އެމްބެސެޑަރުކަން ދިން އިރުވެސް ހިޝާނަށް ތުހުމަތު ކުރެވޭކަން ޖެންޑާއަށް އެނގޭ!

އަހުމަދު ހިޝާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކެއް ކުރެވޭ، އަހުމަދު ހިޝާނަށް "އޮނަރަރީ ޑިސްއެބިލިޓީ އެމްބަސަޑަރު" ކަމާއި ގައުމީ އިނާމުތައް ދިން އިރު ވެސް އޭނާއާމެދު ސީރިއަސް ތުހުމަތުތަކެއް ކުރެވޭކަން ޖެންޑާ މިނިސްޓްރީއަށް އެނގޭކަން މިއަދު ހާމަވެއްޖެއެވެ.

އެކަން ހާމަވެފައި ވަނީ، 19 އަހަރުގެ ފިރިހެނެއްގެ ގާނޫނީ ބެލެނިވެރިކަން ހިޝާނަށް ދެވެން ނެތް ކަމަށް ފެމެލީ ކޯޓުން 2018 ވަނަ އަހަރު ނިންމި ނިންމުން އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައެވެ.

ދެހާސް ސަތާރަވަނަ އަހަރު ހިޝާން ފެމެލީ ކޯޓަށް ދިޔައީ 19 އަހަރުގެ ޒުވާނެއްގެ ބެލެނިވެރިކަން ހޯދުމަށެވެ. އެ ޒުވާނާ އާއި އޭނާގެ މަންމަ އަކީ ވެސް ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުންނަ ދެމީހުން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނާއި ޑޮކްޓަރުންގެ ރިޕޯޓުތަކުން އެނގެއެވެ.

ކުއްޖާގެ ބެލެނިވެރިކަން ހިޝާނަށް ދިނުމަށް އޭނާގެ މަންމަ ދެކޮޅު ހަދާފައެއް ނުވެއެވެ. ނަމަވެސް ފެމެލީ ކޯޓުން ނިންމީ ހިޝާނަށް އެކުއްޖާގެ ބެލެނިވެރިކަން ނުދިނުމަށެވެ.

ފެމެލީ ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެގޮތަށް ނިންމީ ދައުލަތުން ހިޝާންއާ ގުޅޭ ގޮތުން ހުށަހެޅި އެސެސްމެންޓް ރިޕޯޓަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.

ފެމެލީ ކޯޓުގެ ހުކުމް ހިޝާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެ ހުކުމުގައި، އޭނާއަށް ބެލެނިވެރިކަން ނުދިން ސަބަބު ސާފު ނުވާކަމަށް ބުނެއެވެ.

މިއަދު 13:15 ގައި އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް ތާވަލްކޮށްފައި އޮތް ނަމަވެސް، ހިޝާން ވެސް އަދި ޒުވާނާގެ މަންމަ ވެސް އަޑުއެހުމަށް ހާޒިރުވެފައެއް ނުވެއެވެ. އެހެންވެ އެ މައްސަލަ ވަނީ ބާތިލްވެފައެވެ.

ސޯޝަލް މީޑިއާގައި ހިޝާނަށް އަންނަނީ ޖިންސީ ގޯނާގެ ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އަދި ފުލުހުން ވެސް މިހާރު އަންނަނީ އޭނާގެ މައްސަލައެއް ތަހުގީގު ކުރަމުންނެވެ. ފުލުހުން މައްސަލަ ބަލަން ފެށުމާއެކު ހިޝާންގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.

މައްސަލަ ބާތިލްވި ނަމަވެސް ތުހުމަތުތަކުގެ ސީރިއަސް ކަމުން، މައްސަލަ ބައްލަވާ ބެންޗުން ވަނީ މިއަދުގެ އަޑުއެހުމަށް ޖެންޑާ މިނިސްޓްރީގެ ވަކީލާއި ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ވަކީލަކު ހާޒިރުކޮށް، އެ އެކަމުގައި ދައުލަތުން އެކަށީގެންވާ ފިޔަވަޅުތައް އަޅާތޯ ސުވާލުކޮށްފައެވެ.

މިއަދު ކުރިއަށް ދިޔައީ ޝަރީއަތުގެ މަޖިލީހެއް ނޫން ނަމަވެސް، ފަނޑިޔާރުން ވަނީ ޖެންޑާ މިނިސްޓްރީގެ ފަރާތުން ގިނަ ކަންތައްތަކެއް ސާފުކޮށްދޭން އެދިފައެވެ.

އަދި ފެމެލީ ކޯޓުން ކުއްޖާގެ ބެލެނިވެރިކަން ހިޝާން އާ ހަވާލުކޮށްދެވެން ނެތް ކަމަށް ހުކުމް ކޮށްފައި ވަނިކޮށް ވެސް، 2018 ވަނަ އަހަރުން ފެށިގެން އެ ޒުވާނާ ހިޝާންގެ ގޭގައި ދިރިއުޅެމުން ދާކަން ފާހަގަކޮށް، މައްސަލައިގައި ޖެންޑާއިން އިހުމާލުވެފައިވާ ކަމަށް ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.

ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުން މިއަދު ވިދާޅުވީ މި ހުރިހާ ދުވަހުވެސް އެ ޒުވާނާ ދިރިއުޅެމުން ދަނީ ހިޝާން އާއެކު ހިޝާންގެ ގޭގައި ކަން ކޯޓަށް އެނގިފައިވާ ކަމަށާއި އަދި އެ ކުއްޖާގެ ރެޖިސްޓްރީ ވެސް ހިޝާންގެ ގެއަށް ބަދަލުކޮށްފައިވާކަން އެނގިފައިވާކަމަށެވެ.

އަދި ޖެންޑާ މިނިސްޓްރީގައި ހިޝާން އާމެދު ތުހުމަތު ކުރެވޭ ރިޕޯޓުތަކާއި މައުލޫމާތު ހުރި އިރު، ނަފްސާނީ މައްސަލަތަކެއް ހުންނަ މީހަކު ހިޝާންގެ ހަވާލުގައި ބެހެއްޓިޔަ ދިނީ ކީއްވެތޯ ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ.

ފަނޑިޔާރުންގެ ގިނަ ސުވާލުތަކުގެ ޖަވާބު ޖެންޑާގެ ފަރާތުން ކޯޓަށް ހާޒިރުވި ވަކީލަށް ދެވިފައި ނުވާއިރު، އެ ޒުވާނާ ދިރިއުޅޭ ތަނެއް ބަލާފައި ނުވަނީ އޭނާއަކީ 18 އަހަރު ފުރިފައިވާ މީހަކަށް ވާތީ ކަމަށް މިއަދު ޖެންޑާއިން ކޯޓުގައި ބުނެފައިވެއެވެ.

ޖެންޑާގެ ވަކީލުގެ ޖަވާބާ ގުޅިގެން ހައިކޯޓުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ އެ ޒުވާނާއަކީ ނަފްސާނީ މައްސަލަތަކެއް ހުރި މީހެއްކަން އެސެސްމަންޓުތަކުން އެނގޭކަމަށާއި، އެފަދަ މީހަކު ބަލާނީ ކުޑަ ކުއްޖެއްގެ ގޮތުގައިކަމަށެވެ.

އެހެންކަމުން އެ ޒުވާނާގެ ހާލަތާއި އެކުއްޖާ ހުރިތަނެއް ދައުލަތުން ބަލަން ޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ބަންޑާރަ ނައިބުގެ ވަކީލް ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން ހިޝާންއާ ގުޅޭ މައްސަލަތަކެއް އެ އޮފީހުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެއާއެކު އެ ޒުވާނާ ބެލެހެއްޓުން އާއިލާގެ މީހަކާ ހަވާލުކުރަން މަސައްކަތްކުރި ނަމަވެސް، އޭނާއާ ހަވާލުވާނެ އާއިލާ މީހަކު ނުވި ކަމަށެވެ.

އަދި ދައުލަތުގެ ބެލުމުގައި ދަށުގައި އޭނާ ބަހައްޓަން ބޭނުން ނުވި ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ. ނަމަވެސް ސަބަބު ސާފުކޮށެއް ނުދެއެވެ.

ދެފަރާތުގެ ވާހަކަތަކަށްފަހު ފަނޑިޔާރު ނިޔާޒް ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ޒިންމާއަކީ އެފަދަ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދީ ފިޔަވަޅު އެޅުން ކަމުގައި ވީނަމަވެސް، މި މައްސަލައިގައި އެގޮތަށް އަމަލުކޮށްފައިވާ ކަމަށް ފެންނަން ނެތް ކަމަށެވެ.

ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ މިހާރު ބާތިލްވެފައިވާތީ، ހިޝާނަށް އެ ޒުވާނާގެ ބެލެނިވެރިކަން ނުދޭން ފެމެލީ ކޯޓުން ކުރި ހުކުމް ދެމިއޮންނާނެއެވެ.

އެހެންކަމުން ހައިކޯޓުން ވަނީ އެ ހުކުމާ އެއްގޮތަށް އަމަލު ކުރޭތޯ ބެލުމަށާއި އެ ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިލްތިމާސް ކުރައްވައިފައެވެ.

މީގެ އިތުރުން ހައިކޯޓަށް މައްސަލަ ހުށަހެޅިފަހުން ހިޝާން އާމެދު ނުރަނގަޅު ކަންތައްތަކެއް ފާހަގަވާން ފެށުމުން، ޖެންޑާ މިނިސްޓްރީގެ ސަމާލު ކަމަށް އެކަން ގެނެސް މައްސަލައަށް ތަދައްހުލްވާން އެންގެވި ކަމަށާއި އެހެން ނަމަވެސް ޖެންޑާގެ ފަރާތުން އެކަމަށް ޖަވާބެއް ދީފައި ނުވާކަން ފަނޑިޔާރުން ވަނީ ފާހަގަކޮށްފައެވެ.

އެކަމާ ގުޅިގެން ޖެންޑާއިން މިއަދު ކޯޓުގައި ބުނެފައި ވަނީ މައްސަލައަށް ތަދުއްހުލްވާން ހައިކޯޓުން އެދުމުން ބަންޑާރަ ނައިބުގެ އޮފީހާއެކު ބައްދަލުވުންތަކެއް ބާއްވާ ރިޕޯޓެއް ތައްޔާރުކުރި ކަމަށެވެ.

ނަމަވެސް އޭގެފަހުން ހިޝާންއަށް އޮނަރަރީ ޑިސްއޭބިލިޓީ އެމްބެސެޑަރުގެ މަގާމު ދިންކަން އަންގައި ރައީސް އޮފީހުން ސިޓީއެއް ފޮނުވުމުން، މައްސަލައަށް ތަދައްހުލުނުވާން މިނިސްޓްރީން ނިންމީ ކަމަށް ވަކީލް ވިދާޅުވިއެވެ.

ހިޝާން އަކީ މީގެކުރިން ވެސް ޑިސްއެބިލިޓީ އެމްބެސެޑަރުގެ ގޮތުގައި ހަމަޖައްސާފައި ހުރި މީހެކެވެ. ނަމަވެސް ކުރީ ސަރުކާރުގައި، ޖެންޑާ މިނިސްޓަރު ކަމުގައި އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ހުންނެވި އިރު، އެ މަގާމުގެ މުއްދަތު ހަމަވުމުން ހިޝާނަށް އަލުން އެ މަގާމު ދީފައެއް ނުވެއެވެ.

ނަމަވެސް މި ސަރުކާރުން ހިޝާނަށް އޮނަރަރީ އެމްބެސެޑަރުކަން ދީފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ބޭއްވި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ހަފްލާގައި، އެވެ.

ގަވާއިދު ބުނާގޮތުން، އެއްވެސް ކަހަލަ ތުހުމަތެއް ނުވަތަ ޝަކުވާއެއް އުޅޭ މީހަކަށް އެމްބެސެޑަރު ކަމެއް ނުދެވޭނެއެވެ. ދެހާސް ސަތާރަވަނަ އަހަރު ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ޖެންޑާއަށް ލިބިފައި ވާއިރު، އަދި ޖެންޑާގެ އެސެސްމަންޓް ރިޕޯޓަކަށް ރިއާޔަތްކޮށް ފެމެލީ ކޯޓުން ހުކުމް ކޮށްފައިވާތީ، ހިޝާނަށް އެމްބެސެޑަރުކަން އަލުން ދިން އިރު ޖެންޑާގައި އެ ހުރިހާ މައުލޫމާތެއް ހުރިކަން އެނގެއެވެ.

މިކަމާ ގުޅިގެން ފަނޑިޔާރު ނިޔާޒް ވިދާޅުވީ ހިޝާންއާ ގުޅޭ ޝަކުވާތަކެއް ލިބެމުން ދަނިކޮށް، އަދި ހައިކޯޓުން ވެސް އެކަން ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައި ވަނިކޮށް ހިޝާނަށް އެ މަގާމު ދިނުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ.

އަދި ހިޝާނަށް ގައުމީ އިނާމުތައް ވެސް ދީފައި ވަނީ މި އޭނާއާމެދު ތުހުމަތު ކުރެވޭކަން އެނގި ތިބެ ކަމަށާއި، އެގޮތަށް އެކަން ވެގެން ނުވާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

މިފަދަ މައްސަލަތަކަށް އާންމުކޮށް ނޫސްވެރިން ނުވައްދައެވެ. އަދި މިއަދުގެ އަޑުއެހުން ހުޅުވާލައިގެން ގެންދިއުމުން، އަޑުއެހުން ސިއްރުކުރަން ޖެންޑާއިން އެދުނެވެ. ނަމަވެސް މައްސަލައިގެ ހައްސާސް ކަމުން، މިފަދަ މައުލޫމާތުތައް ސިއްރުކުރަން ބޭނުން ނުވާކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

ހިޝާންގެ މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، އޭނާއާ ދެކޮޅަށް ހަތަރު މީހަކު ބަޔާން ދީފައިވާކަމަށް އޭޖީ އޮފީހުން މިއަދު ވަނީ ބުނެފައެވެ.

comment ކޮމެންޓް