އަހަރު ނިމުނު އިރު ޕެޓްރޯލް އާއި ޑީސަލްގެ އަގު ވަނީ ތިރިކުރެވިފައި: އެސްޓީއޯ

އެސްޓީއޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވި ނަމަވެސް ރާއްޖޭގައި މިދިޔަ އަހަރު ފެށުނުއިރު ޑީސަލް އާއި ޕެޓްރޯލް ދޫކުރަމުން އައި އަގުތައް ވަނީ އަހަރު ނިމުނު އިރު ދަށް ކުރެވިފައި ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯގެ ކުއާޓާރލީ ރިޕޯޓާއި ކުރިއަށް ހުރި މަސައްކަތްތައް އާންމުކުރުމުގެގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު ދުނިޔޭގެ ބާޒާރުގައި ހުރީ ތެލުގެ އަގު ހުރީ އަހަރު ފެށުނު އިރަށްވުރެ 34 ޕަސެންޓު އުފުލިފައި ކަމަށެވެ.

އެހެންނަމަވެސް މިދިޔަ އަހަރު ފެށުނު އިރު ރާއްޖޭގައި ތެޔޮ ވިއްކަމުން ދިޔަ އަދަދު ވަނީ އަހަރު ނިމުނު އިރު ތިރިވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"2019 ވަނަ އަހަރު ފެށުނު އިރަށްވުރެ 2019 ވަނަ އަހަރު ނިމުނު އިރު ޑީސަލް އިން ވަނީ 80 ލާރި ކުޑަކުރެވިފައި. އަދި އޭގެއިތުރުން ޕެޓްރޯލްގެ އަގު 2019 ވަނަ އަހަރު ފެށުނު އިރަށްވުރެ ނިމުނު އިރު ވަނީ 1.26 ރުފިޔާ ވަނީ ކުޑަކުރެވިފައި،" އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މެދު އިރުމަތީގައި ހިނގި ހަމަނުޖެހުމުގެ ސަބަބުން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައި ކަމަށެވެ. އެހެންނަމަވެސް އެސްޓީއޯއިން މަސައްކަތް ކުރީ ރައްޔިތުންނަށް ރަނގަޅު އަގެއްގައި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް ތެލުގެ ހިދުމަތް ފޯރުކުރުމަށް ބޭރުން ތެޔޮ ގެންނައިރު ކުރިއަށް އޮތްތަނުގައި ރާއްޖެއިން ބޭރަށް ތެޔޮ އެކްސްޕޯޓުކުރާނެ ކަމަށްވެސް އަމްރު ފާހަގަކުރެއްވިއެވެ. އެގޮތުން އަންނަ މަހުން ފެށިގެން ސްރީލަންކާއަށް ތެޔޮ ވިއްކަން ފަށާނެ ކަމަށް އަމްރު ވިދާޅުވިއެވެ.

comment ކޮމެންޓް