ތި ރަށު މީހުން މިއަށް ކިޔަނީ ކޮން ނަމެއް؟

ދޮންމަދުގެ ފޮޓޯއެއް--- ފޮޓޯ:އަޝްރަފިއާނޯ/ޓްވިޓާ

އަޝްރަފްގެ ނަމުގައި ޓްވިޓާގައި އުޅޭ މީހަކު މިދިޔަ ބުރާސްފަތި ދުވަހު ޖެހި ޓްވީޓަކީ ނުބަލާ ދޫކޮށްލާ ވަރުގެ ޓްވީޓެއް ނޫނެވެ؛

ފެހިކަންގަދަ ފަތެއްގައި ނިކަން ރީތިކޮށް އަތުރާލާފައިވާ ދޮން އަނބު ޒާތުގެ އެއްޗެހިތަކެއް، ފެންނަ ފޮޓޯއަކާ އެކު އޭނާ އެހީ؛ "ތިޔަ ރަށުގެ ބަހުރުވައިން މިއަށް ކިޔަނީ ކީކޭ" ހެއްޔެވެ؟ އެޔާ އެކު އެތައް ބައެއްގެ ޖަވާބުތަކުން ތްރެޑް ފުރާލި އެވެ.

އެއްބަޔަކު ބުނީ މިއީ ލުނބޯތަކެއް ކަމަށެވެ. އަނެއް ބަޔަކު ބުނީ މިއީ އަނބުތަކެއް ކަމަށެވެ. އަނެއް ބަޔަކަށް މިއަށް ކިޔާ ނަން އެނގުނު ނަމަވެސް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކިޔާ ނަންތަކެއް ހަމަ ރަނގަޅަށްވެސް އަޖައިބުކޮށްލައިފި އެވެ.

މިއީ ރާއްޖޭގެ ރަސްމީ ބަހުރުވައިން ކިޔާ ގޮތުންނަމަ ދޮން މަދެވެ. މިދިލިގަހުގައި އަޅާ މަދެވެ. އައްޑޫގެ ބައެއް ހިސާބުތަކުގައި "ދެލިވައް" ވެސް ކިޔާ އުޅެ އެވެ. ހުވަދޫ މީހެއްނަމަ "ގޮނބެ" ވެސް ކިޔާއުޅޭ ކަމަށްވެ އެވެ.

މެންބަރު އަލީ ހުސެއިން އެ ޓްވީޓަށް ޖަވާބު ދެމުން ވިދާޅުވާ ގޮތުގައި އޭނާ ދަންނަގޮތުގައި މިއީ "ކަނަ" އެވެ. އެއީ ދޮންވެފައި ހުންނައިރު ކިޔާ ނަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް މީހުން ބުނާ ގޮތުގައި، ދިވެހި ރަސްމީ ބަހުރުވަ އާއި މާ ބޮޑު ތަފާތުތަކެއް ނެތް އުތުރުގެ ރަށްތަކުގައި ވެސް އާންމުކޮށް ކިޔާ އުޅެނީ ދޮންމަދެވެ.

މިދިލިގަހަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުން ފެންނަ އާންމު ގަހަކަށްވާއިރު، މަދުގެ އެކި ސްޓޭޖްތަކަށް ކިޔާ ނަންތައް އެބަ ތަފާތުވެ އެވެ. މިގޮތުން މިދިލިވައް، ގޮބު، ދޮންމަދު، މިދިލިވަކުގެ ހިކިމަދު، ކަނަމަދު މިއީ ހައްތަހާވެސް މިދިލިގަހުގައި އަޅާ މި މޭވާގެ އެކި މަރުހަލާތަކުގެ ނަންތަކެވެ.

ކަނަމަދު ---ފޮޓޯ:ވިކިޕީޑީއާ

އެންމެ ގިނަބަޔަކު މި ނަންތަކުގެ ތެރެއިން ފަރިތަވާނީ ކަނަމަދާ އެވެ. ކަނަމަދު ކޭކާއި، ކަނަމަދު މެޓާ އަދި ކަނަމަދު ބޯކިބަލަކީ އަަހަރެމެންގެ ތެރޭގައި މަގުބޫލު އަދި އެފަދަ ދެވަނަ އެއް ނުވާ ބާވަތްތަކެވެ.

ކަނަމަދު މި ލިބެނީ ހިކިމަދު ހޮވައިގެން ނުވަތަ، އަމިއްލަ އަށް ހިއްކައިގެން އެ ފަޅައިގެންނެވެ. ގިނަ ބަޔަކަށް މިއީ ބޮޑު ބުރަ މަސައްކަތެކެވެ.

ދިވެހި ބަހުގެ ރަދީފުގައިވާ ގޮތުން "ދޮން މަދަކީ" މިދިލިގަހުގައި އަޅާވައް ދޮންވީމާ ކިޔާގޮތެވެ. އަދި "ކަނަމަދު"، މިއީ މިދިލިގަހުގެ ދޮންވެފައިވާވައް ނުވަތަ މިދިލިވަކުގެ މަދެވެ.

ދޮންމަދު ނިލިކޮށް ހުންނައިރު ކިޔަނީ ގޮނބު އެވެ. ގޮނބުގެ ތެރޭގައި ހުންނަ ބައެއް ވައްތަރުގެ ގޮނބުވެސް މީހުން ކައިއުޅެ އެވެ. ގޮނބު ހުންނަނީ ފެހި ކުލައިގަ އެވެ. ދޮންވުމުން ހުންނަނީ ރީނދޫ ކުލައިގަ އެވެ. އެހެންކަމުން ދޮންމަދު ހުންނާނީ ރީނދޫ ކުލައިގަ އެވެ.

ދޮންމަދުވެސް އަދި ގޮނބުވެސް މިއީ ހުހަށާއި އަދި ރިހާކުރުފަދަ ތަކެއްޗާއި ޖައްސައިގެންވެސް ވަރަށް މީރުކޮށް އަހަރެމެންގެ ތެރޭގައި ކައި އުޅޭ އެއްޗެކެވެ.

ކޮންމެއަކަސް، ދޮންމަދަކާއި ހެދި ހުރެ ލައްކަ ވިސްނުމެއް ވިސްނިއްޖެ އެވެ. މިއީ އެކި ހިސާބުތަކުގައި އެކި ނަންނަމުން ކިޔަސް، އެއް ބޭނުމެއް ކުރާ އެއް ރަހައެއްލާ އެކައްޗެކެވެ. ފެނިގެންދަނީ އަހަރެމެންގެ ދިވެހި ބަހުގެ ބަހުރުވަތަކުގެ އަމިއްލަވަންތަކަމާއި މުއްސަނދިކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު