ހުޅުމާލޭގައި ތިން މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފި

ހުޅުމާލޭ ހޮސްޕިޓަލް --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލޭގައި ތިން މީހަކަށް ތޫނުއެއްޗަކުން ހަމަލާދީފިއެވެ.

ފުލުހުން މިރޭ ބުނީ ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރީގައި ތިން މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 20:10 ގައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ ތިން މީހުންނަށް އަނިޔާ ވެފައިވަނީ މާރާމާރީގެ ތެރޭގައި ކަމަށެވެ. އެގޮތުން އެ މާރާމާރީގައި އަނިޔާވެފައިވަނީ ޗައިނާގެ ދެ ފިރިހެނަކާއި އޮސްޓްރޭލިއާގެ ފިރިހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.

އެމީހުންގެ ތެރެއިން ޗައިނާގެ އެކަކީ ފަތުރުވެރިއެއް ކަމަށް ފުލުހުން ބުންޏެވެ، ދެ ތިބި ދެ މީހުންނަކީ ރާއްޖޭގައި މަސައްކަތްކުރާ ދެ މީހުންނެވެ.

ޒަޚަމްވި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންނަށް މައުލޫމާތު ލިބިފައިވާގޮތުގައި އެމީހުންނަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވަނީ ހެލްމެޓު އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހުންނެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް