އެއާޕޯޓާއި ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ހާއްސަ އައިސީޔޫއެއް

ކޮރޯނާވައިރަސް ނުވަތަ ވޫހާން ރޯގާއަށް ޝައްކުކުރެވޭ މީހުން ހޯދުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް ކެމެރާ ހަރުކޮށްފައި -- ފޮޓޯ/ އެޗްޕީއޭ

ޗައިނާއިން ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް ނުވަތަ ވޫހާން ރޯގާއަށް ޝައްކުކުރެވޭ މީހުން އެކަހެރިކުރާ ދެ ފެސިލިޓީއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހުޅުމާލޭގައި ގާއިމުކޮށް، އަދި ބަލީގެ ސަބަބުން ހާލު ސީރިއަސްވާ މީހުންނަށް ފަރުވާދިނުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ހާއްސަ އައިސީޔޫއެއް ގާއިމުކޮށްފި އެވެ.

ވޫހާން ރޯގާ ޗައިނާގެ ވޫހާން ސިޓީގައި އާންމުވެ، ދުނިޔޭގެ އެކި ގައުމުތަކުންވެސް އެ ރޯގާ ޖެހިފައިވާ މީހުން ފެންނަމުން ދާތީ ދިވެހި ސަރުކާރުން ދަނީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ރޯގާއަށް ޝައްކުކުރެވޭ މީހުން ފާހަގަކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ ތާމަލް ކެމެރާ ހަރުކޮށްފަ އެވެ. އަދި އެހެނިހެން ޕޮއިންޓް އޮފް އެންޓްރީތަކުގައި ހަރުކުރުމަށް ކެމެރާ ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ކުރަމުންދާ ކަމަށް އެ އޮފީހުން ބުންޏެވެ.

ވޫހާން ރޯގާއަށް ޝައްކުކުރެވޭ މީހުން ނުވަތަ އެ ބަލި ޖެހިފައިވާކަމަށް ޔަގީންވާ މީހުން އެކަހެރިކުރުމަށް 12 އެނދުގެ އައިސޮލޭޝަން ފެސިލިޓީއެއް ހުޅުމާލޭގައި ވަނީ ގާއިމުކޮށްފަ އެވެ. އަދި ރާއްޖެއަށް އެންމެ ގިނަ މީހުން ވަނުމަށް ބޭނުންކުރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވެސް އައިސޮލޭޝަން ފެސިލިޓީގައި ގާއިމުކޮށްފައިވެ އެވެ.

ކޮރޯނާވައިރަސް ނުވަތަ ވޫހާން ރޯގާއަށް ޝައްކުކުރެވޭ މީހުން އެކަހެރިކުރުމަށް ހުޅުމާލޭގައި ހަދާފައިވާ އައިސޮލޭޝަން ރޫމު ހެލްތު މިނިސްޓަރު ބައްލަވާލައްވަނީ -- ފޮޓޯ/ އެޗްޕީއޭ

ކޮރޯނާވައިރަހުގެ އަސަރުކޮށް، ވޫހާން ރޯގާގައި ހާލު ސީރިއަސްވާ މީހުންނަށް ފަރުވާދިނުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯގައި ހަތަރު އެނދުގެ ހާއްސަ އައިސީޔޫ ފެސިލިޓީއެއް ގާއިމުކޮށްފައިވާކަމަށް ސަރުކާރުން ބުނެ އެވެ.

ވޫހާން ރޯގާއަށް ޝައްކުކުރެވޭ މީހުން ޓްރާންސްފާކުރުމަށް ތައްޔާރީ ހާލަތުގައި ތިން އެމްބިއުލަންސްވެސް އޮންނަކަމަށް ސަރުކާރުން ބުންޏެވެ. އެ އެމްބިއުލަންސްތައް ހުންނާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ހުޅުމާލެ އަދި އައިޖީއެމްއެޗުގަ އެވެ.

https://sun.mv/130797

ހެލްތު މިނިސްޓްރީގެ ކަމާ ގުޅޭ މުވައްޒަފުންނާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސްޓާފުންގެ އިތުރުން އެއާޕޯޓާ ގުޅުންހުރި އޭޖެންސީތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް މިހާތަނަށް ހަތަރު ޓްރެއިނިންގެއް ބާއްވާފައިވާ ކަމަށް ސަރުކާރުން ބުންޏެވެ. އަދި ކޮރޯނާވައިރަހާ ގުޅޭ ކްލިނިކަލް ގައިޑްލައިންސް ހިމެނޭ ގޮތުން ސްޓެންޑަޑް އޮޕަރޭޝަންސް ޕްރޮސީޖާ (އެސްއޯޕީ)ތަކެއް އިއްޔެ ތައްޔާރުކޮށްފައިވާކަމަށްވެސް ސަރުކާރުން ބުންޏެވެ.

ކޮރޯނާވައިރަސް ނުވަތަ ވޫހާން ރޯގާއަށް ޝައްކުކުރެވޭ މީހުން ހޯދުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތާމަލް ކެމެރާ ހަރުކޮށްފައި -- ފޮޓޯ/ އެޗްޕީއޭ

ކޮރޯނާވައިރަހާ ގުޅިގެން އެޗްޕީއޭއިން ވަނީ 27 ޖެނުއަރީ 2020 ގައި ހާއްސަ ހޮޓްލައިން 7377004 ގާއިމުކޮށްފަ އެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައި 29 ކޯލަކަށް ޖަވާބުދާރީވެފައިވާކަމަށް ސަރުކާރުން ބުންޏެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނި ގޮތުގައި މިއަދުގެ ނިޔަލަށް ޗައިނާއިން ވޫހާން ރޯގާގައި 5،974 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ބަލީގައި ބޮޑުވަރުވީ 1،239 މީހުންނެވެ. މަރުވެފައިވަނީ 132 މީހުންނެވެ. ހޮންގްކޮންގް އަދި މަކާއުއިން އަށް ކޭސް، އަދި ޓައިވާނުން ވޫހާން ރޯގާގެ ހަތް ކޭސް ރިޕޯޓުކޮށްފައިވެ އެވެ.

https://sun.mv/130799

ޗައިނާއިން ބޭރުން ވޫހާން ރޯގާ ރިޕޯޓުކޮށްފައިވަނީ އޮސްޓްރޭލިއާ، އެމެރިކާ، ދެކުނު ކޮރެއާ، މެލޭޝިއާ، ފްރާންސް، ވިއެޓޤނާމް، ކެނެޑާ، ކެމްބޯޑިއާ، ނޭޕާލް، ސްރީލަންކާ، ޖަރުމަނު އަދި ތައިލެންޑުންނެވެ.

މިހާތަނަށް ރާއްޖެއިން މި ބަލީގެ ހުރިހާ ކްރައިޓީރިއާއަށް ފެތޭ ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިފައި ނުވާކަމަށް އެޗްޕީއޭއިން ބުންޏެވެ.

comment ކޮމެންޓް