ހިމަބިހި ކޮންޓްރޯލުކުރަން ޔުނިސެފްއިން ވެކްސިން ފޯރުކޮށްދީފި

ހިމަބިހި ކޮންޓްރޯލުކުރަށް ޔުނިސެފް އިން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީއިން ހަނދާނީ ލިޔުން ހަވާލުކުރައްވަނީ --- ފޮޓޯ : ހެލްތު މިނިސްޓްރީ

ރާއްޖެއިން ހިމަބިހި (މީސްލްސް) ފެނުމާއެކު އެ ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ސަރުކާރުން ފެށި ސަޕްލިމެންޓްރީ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ޔުުނިސެފްއިން ވެކްސިންއާއި ކޮންސިއުމަބްލްސް ފޯރުކޮށްދީފިއެވެ.

ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާހަކަފުޅުދައްކަވަމުން ވަނީ ޔުނިސެފްއިން ކޮށްދޭ މަސައްކަތަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހިމަބިހި ފެތުރުން ހުއްޓުވުމުގައި ޔުނިސެފްގެ ފަރާތުން ލިބެމުންދާ އެހީތެރިކަން އަގުވަޒަންކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ވަނީ އެ ޖަމިއްޔާއަށް ހަނދާނީ ލިޔުމެއް އަރުވާފައެވެ.

ހެލްތު މިނިސްޓްރީއިން ބުނެފައިވަނީ ޔުނިސެފްގެ އެހީގައި ލިބިފައިވާ ސަޕްލިމެންޓްރީ ވެކްސިންއާއެކު ދަތިިކަމެއް ނެތި، އިސްކަން ދެވޭ ފަރާތްތަކަށް ވެކްސިން ދިނުން ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖެއިން ހިމަބިހި ފެނުމާ ގުޅިގެން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި ހިމަބިއްސަށް ޕޮޒިޓިވް ވި ފަރާތްތަކުގެ ފަރާތުން ބަލި އަރާފާނެ ފަރާތްތައް ދެނެގަނެ، މައުލޫމާތު ދިނުމާއި ވެކްސިން ފުރިހަމަ ނުވާފަރާތްތަކަށް ވެކްސިން ދިނުމާއި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މާލެއާއި އަތޮޅުތެރޭގައި މީސްލްސް ވެކްސިން ޑޯޒްތައް ހަމަނުވާކުދިންނަށް ވެކްސިން ދީ ހަމަކުރުން ހިމެނޭ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

ރާއްޖެއިން 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވުނު ކަމަށް އިއުލާނުކުރިއިރު އާ މައްސަލައެއް ފެންމަތިވެފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ. އެއާއެކު ހިމަބިއްސަށް ޕޮޒިޓިވް އަށް މީހެއް މިހާރު ފެނިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

comment ކޮމެންޓް