ކޮމަންވެލްތަށް ވަނުމާއެކު ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންބޯޑުތައް ހައިކޮމިޝަނަށް ބަދަލުކޮށްފި

އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ހައިކޮމިޝަނުގެ ނަންބޯޑު ބެހެއްޓުމުގެ ރަސްމިއްޔާތު --- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ވަނުމާއެކު، ކޮމަންވެލްތުގެ އެހެން ގައުމުތަކުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް "ހައިކޮމިޝަން"އަށް ބަދަލުކޮށް، އެތަންތަނުގެ ނަންބޯޑުތައް ބަދަލުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ކޮމަންވެލްތު އިދާރާގައި މިއަދު ދިވެހި ދިދަ ނަގާފައިވާ އިރު، ލަންޑަނުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގެ ނަންބޯޑު "ހައިކޮމިޝަން"އަށް މިއަދު ބަދަލުކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޮމިޝަން ޖަހާފައިވާ ބޯޑު އެތަނުގައި ބަހައްޓައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމްގެ އިތުރުން ރައީސް އޮފީހުގެ ފޮރިން ރިލޭޝަންސް ސެކްރެޓަރީ ސަބްރާ އިބްރާހިމް ނޫރައްދީނާއި ލަންޑަނުގައި ހުންނަވާ ދިވެހި ހައިކޮމިޝަނަރު ޑރ. ފަރަހަނާޒް ފައިސަލްއާއި އެ އޮފީހުގެ މުވައްޒަފުން ބައިވެރިވިއެވެ.

ޔޫކޭގެ އިތުރުން ކޮމަންވެލްތުގެ އެހެން ގައުމުތަކުގައި ހުންނަ ދިވެހި ޑިޕްލޮމެޓިކް މިޝަންތަކުގެ ނަން ބޯޑުވެސް މިއަދު ބަދަލުކޮށްފައިވެއެވެ. ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ދިވެހި ހައިކޮމިޝަނުގެ ނަންބޯޑު ބަދަލުކުރާ ރަސްމިއްޔާތުގައި އެގައުމުގައި ތިއްބަވާ ކޮމަންވެލްތު ގައުމުތަކުގެ ސަފީރުން ބައިވެރިވިއެވެ. ލަންކާ ހައިކޮމިޝަނުގެ އާ ނަންބޯޑު ބެހެއްޓެވީ ހައިކޮމިޝަނަރު އުމަރު އަބްދުއްރައްޒާގެވެ.

އިނގިރޭސިވިލާތާއި ސްރީލަންކާގެ އިތުރުން މެލޭޝިއާގެ ކުއަލަލަމްޕޫރު، އިންޑިއާގެ ނިއުދިއްލީ، ޕާކިސްތާނުގެ އިސްލާމްއާބާދު، ބަންގްލަދޭޝްގެ ދާކާ އަދި ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް ހައިކޮމިޝަނަށް ބަދަލުކޮށް، އާ ނަންބޯޑުތައް ވަނީ ބަހައްޓާފައެވެ. އެ މިޝަންތަކުގައި ވެސް އެކަމަށް ރަސްމިއްޔާތުތަކެއް ބޭއްވި އިރު، ހޯސްޓް ގައުމުގެ ޚާރިޖިއްޔާގެ ވެރިންނާއި ކޮމަންވެލްތު ގައުމުތަކުގެ މަންދޫބުން ބައިވެރިވިއެވެ.

ރާއްޖެ ކޮމަންވެލްތާ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގަ އެވެ. އެ ސަރުކާރުން ބުނަމުން ދިޔައީ ކޮމަންވެލްތުން ރާއްޖެއަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމަށްވެސް ނުފޫޒުފޯރުވަން މަސައްކަތްކުރި ކަމަށާއި އެކަމުގެ ނޭދެވޭ އަސަރުތައް ރާއްޖޭގެ އިގްތިސާދާއި އިޖުތިމާއީ ހަމަޖެހުމަށް ކުރިމަތިވަމުން ދިޔަކަމަށް އެ ސަރުކާރުން ނިންމި އެވެ.

http://www.sun.mv/131187

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމަށް އައުމަށްފަހު އެންމެ ފުރަތަމަ ކުރެވުނު އެއް މަސައްކަތަކީ ރާއްޖެ އަލުން އެ ޖަމިއްޔާއާ ގުޅޭން ނިންމައި، ރައްޔިތުންގެ މަޖިލީހުންވެސް އެކަން ފާސްކުރުމެވެ.

ރާއްޖެ ކޮމަންވެލްތުގައި އަލުން ބައިވެރިކޮށް، ކޮމަންވެލްތުގެ 54 ވަނަ މެމްބަރުގެ ގޮތުގައި ހަމަޖެހިގެން ދިޔަކަން އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ބެރޮނެސް ޕެޓްރީޝާ ސްކޮޓްލެންޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކުރެއްވީ މި އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

comment ކޮމެންޓް