ކޮރޯނާވައިރަސް ޖެހި، ފިލިޕީންސްގައި މީހަކު މަރުވެއްޖެ

ކޮރޯނާވައިރަސް ޖެހިގެން ފިލިޕީންސްގައި މީހަކު ވަނީ މަރުވެފައި -- ފޮޓޯ: އޭއެފްޕީ

މެނީލާ (ފެބްރުއަރީ 2): މިދިޔަ ޑިސެމްބަރު މަހު ޗައިނާގައި ފެތުރެން ފެށި ނޮވެލް ކޮރޯނާވައިރަސް ޖެހި، ފިލިޕީންސްގައި އިއްޔެ މީހަކު މަރުވެއްޖެ އެވެ.

ފިލިޕީންސް ޑިޕާޓްމެންޓު އޮފް ހެލްތުން ބުނި ގޮތުގައި އެގައުމުގައި މަރުވެފައި ވަނީ އުމުރުން 44 އަހަރުގެ ޗައިނާގެ ފިރިހެނެކެވެ. އަދި އޭނާއަކީ މިދިޔަ މަހުގެ 21ގައި ވޫހާންއިން ފިލިޕީންސަށް ދިޔަ މީހެކެވެ.

އެއީ ކޮރޯނާވައިރަސް ޖެހިގެން ޗައިނާއިން ބޭރުގައި މަރުވި ފުރަތަމަ މީހާ އެވެ.

ފިލިޕީންސްގައި މަރުވި މީހާ ދަތުރު ކުރީ ޗައިނާގެ 38 އަހަރުގެ އަންހެނަކާ އެއްކޮށެވެ. އަދި އެ މީހާ ވެސް ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައި ކަމަށް އެގައުމުން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހު ފިލިޕީންސްގެ ސަރުކާރުން ވަނީ ވޫހާން އާއި ވައިރަސް ފެތުރިފައިވާ ޗައިނާގެ އެހެން ޕްރޮވިންސްތަކުން އެގައުމަށް މީހުން ދިޔުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ.

ޗައިނާގައި ކޮރޯނާވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 304އަށް އަރާފަ އެވެ. އަދި އެ ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 14،551އަށް އަރާފަ އެވެ. އޭގެ ތެރޭގައި އޭޝިއާ، އުތުރު އެމެރިކާ، ޔޫރަޕް އަދި މެދުއިރުމަތީގެ ގައުމުތަކުގައި ތިބި މީހުން ހިމެނެ އެވެ. އެހެންކަމުން ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ވަނީ އެ ވައިރަސް ފެތުރުމަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި އިއުލާންކޮށްފަ އެވެ.

comment ކޮމެންޓް