ގއ. އަތޮޅު ރައީސްކަމަށް އެމްޑީޕީން ފުއާދު، ޕީޕީއެމުން ޝިހާން

އެމްޑީޕީ ޓިކެޓް ކާމިޔާބު ކުރި ފުއާދު (ކ)، ޕީޕީއެމް ޓިކެޓް ކާމިޔާބުކުރި ޝިހާން (ވ) --- ސަން ފޮޓޯ

ލޯކަލް ކައުންސިލު އިންތިހާބަށް އެމްޑީޕީން ބޭއްވި ޕްރައިމަރީގައި މާލޭގައި ބެހެއްޓި ގއ. އަތޮޅުގެ ފޮށީގައި ޖެހުނު މައްސަލަތަކާ ހުރެ އެ އަތޮޅުގެ ހުރިހާ ޕްރައިމަރީއެއް ބާތިލުކުރުމަށްފަހު އިއްޔެ ވަނީ އަލުން ޕްރައިމަރީ ބާއްވާފައެވެ. އެމްޑީޕީގެ ޕްމައިރައީގެ ގއ. އަތޮޅު ކައުންސިލުގެ ރައީސާއި އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލު މެމްބަރުކަމަށް ކުރިމަތިލާނެ މީހުން ނިންމުމަށް ވޯޓު ލީ އިރު، އިއްޔެ އިދިކޮޅު ޕީޕީއެމްއިންވެސް ވަނީ އެ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރާނެ މީހުން ކަނޑައަޅަން ޕްރައިމަރީ ބާއްވާފައެވެ.

އެމްޑީޕީގެ އިންތިހާބުގައި އަލުން ބޭއްވި ގއ. އަތޮޅުގެ ޕްރައިމަރީގައި އެ އަތޮޅު ކައުންސިލުގެ ރައީސްކަމަށް ކުރިމަތިލާން ޓިކެޓު ލިބުނީ އެ އަތޮޅު ކައުންސިލުގެ މިހާރުގެވެސް ރައީސް އަހްމަދު ފުއާދަށެވެ. އަނެއްކޮޅުން ޕީޕީއެމްގެ ފަރާތުން އެ މަގާމަށް ކުރިމަތިލާން ހޮވުނީ ކޫއްޑޫ މަސް ކާރުހާނާގެ ކުރީގެ މެނޭޖަރު އިބްރާހިމް ޝާހިން (ޝިހާން)އަށެވެ.

އިއްޔެ އޮތް އެމްޑީޕީގެ ޕްރައިމަރީގައި ފުއާދު ޓިކެޓު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އޭނާއަށް 1،628 ވޯޓު ލިބުނު އިރު، އެންމެ ކައިރިން ވާދަކުރި ޝަޒްމީން ޝިޔާމަށް ލިބިވަޑައިގަތީ 1،576 ވޯޓެވެ. ގއ. އަތޮޅު ކައުންސިލު މެމްބަރުކަން ކުރައްވަމުން ގެންދަވާ ދާންދޫ ދާއިރާގެ ކައުންސިލަރު ހުސައިން އާދަމަށް ލިބިވަޑައިގަތީ 919 ވޯޓެވެ.

ޕީޕީއެމްގެ ގއ. އަތޮޅު ޕްރައިމަރީ ޝިހާން ކާމިޔާބުކުރެއްވީވެސް ބޮޑު ތަފާތަކުންނެވެ. ގއ. އަތޮޅުގެ ނުވަ ރަށެއްގައި ބޭއްވި ޕްރައިމަރީން ޝިހާނަށް 1،055 ވޯޓު ލިބިވަޑައިގަތެވެ. އޭނާއާ ވާދަކުރެއްވި އަހްމަދު ރިހާނަށް ލިބިވަޑައިގަތީ 680 ވޯޓެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރަނީ މުޅި އަތޮޅު ރައްޔިތުންގެ ވޯޓުންނެވެ. އަދި ކޮންމެ ރަށެއްގެ ރަށު ކައުންސިލް ރައީސަކީ އަތޮޅު ކައުންސިލުގެ މެމްބަރެކެވެ. ކުރިން އަތޮޅުގެ ކޮންމެ ދާއިރާއަކަށް އަތޮޅު ކައުންސިލް މެމްބަރަކު އިންތިހާބުކުރަން ޖެހެއެވެ. އަދި ރައީސް ހޮވަނީ އެ މެމްބަރުންގެ ވޯޓުންނެވެ.

ލޯކަލް ކައުންސިލް އިންތިހާބު އޮންނާނީ އަންނަ އެޕްރީލް ހަތަރުވަނަ ދުވަހުއެވެ.

comment ކޮމެންޓް