ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފުން ވަކިކުރީ ގަވާއިދާ އެއްގޮތަށް: ސީއެސްސީ

މާޗް 14، 2018: ސިވިލް ސާވިސް ކޮންފަރެންސް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރާންސްޕޯޓް އޮތޯރިޓީގެ 11 މުވައްޒަފަކު ވަޒީފާ އިން ވަކިކުރީ ގަވާއިދާ އެއްގޮތަށް ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުން ބައެއް ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަމުން އަންނަ މައްސަލައާ ގުޅިގެން އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދު "ސަން" އަށް ވިދާޅުވީ ހުރިހާ މުވައްޒަފުން ވެސް ވަޒީފާ އިން ވަކިކުރީ ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށެވެ.

"ވަކިކުރި 11 މުވައްޒަފުންނަށް ވެސް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވާނެ. އެ އެންމެން ވެސް ވަކިކުރީ ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް،" ސައީދު ވިދާޅުވިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި ގިނައީ، ވަރަށް ދަށް ފެންވަރުގައި މަސައްކަތް ކުރާ މުވައްޒިފުން ކަމަށާއި އެފަދަ މުވައްޒިފުންނާ މެދު ފިޔަވަޅު އެޅަން ޖެހުނަސް ފަހަތަށް ނުޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވެފައި ވަނީ، ރަނގަޅު މުވައްޒިފުންނަށް ވުރެ، މިނިސްޓްރީގައި ގިނައީ، "ވަރަށް ހިތާމަވެރިކޮށް، ވަރަށް ހިތްދަތިކޮށް، ދެރަވަރުކޮށް، ދެރަ ފެންވަރުގައި" މަސައްކަތް ކުރާ މުވައްޒިފުން ކަމަށެވެ.

"ކިތަންމެ ގިނަ ބޭފުޅުންނާމެދު އަޅުގަނޑު ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އަޅުގަނޑު ފިޔަވަޅު އަޅާނަން،" ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މުވައްޒިފުން ކޮފީ މޭޒު ފަދަ ތަންތާގައި މިނިސްޓަރާމެދު ހިތްހަމަނުޖެހިގެން "ކިތަންމެ ވަރަށްކަށް އެއްޗިހި ކިޔަސް" "ވާނެ ކަމެއް ނޯންނާނެ" ކަމަށެވެ.

"ވަރަށް ސާފުކޮށް މި ދަންނަވަނީ، އަޅުގަނޑަށްވާނެ ކަމެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް