މޭޔަރުން ފެއިލްވީ ޔާމީން ސަރުކާރާ ހުރެ: ނަޝީދު

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިރައީސް ނަޝީދު ވާޙަކަ ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސީޓީ ކައުންސިލްތަކުގެ މޭޔަރުން ފެއިލްވީ، ކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރާ ހުރެ ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނިމިގެން މިދާ ކައުންސިލްތަކުގެ ދައުރުގައި ރާއްޖޭގެ ތިން ސިޓީގައި ވެސް މޭޔަރު ކަން ކުރައްވަމުން ގެންދަވަނީ އެމްޑީޕީ މޭޔަރުންނެވެ. އެ މޭޔަރުން އިތުރު ދައުރަކަށް އިންތިހާބު ވުމަށް ޓަކައި އިއްޔެ ބޭއްވި އެޕާޓީގެ ޕްރައިމަރީގައި ވާދަކުރުމުން ވަނީ ނާކާމިޔާބުވެފަ އެވެ.

އެމްޑީޕީން މިއަދު އެ ޕާޓީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތިން މޭޔަރުން ވެސް ފެއިލްވުމާ ގުޅިގެން "ސަން" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ސަރުކާރުގައި ކައުންސިލަރުންނަށް ފިއްތުންތައް ކުރިމަތި ކުރަވައި، އެ މީހުންގެ މަސައްކަތްތަކަށް އެތައް ގޮތަކުން ހުރަސް އެެޅުވި ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ފެއިލްވީ ކުރީގެ ސަރުކާރު. ފެއިލް ކޮށްލައިގެން މިއުޅެނީ. އަޅުގަނޑުމެންގެ ސިޓީ ކައުންސިލްތަކަށް އެނގިވަޑައިގަންނަވާނެ މަސައްކަތް ނުކުރެވުނު އެންމެ ބޮޑު ސަބަބަކީ، ރައީސް ޔާމީން ލާމަރުކަޒީ ނިޒާމް ރުޅާލުމާއި ސިޓީ ކައުންސިލްތައް ހަލާކު[ކޮށްލުން]،" މޭޔަރުން އެމްޑީޕީ ޕްރައިމަރީން ފެއިލްވީ އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރެވުމުންތޯ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

"ކައުންސިލްގެ އިދާރާ ވެސް އަތުލީ، ކައުންސިލްގެ ގޮނޑި މޭޒު ވެސް އަތުލީ. ކައުންސިލްގެ ކައުންސިލަރުންގެ މުސާރައިން ވެސް ބައެއް ނެގީ. ކައުންސިލަރުން ވެސް ހައްޔަރު ކުރެއްވީ،" ރައީސް ޔާމީންގެ ސަރުކާރުގައި ކައުންސިލަރުންނަށް ފިއްތުންތައް ކުރި މަތި ކުރިވި ކަމަށް ބުނެ ރައީސް ނަޝީދު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝިދު ވާހަކަ ދައްކަވަނީ: މޭޔަރުން ފެއިލްވީ ޔާމީން ސަރުކާރާ ހުރެ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ކައުންސިލްތަކުގެ ބާރުތައް ކުޑަކޮށް، ބައެއް ކައުންސިލަރުން ސަސްޕެންޑް ކޮށްފަ އެވެ. އަދި ސިޓީ ކައުންސިލަރުންނަށް މަތި ކޮށްފައިވާ ކަންކަން ބައެއް މިނިސްޓްރީތަކުގެ އިހްތިސޯސްސައް އިތުރު ކުރި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކުރުމަކީ އެ ސިޓީގެ މަސްއޫލިއްޔަތެއް ކަމަށާއި ނަމަވެސް އެކަމަށް ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ހުރަސް އެޅުއްވި ކަމަށެވެ.

"ކައުންސިލަރުންގެ ހުރިހާ ބާރެއް ދިނީ، ހައުންސިން މިނިސްޓްރީއެއް އުފައްދާފައި އެތަނަށް. ވިއްސްނަވާލައްވާ އެ ހައުސިން މިނިސްޓަރީގެ މިނިސްޓަރު ނެރުއްވި 7،000 ފްލެޓްގެ ހިޔާ މަޝްރޫއު ފްލެޓް... މާލޭ ސިޓީއަށް އެބަ އެނގޭ، އޭގެން ސާފުކޮށް 5،000 އެއްހާ މީހުންނަނަކީ ޝަރުތު ފުރިހަމަ ނުވާ މީހުންކަން،" މިހާރު މިއޮތް އެމްޑީޕީގެ ސަރުކާރާއެކު ދެން މާލޭ ސީޓީ ކައުންސިލަށް ބޯހިޔާވަހިކަން ކަށަވަރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފެބްރުއަރީ 1 ،2020: އެމްޑީޕީގެ ޕްރައިމަރީ އާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ ޕްރައިމަރީގައި މިހާރު ތިބި މޭޔަރުންނަށް އިތުރު ފުރުސަތެއް ނުދިނުމަށް އެ ޕާޓީގެ އާންމު މެމްބަރުން ނިންމެވި ނިންމުމަށް ފުރިހަމަށް އިހުތިރާމް ކުރައްވާކަމަށެވެ. އެއީ މެމްބަރުންގެ ނިންމުން ކަމަށާއި ޕާޓީގެ އިސްފަރާތެއްގެ ހައިސިއްތުން އެ ނިންމުން ބަލައިގަނެ އެ ނިންމުމާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެއީ މެމްބަރުންގެ ވިސްނުން. އެ ވިސްނުމާ އެކު އަޅުގަނޑު މަސައްކަތް ކުރައްވަން ޖެހޭނީ. އަދި ތަފާތެއް ނެތި އެ ވިސްނުމާ އެކު އަޅުގަނޑު މައްސަކަތް ކުރާނީ ވެސް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޕްރައިމަރީގައި މެމްބަރުން ވޯޓު ދީފައިވާނީ މެމްބަރުން ވަރަށް ބޮޑަށް ވިސްނައިވަޑައިގެން އެ މެމްބަރުންނަށް ފެންނަ އެންމެ ރަގަނޅު ގޮތުގައި ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި، ޕާޓީގެ މްމެބަރުން [ވޯޓު ދިނުމުގައި] ބަލާފައިވާނެ ކުރީގައި ކަންކަން ހިނގާފައިވަނީ ކިހިނެއްތޯ. އަދި ކުރިއަށް އޮތް ތަނުގައި އެމީހުން ވިސްނަނީ ވެސް ކިހިނެއްތޯ. އަދި މެމްބަރުންގެ ނަޒަރުގައި ވަކި ބާވަތެއްގެ ނަތީޖާއެއް ނެރުމަށް ވަކި ބާވަތެއްގެ ބަޔަކަށް ވޯޓުދީ ހަދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ބަލިކޮށް ބޮޑު ތަފާތަކުން އެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ. ފުވައްމުލައް ސިޓީގެ މޭޔަރު ފަލާހު ޝަރީފުގެ މައްޗަށް ކުރިހޯދީ، އިސްމާއިލް ރަފީގު (އިއްސެ) އެވެ. އައްޑޫ މޭޔަރުކަން ވޭތުވެ ދިޔަ ތިން ދައުގައި ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) އާ ވާދަކޮށް ކާމިޔާބު ކުރެެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރެވެ.

comment ކޮމެންޓް