ކޮރޯނާވައިރަސް ޖެހި، ހޮންކޮންގައިވެސް މީހަކު މަރުވެއްޖެ

ހޮންކޮން-ޗައިނާ ބޯޑަރު އެއްކޮށް ބަންދު ކުރުމަށް ގޮވާލާ ހޮންކޮންގެ ގިނަ އަދަދެއްގެ މީހުން ވަނީ މުޒަހަރާކޮށްފަ -- ފޮޓޯ: ރޮއިޓާސް

ހޮންކޮން (ފެބްރުއަރީ 4): ނޮވެލް ކޮރޯނާވައިރަސް ޖެހިގެން ޗައިނާއިން ބޭރުގައި ދެވަނަ މީހަކު މަރުވެއްޖެ ކަމަށާއި އެއީ ހޮންކޮންގައި ހުރި މީހެއްކަން އެ ސަރަހައްދުން އިއުލާންކޮށްފި އެވެ.

ހޮންކޮންއިން މިއަދު ބުނި ގޮތުގައި ކޮރޯނާވައިރަސް ޖެހިގެން މަރުވެފައި ވަނީ އެ ވައިރަސް ފުރަތަމަ ފެނުނު ވޫހާންއިން ދިޔަ މީހެކެވެ. އަދި އޭނާއަކީ ސިއްހީ އެހެން މައްސަލަތަކެއްވެސް ހުރި މީހެކެވެ.

މީގެ ކުރިން ކޮރޯނާވައިރަސް ޖެހިގެން ޗައިނާއިން ބޭރުގައި މަރުވެފައި ވަނީ އެގައުމުން ފިލިޕީންސަށް ދިޔަ 44 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާއާ އެކު ދަތުރު ކުރި 38 އަހަރުގެ ޗައިނާގެ އަންހެން މީހާވެސް ވައިރަސްއަށް ޕޮޒިޓިވްވެ، ފިލިޕީންސްއިން ދަނީ އެމީހާއަށް ފަރުވާ ދެމުންނެވެ.

ހޮންކޮންގައި 15 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު، މިދިޔަ މަހުގެ 25ގައި އެސަރަހައްދުން ވަނީ ސިއްހީ ގޮތުން ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. އަދި އިއްޔެ ހޮންކޮންގެ ލީޑަރު ކެރީ ލާމް ވަނީ ޗައިނާ އާއި ހޮންކޮންއާ ދޭތެރޭ އޮންނަ ބޯޑަރު ހުރަސް ކުރުމަށް ބޭނުން ކުރާ 13 ސަރަހައްދުގެ ތެރެއިން 10 ސަރަހައްދެއް ބަންދު ކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. ނަމަވެސް ހޮންކޮންގެ ގިނަ އަދަދެއްގެ މީހުން ވަނީ އެބޯޑަރު އެއްކޮށް ބަންދު ކުރުމަށް ގޮވާލާ މުޒާހަރާކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަސް މިހާތަނަށް 20،000 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑުން ފެނި، އޭގެ ސަބަބުން 425 މީހަކު ވަނީ މަރުވެފަ އެވެ. އަދި ޗައިނާއިން ވަނީ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ވޫހާން އާއި ވަށައިގެންވާ ހޫބެއި ޕްރޮވިންސުގެ ދަތުރުފަތުރު ވަރަށް ބޮޑަށް ކޮންޓްރޯލުކޮށްފަ އެވެ. ނަމަވެސް ގިނަ ގައުމުތަކުން ވަނީ ހޫބެއިގައި ތިބި އެގައުމުގެ ރައްޔިތުން އަނބުރާ ގެންދަން ފަށާފައެވެ.

ޗައިނާގެ އިތުރުން 20 ގައުމަކުން މިހާރު ވަނީ ކޮރޯނާވައިރަސް ފެނިފައެވެ.

comment ކޮމެންޓް