ޖަޕާން ކައިރީ ކަރަންޓީނު ކުރި ބޯޓުން 10 މީހަކު ކޮރޯނާއަށް ޕޮޒިޓިވްވެއްޖެ

ޑައިމަންޑް ޕްރިންސެސް ކިޔާ ކުރޫޒް ލައިނާ ވަނީ ޖަޕާނުގެ ބަނދަރުގައި ކަރަންޓީނުކޮށްފަ -- ފޮޓޯ: ރޮއިޓާސް

ޔޮކޮހާމާ (ފެބްރުއަރީ 5): ޖަޕާނުގެ ޔޮކޮހާމާ ކައިރީ ބަނދަރުކޮށް، ކަރަންޓީނުކޮށްފައި އޮތް ކުރޫޒް ލައިނާގައި ތިބި 10 މީހަކު ނޮވެލް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެއްޖެ އެވެ.

ޖަޕާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޑައިމަންޑް ޕްރިންސެސް ކިޔާ އެ ބޯޓުގައި 3،700 ވަރަކަށް މީހުން އެބަތިބި އެވެ. އޭގެ ތެރެއިން ވައިރަސްއަށް ޕޮޒިޓިވްވި މީހުން ހޮސްޕިޓަލަށް ގެންދާނެ ކަމަށާއި ދެން ތިބި މީހުން 14 ދުވަސްވަންދެން ކަރަންޓީނު ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި ބޯޓުގައި ތިބި އެންމެން މިހާރު ވަނީ ސްކްރީންކޮށްފަ އެވެ. އޭގެ ތެރެއިން 273 މީހެއްގެ ޓެސްޓު ހަދަން ފޮނުވާފައިވާ އިރު ނަތީޖާ ލިބިފައި ވަނީ 31 މީހެއްގެ ޓެސްޓަށެވެ. އަދި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހުންނަކީ އޮސްޓްރޭލިއާގެ މީހުން ކަމަށާއި ތިން މީހުންނަކީ ޖަޕާނުގެ މީހުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ޖަޕާނުގެ ހެލްތް މިނިސްޓްރީން ވަނީ ވައިރަސްއަށް ޕޮޒިޓިވްވި މީހުން ހޮސްޕިޓަލަކަށް ގެންދާނެ ކަމަށް ބުނެފަ -- ފޮޓޯ: ރޮއިޓާސް

މީގެ އިތުރުން ޖަޕާނުގެ ދައުލަތުގެ މީޑިއާއިން ވަނީ ވައިރަސްއަށް ޕޮޒިޓިވްވި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ބުނެފަ އެވެ.

މިދިޔަ ހޯމަ ދުވަހު އެ ކުރޫޒް ލައިނާގައި ތިބި މީހުން ސްކްރީން ކުރަން ފެށީ މިދިޔަ މަހު އެ ބޯޓުގައި ދަތުރު ކުރި ހޮންކޮންގެ 80 އަހަރުގެ މީހަކު ވައިރަސްއަށް ޕޮޒިޓިވްވި ފަހުންނެވެ. އެ މީހާގެ ހަށިގަނޑުގައި ވައިރަސް ހުރިކަން އެނގުނީ ހޮންކޮންއަށް ދިޔަ ފަހުންނެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފުރަތަމަ ފެނުނު ކޮރޯނާވައިރަސްއަށް މިހާރު ދުނިޔޭގެ 20 ގައުމެއްގެ 24،000އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އެ ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 490އަށް އަރާފަ އެވެ.

comment ކޮމެންޓް