ބާކީ އެއް މެޗު އޮއްވާ އީގަލްސްއިން ދެވަނަ ޔަގީންކޮށްފި

އީގަލްސް ކުޅުންތެރިން މިއަދުގެ މެޗުގައި ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ--- ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާ އެކު ކާމިޔާބުކޮށް އީގަލްސްއިން ލީގުގައި ބާކީ އެއް މެޗު އޮއްވާ ދެވަނަ ޔަގީން ކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު އެ މެޗު އީގަލްސްއިން ކާމިޔާބު ކުރީ 0-3 ގެ ނަތީޖާ އަކުންނެވެ. އެ މޮޅާ އެކު އެ ޓީމުން ލީގުގެ ދެވަނަ ހޯދައިފައި ވަނީ 20 މެޗު ކުޅެގެން ލިބުނު 42 ޕޮއިންޓާ އެކުގަ އެވެ. އެ ޓީމުގެ ދަށުން ތިންވަނައިގައި އޮތް ޓީސީ ރޭ މާޒިޔާ އަތުން އެއްވަރުވި އިރު އެ ޓީމަށް ލިބިފައި ވަނީ 38 ޕޮއިންޓެވެ. އެހެން ކަމުން ލީގުގެ ފަހު މެޗުގައި އީގަލްސް ބަލިވެފައި ޓީސީ މޮޅުވި ނަމަވެސް ތާވަލަށް ބަދަލެއް ނާންނާނެ އެވެ. ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ މާޒިޔާ ވަނީ ބާކީ މެޗެއް އޮއްވައި 51 ޕޮއިންޓް ހޯދައިފަ އެވެ.

ލީގުގެ ދެވަނަ ބުރަކާ ހަމައިން އެއްވަނައިގައި މާޒިޔާ ލީޑު ފުޅާ ކުރުމާ ގުޅިގެން އެންމެ ބޮޑު ވާދަވެރިކަމެއް އުފެދުނީ ތާވަލުގެ ދެވަނަ ހޯދުމަށެވެ. އެ މަގާމު ހޯދުމަށް އީގަލްސްއާ އެކު ޓީސީގެ އިތުރުން ގްރީންސްޓްރީޓާއި ދަ ގްރާންޑޭއިން ވެސް މަސައްކަތް ކުރި އިރު އެންމެ ފަހުގެ ޓްރާންސްފާ މާކެޓުގައި ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ޓީމު ދޫކޮށްލުމުން ގްރީންސްޓްރީޓްސް އަދި ދަ ގްރާންޑޭ ވަނީ ތާވަލުގެ ދަށަށް ގޮސްފަ އެވެ.

ލީގުގެ ދެ ވަނަ ޔަގީންވުމާއެކު އީގަލްސް އަށް ވަނީ އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ޕްރިލިމިނަރީ ބުރުގެ ފުރުސަތު ބޮޑުވެފަ އެވެ. މާޒިޔާއިން ލީގު ކަށަވަރު ކުރުމާ އެކު އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް އެ ޓީމަށް ވަނީ ލިބިފަ އެވެ. ޕްރިލިމިނަރީ ކޮލިފައިން ބުރުން ފުރުސަތު ލިބޭނީ އެފްއޭ ކަޕްގެ ޗެމްޕިއަނުންނަށެވެ.

އެކަމަކު އެއް ޓީމަކުން ލީގާއި އެފްއޭ ކަޕް ކާމިޔާބުކޮށްފި ނަމަ އޭއެފްސީ ކަޕްގެ ކޮލިފައިން އިން ފުރުސަތު ލިބޭނީ ލީގުގެ ދެ ވަނަ ހޯދާ ޓީމަކަމަށެވެ. 2018 ވަނަ އަހަރުގެ ސީޒަނުގައި އެފްއޭ ކަޕް ނުކުޅޭތީ ލީގުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުން މާޒިޔާ މިއަހަރުގެ އޭއެފްސީ ކަޕް ޕްރިލިމިނަރީ ކޮލިފައިންގައި ވާދަކުރާނެ އެވެ. ކޮލިފައިންގައި މާޒިޔާ ކުޅޭ މެޗުތައް އޮންނާނީ އަންނަ މަހު އެވެ.

މިއަދުގެ މެޗަށް ދަ ގްރާންޑޭ ނުކުތީ އެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޔަސްފާދު ހަބީބު (މުލަކޭ) ސަސްޕެންޝަނުގެ ސަބަބުން ޓީމުގައި ނުހިމަނަ އެވެ. އަދި އެންމެ ފަހުން ގްރީންސްޓްރީޓާ ދެކޮޅަށް ކުޅުނު މެޗުގައި، ފުރަތަމަ އެގާރައިގައި ހިމަނާފައިވާ ނުވާ އަލީ ފާސިރު (ސެންޓޭ) މިއަދު ވަނީ ކުޅެފަ އެވެ.

މެޗު ފެށިގެން ދަ ގްރާންޑޭއަށް އީގަލްސް ހިފަހައްޓާ ލެވުނީ އެންމެ އަސް މިނަޓެވެ. އެ ޓީމަށް އެ ގޯލު ޖަހައި ލީޑު ނަގައިދިނީ ޖަޕާން މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ އެވެ. އަރިމަތިން އަހުމަދު ރިޒުވާން (ރިޒޭ) ނަގައިދިން ހުރަސް ޓޮޝީކީ ގޯލަށް ވައްދާލީ ބޮލުންނެވެ.

އީގަލްސްގެ ފުރަތަމަ ގޯލާ އެކު ދަ ގްރާންޑޭއަށް ހަމަޖެހި ނުލެވި އުޅެނިކޮށް 22 ވަނަ މިނަޓުގައި ލީޑު ފުޅާ ކޮށްދިނީ ރިޒޭ އެވެ. އަދި މެޗުގެ ފަހު ގޯލު ފަހު މިނަޓުގައި ވެސް ޖަހައިދިނީ ރިޒޭ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ފޯކައިދޫ އެވެ. މިރޭގެ މެޗު ކާމިޔާބުކޮށްގެން ގްރީން ސްޓްރީޓްސް އަށް ހަތަރު ވަނަ ކަށަވަރުކުރެވޭނެ އެވެ.

comment ކޮމެންޓް