ކޮރޯނާއަށް ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފި

ކޮރޯނާ ވައިރަސް އާ ބެހޭގޮތުން ޑރ. މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް ރާއްޖެއިން އަޅަމުންގެންދާ ފިޔަވަޅުތަކުގެތެރެއިން އާއްމުން ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގްރާމްތަކެއް ފަށައިފި އެވެ.

އަތޮޅުތެރެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އެ ޕްރޮގްރާމްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅެއް ކަވަރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ ޕްރޮގްރާމުގެތެރެއިން ދޮރުން ދޮރަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީ ސްކޫލްތަކުގައި ތައުލީމު ޙާސިލުކުރަމުން އަންނަ ކުދިންނަށާއި އޮފީސްތަކާއި އެކި މުއައްސަސާތަކުގައި ސެޝަންތައް ކުރިއަށްގެންގޮސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި ކޮރޯނާވައިރަހާ ގުޅޭ މަޢުލޫމާތާއި އެވައިރަސް ފެތުރޭ ގޮތާއި އޭގެއިން ރައްކާތެރިވުމަށް ފަރުދީގޮތުންނާއި މުޖުތަމައު ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކުގެ މަޢުލޫމާތުދީފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކޮރޯނާވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގެ ހުރިހާ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ހޮސްޕިޓަލް، ސިއްހީ މަރުކަޒު އަދި ސިއްހީ އިދާރާތަކާއި އެކަމާ ބެހޭ އެހެނިހެން ފަރާތްތައް ގުޅިގެން އަންނަނީ މިހާރު މަސައްކަތްކުރަމުންނެވެ.

އޭގެ އިތުރުން އެ ވައިރަހުން ރައްކާތެރިވުމަށް ރާއްޖޭގެ ފަތުރުވެރިންނަށް ހިދުމަތްދޭ ރިސޯޓުތަކުގައި ވެސް މަސައްކަތްކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް