އިހުމާލު އޮތީ އިންތިހާއަށް! ޝިދާތާއާ ހަމައިން ނުނިމޭނެ!

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނައިން ފެންމަތިވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެވެ. ދެ އަހަރުގެ ކުއްޖަކަށް އެކުއްޖާގެ ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލަ ފަޅާއެރުމާ އެކު، ފުލުފުލުގައި އާންމުވާން ފެށި އެޒާތުގެ މައްސަލަތަކާ އެކު، އެންމެން ސުވާލު އުފެއްދީ ޖެންޑާ މިނިސްޓްރީގެ ޒިންމާ އަދާކުރެވޭ ކަމާ މެދު އެވެ.

ކޮންމެ ބަޔަކުވެސް އަނެއް ބަޔަކަށް އިހުމާލުގެ އިނގިލި ދިއްކުރި އެވެ. އެއް ބަޔަކު ބުނަނީ، މިއީ ޖެންޑާ މިނިސްޓްރީގެ އިހުމާލު ކަމަށެވެ. އެކަމަކު ޖެންޑާއިން ބުނަނީ، ބޮޑީ ފުލުހުންނާއި ކޯޓްތަކުގެ އިހުމާލު ކަމަށެވެ.

މި ހާޖާނު ގަނޑެއްގައި ތިއްބާ، ސަރުކާރުންނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ޑިސްއެބިލިޓީ އެމްބެސަޑަރުކަން ދީފައި ހުރި އަހުމަދު ހިޝާންގެ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެ، އާންމުންގެ ބޮޑު ބަހުސަކަށް ބަދަލުވި އެވެ. މައްސަލައިގެ ފުނަށް ދިޔައިރު، އޭނާ އެމްބެސެޑަރަކަށް ހަމަޖެއްސީ، ސަރުކާރަށް އެކަން އެނގިތިބެ އެވެ.

މި މައްސަލައިގައި އެމްޑީޕީގެ މެންބަރުން އިއްޔެ މަޖިލީހުގައި ބަހުސް ކުރަމުން ވިދާޅުވީ؛ "ޝިދާތާއަށް ނުވި" ކަމަށާއި "ވަގުތުން ވަގުތަށް" އެކަމަނާ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. އަދި މިނިސްޓަރު ކަމުން ޝިދާތަ ވަކިކުރަން ފެންނަ ކަމަށްވެސް އިއްޔެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ އިއްތިފާގުން ނިންމި އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވިގޮތަށް ޝިދާތާއަކަށް ނުވި އެވެ. އިހުމާލަކަށް ފަހު އިހުމާލެކެވެ.

"މި ހިސާބަށް އައިއިރު އަޅުގަނޑުމެން މި މައްސަލަތައް ބަލަން މި ތިބީ އެކަމަކު ކަމަނާއަކަށް ނުވި. އެހެންވީމަ އިސްތިއުފާ ދެއްވަންވީ." އިއްޔެ މަޖިލީހުގައި އީވާ ވިދާޅުވީ މިހެންނެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، މިނިސްޓަރު ޝިދާތާގެ އިހުމާލު ބޮޑެވެ. އަހަރަކަށް ވުރެ ގިނަ ދުވަހު މިނިސްޓަރު ކަމުގައި ހުންނެވިއިރު، ކުޑަކުދިންގެ އަނިޔާ ހުއްޓުވަން އެކަމަނާ އެޅުއްވި ހަރުދަނާ ފިޔަވަޅެއް ފެންނާކަށް ނެތެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ --- ފޮޓޯ/ މަޖިލިސް

އެކަމަކު އަދި ބޮޑު ސުވާލަކީ؛ މިނިސްޓަރު ޝިދާތާ ވަކިކުރުމުން އެހިސާބުން މައްސަލަ ނިމުނީ ހެއްޔެވެ؟

ވޭތުވެ ދިޔަ 15 އަހަރު ހުށަހަޅާފައި ހުރި ޖިންސީ ގޯނާގެ މައްސަލަތަކަށް ވެފައި ހުރި ގޮތް ބަލައި، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ތައްޔާރު ކުރި ރިޕޯޓުން ފެނުނު މަންޒަރަކީ، އެކަމުގައި ޒިންމާވާން ތިބި އެންމެންގެ އިހުމާލެވެ. އާދަޔާ ހިލާފަށް ގިނައިން ކުޑަކުދިން ޖިންސީ ގޯނާއަށް ހުށަހެޅެން ޖެހޭ ސަބަބުތައް މި ރިޕޯޓުން ސާފުކޮށްދިނެވެ. ފަރުވާކުޑަވެ އަޅާނުލާ ދޫކޮށްލުމުގެ މައްސަލަ އޮތީ އިންތިހާގަ އެވެ.

އެންމެ ބިރުވެރި އެއް ކަމަކީ ޖިންސީ ގޯނާގެ ތުހުމަތުކޮށް މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހެޅުމުން އެމީހުންނާ މާފުދީ މައްސަލަ ފައިލް ކޮށްފައި ހުރުމެވެ. އެ ތުހުމަތުވާ މީހާ ނުވަތަ، ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާ މުޖުތަމައުއަށް ދޫވީ އެވެ. ކުއްޖާ އާއި ކުއްޖާގެ އާއިލާ ބިރުވެރި ކަމަކަށް އެ ވައްޓާލީ ހިމާޔަތާއި ރައްކާތެރިކަން ދޭން ތިބި ފުލުހުންނެވެ.

ރިޕޯޓުގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތުވާ ބައެއް ފަރާތްތަކަށް ނަސޭހަތް ދީ، ފުލުހުން އެފަރާތްތަކުގެ މައްސަލަ ފައިލް ކުރާ ކަމަށެވެ.

"އެއީ މުޖުތަމައުގައި ކުޑަކުދިންނަށް ކަށަވަރުކޮށްދޭން ޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމާއި އަދި އެއީ އިތުރު ކުޑަކުދިންތަކެއް ޖިންސީ ގޯނާގެ ޝިކާރައަކަށްވުމަށް ދެވޭ ފުރުސަތެއް ކަމާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއްކަން." ރިޕޯޓުގައި ބުނެފައިވެ އެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މީހުންނަށް މާފު ދީ ދޫކޮށްލީ ކޮން ބައެއްތޯ ތަހުގީގު ކުރުމަކީ ރައްޔިތުންގެ މަޖިލީހާއި މުޅި ދައުލަތުގެވެސް ޒިންމާ އެކެވެ. ސުވާލަކީ އެކަން ދައުލަތުން ކުރާނެ ހެއްޔެވެ؟ އެފަދަ މައްސަލަތަކުގައި އިހުމާލުވީ ފުލުހުންގެ މައްސަލަތައް ބަލާނެ ހެއްޔެވެ؟

ފުލުހުންގެ އިދާރާއަށް ޖިންސީ ގޯނާގެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގު ކުރެވިފައި ނުވާ ކަމަށްވެސް ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން މައްސަލަތައް ދިގުލައިގެން ގޮސްފައިވަނީ ބުއްދިއަށް ގަބޫލު ނުކުރެވޭ ވަރަށެވެ.

ވޭތުވެ ދިޔަ 15 އަހަރު ފުލުހުންނަށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރެއިން 70 ޕަސެންޓް މައްސަލަތައް ނިންމަން އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ރިޕޯޓްގައި ފާހަގަ ކުރެ އެވެ. އަދި ގިނަ މައްސަލަތަކެއްގެ ތަހުގީގު ފުރިހަމަ ނުވާތީ ދައުވާ ނުކުރެވިފައިވާ، ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން

އޭގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގެ ޝަރީއަތްތައް ނުނިމި ކޯޓުތަކުގައި ދިގުލައިގެން ގޮސް މައްސަތައް ވަނީ ފުނިޖެހިފަ އެވެ. އަނިޔާގެ ޝިކާރައަކަށްވީ މީހުން، އިންސާފު ނުލިބި ތިބީ އާދޭސް ކުރުމުގަ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެ ދިޔަ 15 އަހަރު ކޯޓުތަކަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ނިންމާފައިވާ، 94.67 ޕަސެންޓް މައްސަލައިގެ ތެރެއިން ކުށް ސާބިތުވެފައިވަނީ ގާތްގަނޑަކަށް 36 ޕަސެންޓް މައްސަލައިގަ އެވެ.

މިފަދަ ބޮޑެތި އިހުމާލުތަކެއް މައްސަލަތައް ތަހުގީގު ކުރުމާއި ކޯޓުތަކުން ބެލުމުގައި ހުރިކަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގަބޫލުކުރާކަން އެ މެމްބަރުންގެ ވާހަތަކުން އެނގެ އެވެ. އެކަން އެގޮތަށް ހިނގާކަން ދިވެހި ރައްޔިތުންނަށްވެސް އެނގެ އެވެ. އެކަމަކު އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން މަޖިލީހުގެ މެމްބަރުން ކުރާނީ ކީއްތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ.

މެމްބަރުންގެ ވާހަކަތަކުގައި އަބަދުވެސް ފާހަގަކޮށްފައިވަނީ އިހުމާލުވާ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެމީހުން ވަކިކުރަން ޖެހިއްޖެއްޔާ ކުރާނެ ކަމަށެވެ.

އާ މަޖިލީހެއް އިންތިހާބު ކުރީ ކުރީގެ މަޖިލިސް ފެއިލްވީމަ އެވެ. އަނިޔާވެރިގޮތަށް މަރާލާފައިވާ އޮއްވައި ފެނުނު އުމުރުން ތިން އަހަރުގެ އިބްތިހާލުގެ މައްސަލާގައިވެސް އޭރުގެ ސަރުކާރުންނާއި މަޖިލިސް އަދި ކޯޓުތައްވެސް ފެއިލްވީ އެވެ.

އިބްތިހާލުގެ މަރަށް އިންސާފު ނުލިބި އަދިވެސް ކޯޓުގައި މައްސަލަ އޮތްއިރު، އެމައްސަލާގައި އިހުމާލުވި މުވައްޒަފުން ޖެންޑަ މިނިސްޓްރީގައި އަދިވެސް ވަޒީފާ އަދާކުރާކަން މިނިސްޓަރު ޝިދާތާ މަޖިލީހުގެ ކޮމިޓީގައި ދެއްކި ވާހަކަތަކުން ވަރަށް ސާފުކޮށް އެނގެ އެވެ.

މިހާތަނަށް ހިނގާފައިވާ ކަންތައްތަކަށް ބަލާއިރު ޖެންޑަ މިނިސްޓަރު ކަމުގައި ޝިދާތާ ހުންނަން ރައްޔިތުންގެ އިތުބާރެއް ނެތެވެ. އެކަމާ ބަހުސެއް ވެސް ނެތެވެ. އެކަމަކު ދެން އުފެދޭ ސުވާލަކީ އިހުމާލުވި ފުލުހުން ވަކި ކުރާނެ ހެއްޔެވެ؟ ވަކި ވަކި މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ހެއްޔެވެ؟ ނޫނީ ޝިދާތާ ވަކިކޮށްފައި ދެން ހުރީ ނުވާ ކަންތަކަށް ހަދާފައި ނިންމާލާނީ ނޫންބާ އެވެ؟

ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ބެލުމުގައި ހުރި ބޮޑެތި ބާގަނޑުތައް ބައްދަން ފިޔަވަޅު ނާޅާހާ ހިނދަކު މުޅި މައްސަލައަށް ހައްލެއް ނުލިބޭނެ އެވެ. އޭރުން ޝިދާތާ ވަކިކުރުން ވާނީ ހަމައެކަނި ރަމްޒީ ފިޔަވަޅަކަށެވެ. މިއީ، ރަމްޒީ ފިޔަވަޅަކަށް ވުރެ ބޮޑަށް ސީރިއަސް ފިޔަވަޅުތަކެއް އަޅަން ވެއްޖެ މައްސަލަ އެކެވެ. އެކަމަކު، އެ މަސައްކަތް ކުރަން ބަޔަކު އެބަ އުޅޭ ހެއްޔެވެ؟

comment ކޮމެންޓް