ޗައިނާއިން އަންނަ މީހުން ރާއްޖެ ވަނުން މަނާކޮށްފި

ޖެނުއަރީ 29، 2020: ޓޫރިސްޓުންތަކެއް އެއާޕޯޓްގައި މާސްކް އަޅައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޗައިނާއިން ރާއްޖެ އަންނަ އެއްވެސް މީހަކު ރާއްޖެއަށް ވަނުމުގެ ހުއްދަ ނުދޭން ދިވެހި ސަރުކާރުން މިއަދު ނިންމައިފި އެވެ.

ޗައިނާގެ ވޫހާން ސިޓީން އެންމެ ފުރަތަމަ ފެނި މިހާރު މުޅި ދުނިޔެއަށްވެސް ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ މީގެ ދެދުވަސް ކުރިން ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ ސީދާ ވައިގެ ދަތުރުތައް ހުއްޓާލުމަށް ވެސް ނިންމާފަ އެވެ.

ކޮރޯނާ ޕްރިވެންޝަން ޓާސްކް ފޯހުން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސި ބަހުން އިއްވެވި ސްޓޭޓްމަންޓުގައި ވިދާޅުވީ، މިރޭ ދަންވަރު 12:00 އިން ފެށިގެން ޗައިނާގެ މެއިންލޭންޑުން އަންނަ އެއްވެސް ގައުމެއްގެ ރައްޔިތަކަށް ރާއްޖެ ވަނުމުގެ ހުއްދަ ނުދޭން ދިވެހި ސަރުކާރުން މިވަގުތަށް ނިންމާފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ރާއްޖޭގެ ރައްޔިތުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދުނިޔޭގައި މި ބަލި ދުވަހުން ދުވަހަށް ފެތުރެމުންދާ ގޮތާއި މީގެ އައުޓްބްރޭކަށް ވިސްނާފައި މި ފިޔަވަޅު އަޅަން ނިންމެވީ،" ކޮރޯނާއާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އެކުލަވާލާފައިވާ ޓާސްކް ފޯސްގެ އެންމެ އިސްފަރާތް މިނިސްޓަރު އަލީ ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު އަމީން އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ކޮރޯނާ ވައިރަސް ރާއްޖެ ނައުމަށް އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒޫ މޫސާ

އޭނާ ވިދާޅުވީ، ޓުއަރިޒަމް ސިނާއަތަށް އަސަރުކުރި ނަމަވެސް އެ ނިންމުން ނިންމަން ޖެހުނީ ކޮރޯނާ ވައިރަސް އައުމަށް ހުރި ދޮރުތައް ބަންދު ކުރެވެން އޮތީ ރާއްޖޭގެ ބޯޑަރު ވަރުގަދަކޮށްގެން ކަމަށް ވާތީ ކަމަށެވެ. އަދި ރައްޔިތުންނާއި ޓޫރިސްޓުންގެވެސް ރައްކާތެރިކަން ކަށަވަރު ކުރުމަކީ މިވަގުތަށް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭކަންތައް ކަމަަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، މި ފިޔަވަޅުގެ ސަބަބުން ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޓޫރިސްޓުންނަށް އިހުސާސްކުރެވޭނެ ކަމަށެވެ.

"މިވަގުތު ސޭފްޓީއަށްވުރެ މުހިންމު އެއްވެސް ކަމެއް އަޅުގަނޑުމެންގެ ވިސްނުމަކު ނެތް. މިއީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށާއި ރާއްޖެ ޒިޔާރާތް ކުރާ މީހުންނާއި ރާއްޖޭގައި ދިރިއުޅެމުންދާ މީހުންގެ ރައްކާތެރިކަމަށް އިސްކަމެއް ދީގެން އެޅި ފިޔަވަޅެއް. އޭގެ ކޮންސިކުއަންސް، އެއަށް ތައްޔާރުވެ، އެކަމާ ގުޅިގެން ގެންނަ ޖެހޭ ބަދަލުތައް ގެންނާން،" މި ނިންމުމާއެކު ޓުއަރިސްޓް އެރައިވަލްއަށް އަންނާނެ ބަދަލުތަކީ ކޮބާތޯ ސުވާލު ކުރުން މިނިސްޓަރު ވިދާޅުވި އެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން، ރައީސް އޮފީހުގައި ވާހަކަދައްކަވަނީ -- ސަންފޮޓޯ/ ރައީސް އޮފީސް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މި ނިންމުމާ ގުޅޭ ގޮތުން އިތުރަށް ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ، އެފިޔަވަޅު އަޅަން ސަރުކާރުން ނިންމީ، ކޮރޯނާ ވައިރަސްގައި ޗައިނާއިން ބޭރުގައި ފުރަތަމަ މީހަކު މިއަދު މަރުވެފައިވުމުން އެބަލިމަޑުކަމުގެ ހާލަތު މިހާރު ބަދަލުވެފައިވާތީ ކަމަށެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޝައްކުވެގެން އެކަހެރިކޮށްފައި އަދި ހުރީ، ޗައިނާގައި ކިޔަވަން ހުރުމަށް ފަހު ރާއްޖެ އައި 20 އަހަރުގެ ދިވެއްސެކެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މޮނީޓާ ކުރުމަށް ޓަކައި ޗައިނާއިން ރާއްޖެ އައި އިތުރު ދެ ދިވެއްސަކު އެކަހެރިކޮށްފައިވެ އެވެ. މި އެންމެންގެ ލޭގެ ސާމްޕަލް ކޮރޯނާއަށް ޓެސްޓް ހަދަން ފޮނުވާފައިވާއިރު، އެ ޓެސްޓްތަކުގެ ނަތީޖާ ލިބޭނީ މާދަމާގެ ވަގުތެއްގަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ބައްޔައް މިހާތަނަށް 14،000 ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، މަރުވި މީހުންގެ އަދަދު ވަނީ 300 އަށް އަރާފަ އެވެ. އޭގެ ތެރެއިން އެ ބަލީގައި ޗައިނާ އިން ބޭރުން، ފިލިޕީންސުން މިއަދު ވަނީ ފުރަތަމަ މީހާ މަރުވެފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ވަރަށް ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެސް ވެފަ އެވެ. އާންމުކޮށް ބަލި ޖެހިގެން މަރުވެފައި ވަނީ، މުސްކުޅިވެ ނުވަތަ ޖެހިފައިވާ އެހެން ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމް ބަލި ކަށިވެފައިވާ މީހުންނެވެ.

comment ކޮމެންޓް