ހަފްތާ ބަންދު އޮތީ ކިހިނެއް؟

އުރީދޫ ކަލާ ރަންގެ ފޯރި ގަދަ ކުރުމަށް ކުރިއަށް ގެންދިޔަ މޫދު އުފާ ހަރަކާތުގެ ތެރެއިން: މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތަކުން ބައިވެރިވި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިއަދުގެ ރަސްމީ މަސައްކަތު ގަޑިއަށްފަހު ހަފްތާ ބަންދުވީ އެވެ. އެއާއެކު، މިއަހަރުގެ ފުރަތަމަ މަސްވެސް ރަސްމީކޮށް މި ނިމުނީ އެވެ. ކުރިއަށް އޮތީ މަސައްކަތުން ދުރުވެ، ކުޑަކޮށް ހަމަޖެހިލާ އަރާމުކުރުމަށް އޮތް ދެދުވަހެވެ. ނޫނީ އެއް ބަޔަކަށް އެއް ދުވަހެވެ. މަސައްކަތަށް އެނބުރި ދިއުމުގެ ކުރިން 'ޕްލޭނަކީ' ކޮބާ ހެއްޔެވެ؟

ވީކެންޑް ކޮފީ

ބުރާސްފަތިދުވަހުގެ ރެއަކީ ޒުވާނުންގެ ތެރޭގައި ކޮފީއަށް ހާޢްސަ ރެއެކެވެ. ލޯބި ޖޯޑުތަކާއި، ރައްޓެހިންގެ ގްރޫޕުތައް އެއްކޮށް ކޮފީއެއް ބޯލާ، ހަފްތާގެ އެކިކަންކަމުގެ ވާހަކަތައް ހިއްސާކުރުމަށް މިއީ ހަމަ އެންމެ ރަނގަޅު ރެއެވެ.

ބަޖެޓުކޮށް މިކަން ކުރަން ބޭނުންނަމަ، ކޮންމެވެސް އެކަކުގެ ގެއެގެއްގައި ހާޢްސަ ކޮފީއެއް ރާވާލެވިދާނެ އެވެ. ބޯޑް ގޭމްސްކޮޅަކާއި އެކީ ނޫނީ ހާޢްސަ ފިލްމެއް ބަލާލުމަށްވެސް މިރޭ ހަމަ އެންމެ ރަނގަޅެވެ.

ނެޓްފްލިކްސް އިންނަމަ މިއަދާއި މާދަމާވެސް މުޅީން އާ ފިލްމުތަކާއި ސީރީޒް ނެޓްފްލިކްސްއަށް އަންނަން އެބަހުއްޓެވެ. މިގޮތުން ނެޓްފްލިކްސް އޮރިޖިނަލްއެއް ކަމުގައިވާ 'ދަ ސްޓްރޭންޖާ' އަދި "ރެއިސިން ކެއިން" ހިމެނެއެވެ.

ހުކުރު ދުވަހު މޫދަށް

މީގެއިތުރުން، ވަރަށް ގިނަބަޔަކަށް ހުކުރު ދުވަހުގެ ހެނދުނަކީ ވަަރަށް ހާއްސައެވެ. ހާޢްސަކޮށް އާއިލާ އެންމެން އެއްވެ، ސައިބޯން ގޮސް، ނުވަތަ މޫދަށް ދިއުމަކީ ވެސް ވަރަށް ގިނައިން ކުރާ ކަމެކެވެ. މިގޮތުން، އަމިއްލަ އަށް ގޭގައި ސައި ތައްޔާރުކޮށްގެން، މޫދަށް ގޮސް، އެންމެން އެއްކޮށް ސައިބޮއެގެން މޫދަށް އެރި މަޖާކުރުމަށްފަހު ހުކުރަށް ތައްޔާރުވާ އާއިލާތައްވެސް ގިނައެވެ. މިގޮތުން މާލެއާއި، ވިލިމާލެ އަދި ހުޅުމާލެއަށްވެސް މިފަދައިން ކުރާ ދަތުރުތައް ގިނައެވެ.

ވީކެންޑް ގެޓަވޭ

ހަމައެޔާއެކު، ދަތުރުކޮށްލާ ހިތްވާ ފަރާތްތަކަށް ހަފްތާ ބަންދެއް ފުރިހަމަވާނީ ކޮންމެވެސް ދަތުރެއް ކުރެވިގެންނެވެ. މާލެ ކައިރި ބައެއް ރަށްތަކާއި ހެޔޮއަގުގައި ދަތުރުކޮށްލެވޭނެ އެނޫންވެސް ރަށްތަކަކީ މިފަދަ ދަތުރުތަކަށް އެންމެ އެކަށޭނަ މަންޒިލްތަކެވެ.

މި ހަފްތާ ބަންދުގެ މޫސުން އާދައިގެ ގޮތަކަށް ރަނގަޅުވާނެކަމަށް ލަފާކުރެވޭއިރު، މިއީ ކުޑަ ގެޓަވޭ އަކަށް ވަރަށް ކަމުދާނޭ ދުވަސްތަކަކަށްް ވާނެ އެވެ.

ގޭތެރެ ތަރުތީބުކޮށްލުން

މިއިން އެއްވެސް ކަމެއް ކުރާ މޫޑު ނެތްނަމަ، ހަފްތާ ބަންދުގެ ބޭނުން ހިފެން ދެން އޮތް އެންމެ ރަނގަޅު ގޮތަކީ ގޭތެރެ ސާފުކޮށް ތަރުތީބުކޮށްގެނެވެ. ހަފްތާގެ އެކިދުވަސްތަކުގައި އެހާމެ ބިޒީކޮށް އުޅޭއިރު، އެންމެ ރަނގަޅަށް ހިރަފުސްފޮޅާ، ސާފުކޮށް ތަރުތީބުކުރާނެ ވަގުތެއް ނުލިބެއެވެ. އެހެންކަމުން މި ދެތިން ދުވަސްތެރޭ، ކޮންމެވެސް ވަގުުކޮޅެއް ހޯދާލައިގެން ގޭތެރެ ސާފުކޮށްލާށެވެ. ކުދި ރޯގާތަކާއި ބަލިތަކުން ސަލާމަތްވެ މި ފެށެން އޮތް ބުރަ ބޮޑު ހަފްތާއަށް ތައްޔާރުވުމަށް އެއީ ވަރަށް ބޮޑު އެހީއެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު