ފުލެޓު މައްސަލަ ބަލަން އުޅެނީ މާލޭގެ މޭޔަރުކަމަށް ކުރިމަތިލާފާނެތީ ބިރުން: މުއިއްޒު

މުއިއްޒު ޕީޕީއެމް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއުގެ ފުލެޓްތައް ދިން ގޮތް ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގަން އުޅެނީ މާލޭގެ މޭޔަރު ކަމަށް އޭނާ ކުރިމަތިލާފާނެތީ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒުގެ މިނިސްޓަރު ކަމުގައި ހިންގި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ދިން ގޮތުގެ ޖިނާއީ ތަހުގީގެއް ހިންގަން މާލޭ ސިޓީ ކައުންސިލުން ފާސް ކުރީ އިއްޔެ އެވެ. އެގޮތުން ފުލެޓު ދިނުމުގައި އިސްކޮށް އުޅުއްވި މުއިއްޒުއަށާއި އެހެން ފަރާތްތަކުގެ މައްޗަވެސް ޖިނާއީ ތަހުގީގެއް ހިންގުމަށް ފާސްކޮށްފައިވެެވެ.

މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ދެ ޕާޓީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެގޮތަށް މާލޭ ސިޓީ ކައުންސިލުން ނިންމީ އެނާ މާލޭ މޭޔަރު ކަމަށް ކުރިމަތިލާފާނެ ކަމަށް ބަލައި އެކަމާ ބިރުން ކަމަށެވެ.

"މިވެގެން އުޅޭ ގޮތަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން އަޅުގަނޑު މޭޔަރުކަމަށް ކުރިމަތިލާފާނެ ކަމަށް ދެކިގެން[ކުރާ ކަމެއް]. ޕީޕީއެމް-ޕީއެންސީ އިސްވެރިން މިކަމަށް ވަރަށް ބޮޑަށް ވާހަކަ ދައްކަވާފައި [އޮތީ އަޅުގަނޑު މޭޔަރު ކަމަށް ވާދަ ކުރާ ވާހަކަ]. މިވަރަށް މި ވާހަކަ ދެއްކެވިފައި އޮތީމަ، އަޅުގަނޑު ނުކުމެދާނެ ކަމަށް ބިރުން މި ބޭފުޅުން ކުރާ ކަންމަކަމޭ،" ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވަމުން ގެންދަވާ މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު ހިތަށް އަރާ އަޅުގަނޑު މާލޭ މޭޔަރުކަމަށް ކުރިމަތިކުމަށް އިލެކްޝަންސްއަށް ފޯމު ލާފިއްޔާ އަދި ކިިހާވަރެއް ވާނެބާއޭ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އޭނާގެ މައްޗަށް ކިތަންމެ ބޮޑު ތުހުމަތުތަކެއް ކުރި ނަމަަވެސް، ދީނާ ގައުމުގެ ހައްގުގައި ކުރިއަށް ދިއުމުގެ ސާބިތުކަން ހުންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

މުއިއްޒު މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކަމެއް އޭނާ މިހާތަނަށް އިއުލާންކޮށްފައި ނުވެއެވެ. އަދި މިރޭވެސް އިންތިހާބުގައި ވާދަ ކުރުމާ ގުޅޭ ގޮތުން އޭނާ އެއްޗެއް ވިދާޅެއް ނުވެއެވެ. ނަމަވެސް މީގެ ކުރިން ޕީޕީއެމް-ޕީއެންސީގެ ޖަލްސާތަކުގައި އެ ކޯލިޝަންގެ އިސްވެރިން ވަނީ މާލޭގެ މޭޔަރު ކަމަށް އޭނާ ވާއްދަކުރައްވާނެ ކަމަށް ވިދާޅުވެއެވެ.

comment ކޮމެންޓް