ޓީސީއާއި ދަ ގްރާންޑޭ ބޮޑު މޮޅަކާ އެކު ލީގު ނިންމާލައިފި

ޓީސީއާއި ގްރީންސްޓްރީޓްސް އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ޓީސީ ސްޕޯޓްސް ކުލަބާއި ދަ ގްރާންޑޭ ކުޅުނު މެޗުތަކުން ފަސޭހަ ކަމާ އެކު މޮޅުވި އިރު އެ ޓީމުތަކަށް ލީގު ނިމިއްޖެ އެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް އިން އިއްޔެ ގްރީންސްޓްރީޓްސްއާ ވާދަކޮށް މޮޅުވީ 1-5ގެ ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު ލީގުގެ ތިންވަނައިގައި އޮވެ ޓީސީއިން ލީގު ނިންމާލީ ކުޅުނު 21 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. މިއީ 2015 ވަނަ އަހަރު އެ ކުލަބު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ފަހުން ލީގުގެ ގަދަ ދެޔަކުން ދަށަށް ޖެހުނު ފުރަތަމަ ފަހަރެވެ. ޓީސީއަށް ވުރެން އެއް ޕޮއިންޓް ކުރީގައި އޮތް އީގަލްސް 42 ޕޮއިންޓް ހޯދައިފައިވާ އިރު މާޒިޔާއިން ލީގުގެ އެއްވަނަ ހޯދާފައި ވަނީ 51 ޕޮއިންޓާ އެކު އެވެ.

އެކަމަކު ލީގުގެ ފަހު މެޗުގައި އީގަލްސް އަތުން މޮޅުވެ އިތުރަށް ފަރަގު ބޮޑު ކުރުމުގެ ފުރުސަތު މާޒިޔާއަށް އޮތް އިރު ލީގު ކަށަވަރު ވުމުން އެ ކުލަބަށް ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޖާގައެއް ޔަގީން ވެފަ އެވެ.

އިއްޔެގެ މެޗު ފަށައިގެން ގްރީންއަށް ޓީސީގެ ވަރުގަދަ އެޓޭކް ފޯސް ހިފަހައްޓާލެވުނީ 17 ވަނަ މިނަޓާ ހަމައަށެވެ. ޓީސީގެ ފުރަތަމަ ގޯލު އިޝާން އިބްރާހިމް (ސައްޓު) ޖެހި އިރު އެ ޓީމުން ދިޔައީ ގްރީންގެ ގޯލަށް ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ.

ޓީސީގެ ދެ ވަނަ ލަނޑު މެޗުގެ 27 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޕެނަލްޓީ އަކުން ދަގަނޑޭ އެވެ. މިއީ ގްރީން ސްޓްރީޓްސްގެ އާދިލް އަބްދުލް ރަހުމާން އޭރިއާ ތެރެއިން ދަގަނޑޭ އަށް ކުރި ފައުލަކަށް ރެފްރީން ދިން ޕެނަލްޓީ އެކެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓީސީގެ ތިން ވަނަ ލަނޑު ޖެހީ ސެއިން ވިންސެންޓްގެ ފޯވާޑް ކެސިއަސް މެލްކަމް ސްޓެވާޓް އެވެ.

ދެވަނަ ހާފު ފެށިގެން ވެސް ޓީސީއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުން ދިޔަ އިރު 78 ވަނަ މިނަޓުގައި އެ ޓީމުގެ ހަތަރު ވަނަ ގޯލު ޖެހީ ދަގަނޑޭ ހުސްކޮށްލާފައި ދިން ބޯޅައަކުން އިސްމާއިލް އީސާ (މެސީ) އެވެ.

ގްރީން ސްޓްރީޓްސްގެ ހަމައެކަނި ގޯލު މެޗުގެ 85 ވަނަ މިނިޓްގައި ޖެހީ މުހައްމަދު އާރިފް (ބަކާ) އެވެ. މިއީ ޓީސީގެ މަހުމޫދު ސައީދު އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ އަލީ ޝަމާލް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ޓީސީއިން މެޗުގައި ޖެހި ފަސްވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ މި ސީޒަނުގެ ކުރީކޮޅު ގްރީންސްޓްރީޓުން ފެނުނު ދަގަނޑޭ އެވެ. ދަގަނޑޭ ޓީސީއަށް ބަދަލުވީ ކުރިއަށް އޮތް އޭއެފްސީއަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ.

މީގެ އިތުރުން މި ސީޒަނުގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރި ދަ ގްރާންޑޭ ރޭ ށ.ފޯކައިދޫއާ ވާދަކޮށް ކުރި ހޯދީ 1-3ގެ ނަތީޖާއަކުންނެވެ.

ގްރާންޑޭއިން އެ މެޗުގައި ޖެހި ތިން ގޯލު ވެސް ކާމިޔާބުކޮށްދިނީ އިރާގްގެ ފޯވަޑް އުބައިދާ ހަދޫމް އަހްމަދެވެ. ފޯކައިދޫގެ ލަނޑު ކާމިޔާބު ކުރީ ހަސަން ފުވާދު (ޖެކް) އެވެ.

comment ކޮމެންޓް