"އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފީސް ---

ބޭންކް އޮފް މޯލްޑިވްސްގެ "އަަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލްއިން ބުނީ މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރުވެސް ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވާނެ ކަމަށެވެ.

އޭގެ ތެރެއިން ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ކަނޑައެޅިފަ އެވެ. އަހަރުގެ ކޮންމެ ކުއާޓަރެއްގައިވެސް ފަސް ޕްރޮޖެކްޓް ހިންގާއިރު، މި ކުއާޓަރުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މި މަހުގެ 15 ވަނަ ދުވަހަށެވެ.

މި ފަންޑާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ އެ ބޭންކުގެ އެންމެ މުހިންމު އެއް އަމާޒަކީ ބޭންކާއި ދިވެހި މުޖުތަމައާ ދެމެދު އޮތް ގުޅުން ބަދަހި ކުރުން ކަމަށެވެ.

"ފާއިތުވެދިޔަ އަހަރު ބީއެމްއެލްއިން ވަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް ފުޅާކޮށްފައި. އަދި މީގެ އިތުރުން ކޮމިއުނިޓީ ފަންޑުގެ އެހީގައި 20 ރަށަކަށް މިވަނީ އެހީތެރިކަން ފޯރުކޮށްދެވިފަ. މި ފަންޑު މިއަހަރުވެސް ކުރިޔަށް ގެންދިޔުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވި، މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރުވެގެންދާނެ ބޮޅެއް." ޓިމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބީއެމްއެލްއިން ވަނީ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮޖެކްޓް ހިންގުމަށް އެއް މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

އެ ފަންޑުގެ އެހީގައި ހިންގި މަޝްރޫއުތަކުގެ ތެރޭގައި އެކި ރަށްރަށުގައި ޕާކާއި ސްކޫލްތަކުގެ ލައިބްރަރީގެ އިތުރުން ސެން ކްލާސް ތަަރައްގީ ކުރުމާއި ތިމާވެއްޓާ ރައްޓެހި މަޝްރޫއުތައް ހިންގުން ހިމެނެ އެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ހުޅުވާލާފައިވާ ފަންޑެކެވެ.

comment ކޮމެންޓް