ރެއާލާއި ބާސާވެސް ސެމީއަށް ނުގޮސް ކަޓައިފި

ރޭ ބާސެލޯނާއާއި އެތުލެޓިކޯ ބިލްބާއޯ ކުޅުނު މެޗަށްފަހު ބާސެލޯނާގެ ކުޅުންތެރިން މާޔޫސްވެފައި --- ފޮޓޯ// ޑެއިލީ މެއިލް

ސްޕެނިޝް ލީގު ކަޕު (ކޮޕަ ޑެލް ރޭ) ގެ ކުއާޓާ ފައިނަލުގައި ރޭ ސްޕެއިނުގެ އެންމެ މަގުބޫލު ދެ ޓީމު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ ކުޅުނު މެޗުތަކުން ހިތްދަތި ގޮތަކަށް ބަލިވެ ކަޓައިފިއެވެ.

ރެއާލް މެޑްރިޑްގެ ސަންޓިއާގޯ ބާނެބިއު ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ރެއާލް ސޮސިއޭޑޭޑް ކުރި ހޯދީ 3-4 ގެ ނަތީޖާއަކުންނެވެ. އަދި އެތުލެޓިކޯ ބިލްބާއޯގެ ސެން މެމެސް ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާތަކާ އެކު ސްޕެއިނުގެ އެންމެ ވަރުގަދަ ދެ ބާރު މުބާރާތުން ކަޓައިފައިވާ އިރު ސެމީ ފައިނަލަށް ދެން ދަތުރު ކުރީ މިރޭ ވިލަރެއާލް އަތުން 1-4 ގެ ނަތީޖާއަކުން މޮޅުވި މިރަންޑެސްއާއި މިދިޔަ ބުދަ ދުވަހުގެ ރޭ ވެލެންސިއާ ގާތުން މޮޅުވި ގްރަނާޑާ އެވެ.

ޒައިނުއްދީން ޒިދާންގެ އިރުޝާދާ އެކު އެންމެ ފަހުން ކުޅުނު 21 މެޗުން ބަލިނުވެ އައި ރެއާލް ރޭގެ މެޗަށް ނުކުތީ އެ ޓީމުގެ ފުރަތަމަ އެގާރައިގައި ގަވާއިދުން ކުޅެމުން އަންނަ ޑެނީ ކާވަހާލްއާއި ރަފައެލް ވެރޭން އަދި ކީޕަރު ތިބައުޓް ކޯޓުއާ ނުލަ އެވެ.

މެޗު ފެށިގެން ރެއާލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުން ދަނިކޮށް 22 ވަނަ މިނަޓުގައި ސޮސިއެޑޭޑަށް ލީޑު ނަގައިދިނީ ލޯނު އެއްބަސްވުމެއްގެ ދަށުން އެ ޓީމަށް ކުޅެމުން އަންނަ އިދިކޮޅު ޓީމުގެ ކުޅުންތެރިއެއް ކަމަށްވާ މާޓިން އޮޑެގާޑް އެވެ.

ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނަޓުގައި ސޮސިއެޑޭޑްގެ ފޯވާޑް އެލެކްސެންޑާ އައިސަކް ޖެހި ގޯލު އޮފްސައިޑެއް ކަމަށް ނިންމި އިރު އޭގެ އިރަކޮޅެއް ފަހުން އޭނާ ވަނީ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާ ކޮށްދީފަ އެވެ. އަދި ޖެހިގެން އައި ބޯޅަވެސް ގޯލުގެ ތެރެއަށް ވައްދާލައި އައިސެކް ވަނީ ރެއާލްއަށް އަރައިގަންނަން އުނދަގޫ ލީޑެއް ސޮސިއެޑޭޑްއަށް ނަަގައިދީފަ އެވެ.

ސޮސިއެޑޭޑްއިން މަތިމައްޗަށް ޖެހި ގޯލުތަކާ އެކު ޓީމު ކުރިއަށް ޖައްސައިގެން ކުޅެ ރެއާލުން ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރު ކުރި އެވެ. ނަތީޖާއެއްގެ ގޮތުން 59 ވަނަ މިނަޓުގައި މާސެލޯ ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްދީފަ އެވެ. އެކަމަކު އޭގެ އިރަކޮޅެއް ފަހުން ސޮސިއެޑޭޑުން އުފެއްދި ކައުންޓާ އެޓޭކެއްގައި މިކެލް މެރީނޯ ވަނީ އަނެއްކާވެސް އެ ޓީމުގެ ލީޑު ފުޅާ ކޮށްދީފަ އެވެ.

ރެއާލް މެޑްރިޑުން އެއަށްފަހުވެސް ހިތްވަރާއެކު ކުޅެ މެޗު ނިމުމުގެ ކުރިން ވަނީ ދެ ގޯލު ޖަހައިފަ އެވެ. އެ ދެ ގޯލު ޖެހީ ރޮޑްރީގޯއާއި ނަޗޯ ފަނެންޑޭޒް އެވެ.

ރެއާލް މެޑްރިޑް މުބާރާތުން ކެޓުމުން އެންމެ ހެވިފައި ތިބި ބާސެލޯނާގެ ސަޕޯޓަރުން ރޭ ރޮއްވާލީ އެ ޓީމާއި އަބަދުވެސް ބޮޑު ވާދަވެރިކަމެއް އޮންނަ އެތުލެޓިކޯ ބިލްބާއޯއިންނެވެ.

ރޭގެ މެޗު އެއްކޮށް ޑޮމިނޭޓްކޮށްގެން ގިނަ ހަމަލާތަކެއް އުފައްދައިގެން ކުޅުނު ބާސެލޯނާ އަތުން ބިލްބާއޯ މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ދެއްކި ހަތަރު މިނަޓުގެ ތެރޭގައި ބިލްބާއޯގެ އިނިއާކީ ވިލިއަމްސް ޖެހި ގޯލުންނެވެ.

މި ނަތީޖާތަކާއެކު މި އަހަރު ވެގެންދާނީ ވޭތުވެ ދިޔަ ދިހަ އަހަރުގެ ތެރޭގައިވެސް ރެއާލް އަދި ބާސެލޯނާ ނުހިމަނައި ކޮޕަ ޑެލްރޭގެ ފައިނަލް ކުޅޭނެ އަހަރަކަށެވެ.

comment ކޮމެންޓް