ހިޔާ މަޝްރޫއާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފި

މާލެ ސިޓީ ގެ މާޔަރު ޝިފާ މުހައްމަދު އަދި ކައުންސިލަރު ޝާހީން މަހްމޫދު --- ސަން ފައުިލް ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހިންގި "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓު ދިން ގޮތުގެ ޖިނާއީ ތަހުގީގެއް ހިންގަން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ އެގޮތަށް ފާސްކުރީ މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ކަމަށެވެ.

އެ ބަޔާނުގައި ވަނީ ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓް ދޫކޮށްފައި ވަނީ އޭގެ ހައްގުވެރިންނަށްތޯ ކަށަވަރު ކުރުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމި ކަމަށެވެ. އަދި އެ ފްލެޓް ހައްގު ފަރާތްތަކަށް ދިނުމަށްޓަކައި ސަރުކާރުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިތޯ ބެލުމަށް ވެސް މިއަދު ފާސްކުރި ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެއިތުރުން "ހިޔާ" ގެ ފްލެޓްތައް ދިނުމުގައި ރައީސް ޔާމީންގެ ސަރުކާރުގައި އިސްކޮށް އުޅުއްވި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އެކަމުގައި އިސްކޮށް އުޅުއްވި ބޭފުޅުން އެކަންކޮށްފައި ހުރިގޮތާ މެދު ޖިނާއީ ތަހުގީގެއް ހިންގަން ފާސްކޮށްފައިވާ ކަމަށް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތްތާ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓުދީފައިވާ ގޮތް ބެލުމަށް ކޮމިޓީއެއް އެކުލަވާލައިފައެވެ.

އެ ކޮމިޓީން މިހާރު ކުރަމުންދާ މަސައްކަތަކީ ރައީސް ޔާމީންގެ ސަރުކާރުން ފްލެޓް ލިބުނު ކަމުގެ ލިޔުން ދީފައިވާ މީހުން ދިރިއުޅޭ ގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބެލުމުގެ މަސައްކަތެވެ.

ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް އިއްޔެ ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ "ހިޔާ" ގެ ފްލެޓުތައް އޭގެ ހައްގުވެރީންނަށް މިއަހަރުގެ ތެރޭގައި ހަވާލު ކުރެވޭނެ ކަމަށެވެ.

އެމްޑީޕީ އޮފީހުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ދީފައިވާ 5000 މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ.

ރައީސް ނަޝީދުގެ އެ ވާހަކަފުޅާ ގުޅިގެން ފްލެޓް ކޮމިޓީން އަދި އެއްޗެއް ނުބުނެއެވެ.

comment ކޮމެންޓް