މާޒިޔާ މެޗު އެއްވަރުވުމުން ޓީސީއަށް ފުރުސަތު ހަނިވެއްޖެ

ޓީސީއާއި މާޒިޔާ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބުން ލީގުގައި ބާކީ ތިން މެޗު އޮއްވާ އެއްވަނަ ޔަގީން ކުރި މާޒިޔާ އަތުން އެއްވަރުވުމުން، ދެވަނައިގައި އޮވެ ލީގު ނިންމާލުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.

އެންމެ ފަހުން ލީގުގައި މާޒިޔާ ކުޅުނު ނުވަ މެޗުން ވެސް މޮޅުވެފައިވާ އިރު ރޭގެ މެޗުން 0-0ގެ ނަތީޖާއަކުން އެ ޓީމު އެއްވަރުވި އިރު ލީގުގައި މިހާތަނަށް ކުޅުނު 20 މެޗުން އެ ޓީމު ވަނީ 51 ޕޮއިންޓް ހޯދައިފަ އެވެ. ލީގުގައި އެންމެ މެޗަކުން މާޒިޔާ ބަލިވި އިރު މިފަހަރުގެ ލީގުގައި އެ ޓީމާއި ދެކޮޅަށް ގިނަ ޓީމުތަކަށް ވާދަވެރި ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ރޭ އެއްވަރުވި ޓީސީއިން މިހާތަނަށް ކުޅުނު 20 މެޗުން އެ ޓީމަށް ލިބުނީ 38 ޕޮއިންޓް އެވެ. އެ ޓީމަށް ވުރެން އެއް ޕޮއިންޓް ކުރީގައި އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ 39 ޕޮއިންޓާ އެކު އެވެ. އެކަމަކު އީގަލްސްއާ ދަ ގްރާންޑޭ މިއަދު ކުޅޭ މެޗުން އީގަލްސް މޮޅުވެއްޖެ ނަމަ އެ ޓީމު ހަތަރު ޕޮއިންޓަށް ފަރަގު ބޮޑުވާނެ އެވެ. އެހެން ވެއްޖެ ނަމަ ޓީސީއަށް ދެވަނައަށް އެރުމުގެ ފުރުސަތު ގެއްލޭނެ އެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅުމުގެ ކުރިން މާޒިޔާ ލީގުގައި ކުޅުނު ފަހު މެޗަށް ރޭ އެ ޓީމު ނުކުން އިރު ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރިކަން އެ ޓީމުގެ ކޯޗު މަރުޖާން ސެކުލޮސްކީ ވަނީ މެޗުގެ ކުރިން ވެސް ފާހަގަ ކޮށްފަ އެވެ. އެކަމަކު ތިބި ކުޅުންތެރިންނާ އެކު ވެސް އެ ޓީމުން ރޭ ވަނީ މިވަގުތު ރަނގަޅު ފޯމަކަށް އެޅިފައިވާ ޓީސީ ހިފެހެއްޓުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ރޭގެ މެޗު ފަށައިގެން ގިނަ ހަމަލާތައް އުފައްދާ މޮޅަށް ކުޅުނީ މާޒިޔާއިންނެވެ. އެގޮތުން މެޗުގެ ކުރީކޮޅު އެ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ދެ ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ. ޓީސީ އަށް މެޗުގައި ލީޑުނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިޝާން އިބްރާހިމް (ސައްޓު) އަށެވެ. އިސްމާއިލް އީސަ (މެސީ) ހުސްކޮށްލާފައި ސައްޓު އަށް ޖައްސާލި ބޯޅަ ފޮނުވާލުމުން މާޒިޔާ ގޯލުގައި ހުރި އަފްގާނިސްތާން ކީޕަރު އޮވޭސް އަޒީޒީ ވަނީ މަތަކޮށްފަ އެވެ.

މާޒިޔާއިން ދެން މެޗެއް ކުޅޭނީ އަންނަ މާޗު މަހުގެ ދެ ވަނަ ދުވަހު އެވެ. އެ މެޗުގައި އެ ޓީމު ބައްދަލު ކުރާނީ އީގަލްސްއާ ދެކޮޅަށެވެ. އޭގެ ކުރިން ޓީސީ ލީގުގެ ފަހު މެޗުގައި ގްރީންސްޓްރީޓްސްއާ ދެކޮޅަށް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

comment ކޮމެންޓް