ. އެސަމިޓްގައި ބައިވެރިވެވަޑައިގެންނެވި އިސްލާމީ ލީޑަރުންގެ ތެރޭގައި މަހާތީރުގެ އިތުރުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާއި އީރާނުގެ ރައީސް ހަސަން ރޫހާނީ އާއި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު ހިމެނިވަޑައިގެންނެވި އެވެ. އެސަމިޓްގައި ބައިވެރިނުވުމަށް އިސްލާމީ ގިނަ ގައުމުތަކަށް ސައޫދީން ބޮޑެތި ފިއްތުންތައް ކުރިމަތިކުރުމާ ގުޅިގެން ސައޫދީ ދެކެ ޖެހިލުންނުވާ މިދެންނެވި އިސްލާމީ މަދުގައުމުތަކުގެ އިސްވެރިން މެނުވީ އެސަމިޓްގައި ބައިވެރިވެފައެއްނުވެ އެވެ.

ނަމަވެސް އިސްލާމީ ގިނަ ގައުމުތަކުންނާއި އިސްލާމް ނޫން ގައުމުތަކުގެ އިސްލާމީ ޖަމްއިއްޔާތަކުން އެސަމިޓްގައި ޕްރޮފެސަރުންނާއި މުފައްކިރުންފަދަ އިލްމީ ބޭފުޅުން ބައިވެރިކޮށްފައިވެ އެވެ. ކުއާލަންޕޫރުގެ ސަމިޓާ ދެކޮޅަށް ސައޫދީ ރަސްމީ މީޑއާއިން ބަހުގެ ޙަމަލާތައް ދީފައިވާއިރު އެ ސަމިޓްގައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާން ބައިވެރިވެވަޑައިގަންނަވާގޮތަށް ކުރިން ހަމަޖެހުނު ނަމަވެސް ސައޫދީ ގެ ފިއްތުންތަކާ ގުޅިގެން ޕާކިސްތާނުން ބައިވެރިވެވަޑައިގަތީ އިމްރާން ޚާންގެ ބަދަލުގައި ޚާރިޖީ ވަޒީރު މަހްމޫދު ގުރައިޝީ އެވެ. އިމްރާން ޚާން އެ ސަމިޓްގައި ބައިވެރިވެ ވަޑައިނުގެންނެވުމުން ސައޫދީ ޚާރިޖީ ވަޒީރު ވަނީ ޑިސެމްބަރު މަހުގެ ފަހުކޮޅު ޕާކިސްތާނަށް ވަޑައިގެން އެކަމަށްޓަކައި އިމްރާންޚާނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކަޝްމީރުގެ މައްސަލާގައި އޯއައިސީ ގެ އިސްވެރިންގެ ސަމިޓެއް ބާއްވައި ދިނުމަށް ޕާކިސްތާނުން ސައޫދީގެ ކިބައިން އެދިފައިވަނީ މިދިޔައަހަރުކަމަށާ ކުއާލަލަންޕޫރުގެ ސަމިޓްގައި އިމްރާންޚާން ބައިވެރިވެ ވަޑައިނުގަތުމުން ކަޝްމީރާބެހޭ ސަމިޓް ބާއްވައި ދޭނެކަމުގެ އިޝާރާތެއް އެދުވަސްވަރު ސައޫދީ ސަރުކާރުން ދިން ކަމަށް ޕާކިސްތާނުން ބުނެފައިވެ އެވެ. ނަމަވެސް މިހާރު އެކަމަށް ސައޫދީ ދެކޮޅު ހަދާފައިވާ ކަމަށް ޕާކިސްތާނުގެ ރަސްމީ މީޑިއާއިން އިއްޔެ ބުނެފައިވެ އެވެ.

ކަޝްމީރުގެ ބައެއް ކަމަށްވާ ޖަންމޫ ކަޝްމީރު އިންޑިއާގެ ދަށުގައި ބޭއްވުމަށްޓަކައި އެސަރަހައްދަށް ޚާއްސަ އިމްތިޔާޒްތައް ދިނުމަށް އިންޑިއާގެ ގާނޫނު އަސާސީގައި ހިމަނާފައިވާ 370 ވަނަ މާއްދާ އުވާލައި، ކަޝްމީރަކީ އިންޑިއާގެ ސީދާ ކޮންޓްރޯލްގެ ދަށުގައި އޮންނަ ތަނެއްކަމަށް ރަސްމީކޮށް ހެދުމަށް ފަހު ކަޝްމީރުގެ ރައްޔިތުން މައިތިރި ކުރުމަށް ޓަކައި އިންޑިއާއިންވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އެދުވަސްވަރު ސައޫދީ އިސް ބައެއް މަސްއޫލުވެރިން ވަނީ އިންޑިއާއަށް ޒިޔާރަތް ކުރައްވާފަ އެވެ. ނަމަވެސް ކަޝްމީރުގެ މައްސަލާގައި އިންޑިއާގެ އަމަލުތައް ހުރިގޮތާމެދު ސައޫދީ މަސްއޫލުވެރިން ކަންބޮޑުވުން ފާޅުކުރައްވާފައެއް ނުވެ އެވެ.

އިންޑިއާއިން ކަޝްމީރުގެ ރައްޔިތުންނާމެދު ހަރުކަށިކޮށް އަމަލުކުރިނަމަވެސް ސައޫދީ ސަރުކާރުން ދާދިފަހުން ވަނީ އިންޑިއާގައި ހަކތައިގެ ދާއިރާގައި 75 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިކަންކަމުގެ ނޭދެވޭ އަސަރު ޕާކިސްތާނާއި ސައޫދީގެ ގުޅުންތަކަށް ކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ.

ޕާކިސްތާނާއި ސައޫދީ އަކީ ކުރިން ވަރަށް ގާތްގުޅުންތަކެއް އޮތް ދެގައުމެވެ. ނަމަވެސް ފާއިތުވި ފަސް ވަރަކަށް އަހަރު ތެރޭގައި އެދެގައުމުގެ ގުޅުންތަކަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސް ބުރޫ އަރާފަ އެވެ. މީގެތެރޭގައި ކުރިއާ ޚިލާފަށް ސައޫދީން އިންޑިއާ ގާތްގުޅުންތަކެއް ބާއްވަން ފެށުމާއި ޔަމަންގައި ސައޫދީން ކުރިޔަށް ގެންދާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައިގާ ބައިވެރިވުމަށް ޕާކިސްތާން ދެކޮޅު ހެދުމާއި ޕާކިސްތާނުން އެގައުމުގެ އަވަށްޓެރިޔާ ކަމަށްވާ އީރާނާ ގުޅުންތައް ރަނގަޅުކުރުމާއި ޕާކިސްތާނުން ތުރުކީއާ ގާތްވުން ހިމެނެއެވެ. އީރާނަކީ ސައޫދީން ދުޝްމަނެއްކަމަށް ދެކޭއިރު ތުރުކީއަކީ ސައޫދީ އާ ވަރަށް ވާދަވެރި އަދި ސައޫދީއާ ވަރަށް ތަފާތު ސިޔާސަތެއް ގެންގުޅޭ ގައުމެވެ.

ކަޝްމީރުގެ މައްސަލާގައި އޯއައިސީގެ އިސްވެރިންގެ ސަމިޓެއް ބޭއްވުމުގެ ބަދަލުގައި ސައޫދީ ސަރުކާރުން ޕާކިސްތާނަށް ހުށަހެޅީ އިސްލާމީ ގައުމުތަކުގެ ޕާލަމެންޓްރީ ފޯރަމެއް ބޭއްވުން ނޫނީ އޯއައިސީގެ ގައުމުތަކުގެ މަންދޫބުންގެ ލެވެލްގެ ބައްދަލުވުމެއް ބާއްވައި އެ ބައްދަލުވުމުގައި ކަޝްމީރުގެ އިތުރުން ފަލަސްތީނުގެ މައްސަލައާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރުންކަމަށް ޕާކިސްތާނުގެ ރަސްމީ މީޑިއާއިން ބުނެއެވެ. ނަމަވެސް ސައޫދީގެ މިހުށަހެޅުންތަކަށް ޕާކިސްތާނުންވަނީ ދެކޮޅު ހަދާފައެވެ. (އަލްޖަޒީރާ + ޕާކިސްތާން މީޑިއާ)

comment ކޮމެންޓް