ފަތުރުވެރިންނަށް ހަމަލާދިން މައްސަލާގައި ހަވަނަ މީހަކު ހައްޔަރުކޮށްފި

ޝަހީދު ހުސައިން އާދަމް ބިލްޑިން ---- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ހަމަލާދިން މައްސަލާގައި ހަ ވަނަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ މިރޭގެ ވަގުތެއްގައި ކަމަށެވެ.

ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ހުސައިން އާދަމް ބިލްޑިން ކުރިމަތީގައި ހުންނަވައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި، ސީރިއަސް އެންޑް އޯގަނައިޒް ކްރައިމް ޑިޕާޓްމެންޓްގެ ހެޓް، ސްޕުރިންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އެ ހަމަލާ ދިނުމުގައާއި ހަމަލާ ރޭވުމުގައި ހަރުކަށި ފިކުރުގެ މީހުންގެ ބައިވެރިވުން އެބައޮތް ކަމަށެވެ.

ހަމަލާތަކުގައި ޒަހަމްވި ތިން މީހުންގެ ތެރެއިން ފަރުވާއަށްފަހު އެކަކު ދޫކޮށްލާފައިވާއިރު އަނެއް ދެ މީހުނަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަން ޝިފާއު ފާހަގަކުރެއްވި އެވެ.

އެ ހަމަލާ ދިން ފަރާތްތަކާއި ހަމަލާ ރޭވި ފަރާތްތަކުގެ އިތުރުން އެކަމަށް އެކިގޮތް ގޮތުން އެހީތެރިވި ފަރާތްތައް ވެސް އިންސާފުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ފަތުރުވެރިންނަށް ވަޅިން ދިން ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަން ޝިފާއު ފާހަގަކުރެއްވި އެވެ. ޓެރަރިޒަމްގެ އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭ ގޮތައް ހުންނަ ވީޑިއޯ އާއި ޕޯސްޓްތައް ސޯޝަލް މީޑިއާގައި 'ޝެއާ' ކޮށް ފެތުރުމަކީ 'ނޭނގި' ނަމަވެސް ކުށެއް ކުރުން ކަން ޝިފާއު ރައްޔިތުންނަށް ހަނދާން ކޮށްދެއްވިއެވެ. އަދި އެފަދަ ކުށެއް ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ހުޅުމާލޭގައި ވަޅިން ދިން ހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ވަނީ ބަޔާނެއް ނެރުއްވާފަ އެވެ. ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށްފަހު ރައީސް ނެރުއްވި ބަޔާނުގައި ވަނީ، ދިވެހި ރައްޔިތުންނާއި، މި ގައުމުގައި ދިރިއުޅޭ ބިދޭސީންނާއި، މި ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށެވެ.

comment ކޮމެންޓް