ސްކޫލުތަކަށް އަމާޒުކޮށްގެން އޭއެފްސީގެ ހަތަރު ހަރަކާތެއް

އޭއެފްސީން މިދިޔަ އަހަރު ހިންގި ގްރާސް ރޫޓް ޕްރޮޖެކްޓްގެ ތެރެއިން ---

ރާއްޖޭގެ ސްކޫލުތަކަށް އަމާޒުކޮށްގެން އޭޝިއަން ފުޓުބޯޅަ ކޮންފެޑެރޭޝަން (އޭއެފްސީ) އިން އިންތިޒާމުކޮށްގެން މި އަހަރުތެރޭގައި ހަތަރު ހަރަކާތެއް ބޭއްވުމަށް އެކެޑެމިކް ކަލެންޑަރުގައި ހިމަނައިފި އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ބެލުމުގެ ދަށުން އޭއެފްސީ އިން މި އަހަރު ތެރޭގައި މާލެ، އަދި ހުޅުމާލެ ސްކޫލުތަކަށާއި އައްޑޫގެ ސްކޫލުތަކަށް އަމާޒުކޮށްގެން ހަރަތާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިއަހަރު އޭއެފްސީގެ ބޮޑު އެހީތެރިކަމެއް ލިބިގެންދަނީ އަންހެނުންގެ ކުރިއެރުމަށާއި ތުއްތު ކުދިން ފުޓުބޯޅައިގެ ތެރެއަށް ވެއްދުމަށެވެ.

މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުން އަށް ވަނަ ދުވަހަަށް އައްޑޫ ސްކޫލުތަކުގައި ފުޓުބޯޅައިގެ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ އިރު އެ މަހުގެ އަށް ވަނަ ދުވަހުން ނުވަ ވަނަ ދުވަހުގެ ނިޔަލަށް މާލެ އަދި ހުޅުމާލެ ސްކޫލުތަކަށް އަމާޒުކޮށްގެން ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އަންނަ އޭޕްރީލް މަހު ހަތް އަހަރުން ދަށުގެ ކުދީންނަށް އަމާޒުކޮށްގެން އައްޑޫ ސްކޫލުތަކަށް އޭއެފްސީ ގްރާސްރޫޓް ފެސްޓިވަލެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 19 އިން 22 އަށެވެ. އަދި ޕްރައިމަރީ ސްކޫލުތަކުން ދަށަށް އަމާޒުކޮށްގެން އޭއެފްސީގެ ގްރާސް ރޫޓް ފެސްޓިވަލެއް މާލޭގެ ސްކޫލުތަކަށް ވެސް އެ މަހުގެ 20 އިން 22 އަށް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އެފްއޭއެމްއިން އިންތިޒާމުކޮށްގެން މި އަހަރުގެ ތެރޭގައި 15 މުބާރާތެއް ރާއްޖޭގެ ސްކޫލުތަކަށް އަމާޒުކޮށްގެން ވަނީ ބާއްވަން ނިންމާފަ އެވެ.

ރާއްޖޭގެ ޒުވާން ގައުމީ ޓީމުތައް ނަގާ އިރު ސެލެކްޝަން ހަދަނީ ހަމައެކަނި މާލޭ ސްކޫލުތަކުން ކަމަށް ބުނެ ގިނަބައެއްގެ ޝަކުވާ މީގެ ކުރިން ކުރަމުން ދިޔަ ނަމަވެސް މިއަހަރުގެ މުބާރާތްތައް ބެލުމަށް އެފްއޭއެމްގެ ޓީމެއް މުބާރާތް ބާއްވާ ރަށްތަކަށް ގޮސް ކުދިން ރިކްރޫޓް ކުރާނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި އަތޮޅުތެރޭން ފާހަގަ ކުރެވޭ ކުދިން ހުޅުމާލޭގައި އަލަށް ހަދާ ފުޓުބޯޅަ ސްކޫލަށް ގެނެސް ގައުމީ ޓީމުތަކާއި ކުލަބުތަކުގައި ކުޅުމުގެ ފުރުސަތު ހޯދައިދޭނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް