ޓޫރިސްޓުންނަށް ހަމަލާދިނީ ހަރުކަށި ފިކުރުގެ ބަޔަކު ކަމަށް ބެލެވޭ: ފުލުހުން

މިދިޔަ އަންގާރަ ދުވަހުގެ ރޭ، ހުޅުމާލޭގައި ތިން ޓޫރިސްޓަކަށް ހަމަލާދީ ޒަހަމްކޮށްލީ، ހަރުކަށި ފިކުރަށް ނިސްބަތްވާ ބައެއް ކަމަށް ބެލެވޭ ކަމަށް، ފުލުހުން ބުނެފި އެވެ.

ހެލްމެޓް އަޅައި މޫނު ފޮރުވައިގެން ތިބި ބަޔަކު ހަމަލާދީ، ޒަހަމްކޮށްލީ ޗައިނާގެ ދެ ފިރިހެނަކާއި އޮސްޓްރޭލިއާގެ ފިރިހެނަކަށެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް)އަށް ވާގިވެރިވާ ޓެލެގްރާމް ޗެނަލެއްގައި އެ ހަމަލާގެ ޒިންމާ ނަގާ ކަމަށް ބުނެ، ބަޔަކު ވާހަކަ ދައްކާ ވީޑިއޯއެއް ވަނީ އާންމުކޮށްފަ އެވެ.

އެ މައްސަލައިގައި ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އާންމުކުރި ވީޑިއޯ މެސެޖްގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގައި ކަމާ ގުޅުން ހުރި އެހެން މުއައްސަސާތަކާ އެކުވެސް ގުޅިގެން ތަހުގީގެއް ހިންގަމުން އަންނަ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

"ހަރުކަށި ފިކުރަށް ނިސްބަތްވާކަމަށް ތުހުމަތުކުރެވޭ ބަޔަކު ދީފައިވާ މި ހަމަލާގައި އަނިޔާވި މީހުންގެ ހާލަތު މިދަނީ ގާތުން ބަލަމުންނެވެ. އަދި އެފަރާތްތަކުގެ ހާލަތު ރަގަޅުކަމަށް މައުލޫމާތު ލިބެ އެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ، ދިވެހިންނާއި ރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ފުލުހުން ކުރަމުންދާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ، މޫނު ނިވާކޮށްގެން ތިބޭ ތިން މީހެކެވެ. އޭގެ ތެރެއިން އެ ވީޑިއޯގައި ވާހަކަ ދައްކަނީ މެދުގައި ހުންނަ މީހާ އެކަންޏެވެ. އޭނާ ވާހަކަ ދައްކަމުން ބުނެފައި ވަނީ، އެ ހަމަލާގެ މަގުސަދަކީ ރާއްޖެއަކީ ކާފަރުންނަށް ސުވަރުގެއެއް ކަމަށް ހީވެފައި އޮންނަ ހީވުން ބަދަލުކޮށްލުން ކަމަށެވެ. ދިވެހި އަދި އަރަބި އިނގިރޭސި ބަހުން ވާހަކަ ދައްކަމުން އޭނާ ވަނީ، ޖިހާދު ކުރުމާ ގުޅޭގޮތުންވެސް ވާހަކަދައްކައި އިންޒާރުދީފަ އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ޓްވީޓް ކުރައްވައި ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި ސަލާމަތަށް ގެއްލުންވާ ފަދަ އެއްވެސް ބާވަތެއްގެ އަމަލެއް ކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި އެފަދަ އަމަލުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް