ހެންވޭރުގައި ހުންނަ ކެފޭއެއްގެ ސޭޓު އެތަނުގެ މުވައްޒަފަކަށް ހަމަލާދީ ބޯ ފަޅާލައިފި އެވެ.
އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 5:30 އެހައިކަންހާއިރު ހެންވޭރު ޔާލް ކެފޭގަ އެވެ.
މަންޒަރު ދުށް މީހަކު 'ސަން' އަށް ބުނީ، ސޭޓް އައިސް އަތަނުގެ ވެއިޓަރުގެ ބޮލުގައި ލަޓިބުރިއަކުން ޖެހުމުން އޭނާގެ ބޯ ފަޅައިގެން ގޮސް އެތަނަށް ވެޓުނު ކަމަށެވެ.
އެ ދެ މީހުންނަކީ ވެސް ބަންގުލަދޭޝް ދެ މީހުންނެވެ. ހަމަލާ ދިނުމަށްފަހު ސޭޓް ފިލަން އުޅުމުން އެތަނުގައި އެ ވަގުތު ތިބި ދިވެހި ކަސްޓަމަރުން ވަނީ އޭނާ ހުއްޓުވައި ފުލުހުންނަށް ރިޕޯޓް ކޮށްފަ އެވެ. އަދި ޒަޚަމްވި ވެއިޓަރު ވަނީ ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާލާފަ އެވެ.
"ބައިވަރު ލޭ ވެސް ހުރި ކެފޭ ތެރެއަށް އެޅިފައި. ފުލުހުން އައުމުގެ ކުރިން އެތަން ސާފު ކުރުމަށް ސޭޓު ވަނީ އެތަނުގެ އިތުރު މުވައްޒަފެއް ކައިރީގައި ބުނެފައި. އެކަމު ސީން ރޫޅާލައި ނުދީ އަހަރުން ހިފަހެއްޓީ،" އެ ކެފޭގައި އެވަގުތު އިން ދިވެއްސަކު ކިޔައިދިނެވެ.
ފުލުހުން ވަނީ އެ ކެފޭއަށް އައިސް ހަމަލާ ދިން ސޭޓު ހައްޔަރު ކޮށްގެން ގެންގޮސްފަ އެވެ.
ނަމަވެސް އެ މައްސަލައާ ގުޅިގެން ފުލުހުންގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.