އެފްއޭއެމް އިންތިހާބުގައި މާޒިޔާގެ ތާއީދު ބައްސާމަށް

މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދު އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކުރިއަށް އޮތް 45 ދުވަސް ތެރޭގައި ބާއްވަން ނިންމާފައިވާ އެ އެސޯސިއޭޝަނުގެ އިންތިހާބުގައި މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލްއަށް ތާއިދު ކުރުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނިންމައިފި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު މި އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވާ އިރު އޭގެ ކުރިން އެފްއޭއެމްގެ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައި ބުނެފައިވެ އެވެ. އޭގެ ކުރިން ކޮންމެ ވަގުތެއްގައި ވެސް އެ އިންތިހާބު ބޭއްވިދާނެ ކަމަށް ބައްސާމް މީގެ ކުރިން ވެސް ބުނެފައިވާ އިރު އިއްޔެގެ ވަގުތެއްގައި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ.

އިއްޔެގެ ބައްދަލުވުމަކީ ބައްސާމްގެ އެދިލެއްވުމަކާ ގުޅިގެން އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމަކަށްވާ އިރު ކުރިއަށް އޮތް 45 ދުވަސް ތެރޭގައި އިންތިހާބު ބޭއްވުމަށް ވަނީ ހިންގާ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ބައްސާމުގެ ކުއްލި ނިންމުމާ އެކު ފުޓުބޯޅަ އާއިލާ އެލާޓަށް އައިސްފައި ވީ ނަމަވެސް އޭނާ ފިޔަވާ އިތުރު ބޭފުޅަކު މި އިންތިހާބުގައި ބައިވެރިވާނެ ކަމަށް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ކްލަބް ކަމަށްވާ މާޒިޔާއިން ވަނީ އިންތިހާބުގައި ބައްސާމަށް ތާއިދު ކުރަން ނިންމާފައި ކަމަށް އެ ކުލަބުން ވަނީ ބުނެފަ އެވެ.

"މި ކުލަބުން މިދިޔަ މަހު ބޭއްވި ބޯޑް މީޓިންގްގައި ބައިވެރިވި މެމްބަރުންގެ ފުރިހަމަ ތާއީދާ އެކު ކުރިއަށް އޮތް އެފްއޭއެމް އިންތިހާބުގައި މިހާރުގެ ރައީސް ބައްސާމްއަށް ދެވަނަ ފުރުސަތެއް ދިނުމަށް ވަނީ ނިންމާފަ. މި ކުލަބު ގަބޫލު ކުރާ ގޮތުގައި ބައްސާމަށް އިތުރު ދައުރެއް ދޭންޖެހޭ. އޭނާ އަކީ އެކަމަށް ގާބިލް ބޭފުޅެއް. އެންމެން ގުޅިގެން ކާމިޔާބު ކުރަމާ." މާޒިޔާއިން ރޭގައި ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

އިންގިފައިވާ ގޮތުގައި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ބައްސާމް އޭނާގެ ކެންޑިޑެސީ އިއުލާން ކުރައްވާނެ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ ކުލަބުތައް އިސްނަގައިގެން އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކޮށް ބައްސާމް މަގާމުން ދުރުކުރުމަށް ބާއްވަން އުޅުނު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަށް މާޒިޔާއިން ފުރަތަމަ ތާއީދު ކުރި ނަމަވެސް އެ ކުލަބުން ވަނީ ނަން އަނބުރާ ނަގައިފަ އެވެ.

ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އާ ވާދަކޮށް އެފްއޭއެމް ގެ ރައީސްގެ މަގާމަަށް އަދީލް ޖަލީލް އިންތިހާބުވެ ވަޑައިގަތީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެފަހަރުގެ އިންތިހާބުގައި މާޒިޔާއިން ތާއިދު ކުރީ ޓޮމް އަށެވެ. އެފަހަރުގެ އިންތިހާބު ބައްސާމް ކާމިޔާބުކުރެއްވީ 14 ވޯޓާ އެކު އެވެ. ތޯރިގަށް ލިބިވަޑައިގަތީ 11 ވޯޓެވެ.

comment ކޮމެންޓް