ކުޅިވަރު މާކެޓިންގެ ވޯކްޝޮޕެއް ފަށައިފި

ސްޓެލްކޯގައި ކުރިއަށްދާ ކުޅިވަރުގެ މާކެޓިންގް އާއި ސްޕޮންސާޝިޕްގެ ވޯކްޝޮޕްގެ ތެރެއިން --- ސަން ފޮޓޯ

ކުޅިވަރުގެ މާކެޓިންގް އާއި ސްޕޮންސާޝިޕްގެ ހާއްސަ ވޯކްޝޮޕް މިއަދު ފަށައިފި އެވެ.

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަނުން އިސްނަގައިގެން މިއަދު ހެނދުނު ސްޓެލްކޯގައި ފެށި ވޯކްޝޮޕަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ވޯކްޝޮޕެކެވެ.

ކުޅިވަރުގެ ދާއިރާ އާއި މާކެޓިންގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވާ އެ ވވޯކްޝޮޕްގައި ކިޔަވައިދޭނީ ކުޅިވަރުގެ ދާއިރާއިން ސްޕޮންސަރޝިޕާއި މާކެޓިންގް ދާއިރާގައި 12 އަހަރެއްވުރެން ގިނަ ދުވަސް ވަންދެން މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރެއް ކަމަށްވާ ސިންޓޯ އަޖްރަމްއެވެ.

ސްޓެލްކޯގައި ކުރިއަށްދާ ކުޅިވަރުގެ މާކެޓިންގް އާއި ސްޕޮންސާޝިޕްގެ ވޯކްޝޮޕްގެ ތެރެއިން --- ސަން ފޮޓޯ

ސިންޓޯއަކީ ބައިނަލްއަގުވާމީ ބޮޑެތި ބައެއް އޮގަނައިޒޭޝަންތައް ކަމަށްވާ ސްޕެއިންގެ ބާސެލޯނާއާއި ސްވިޒަލެންޑްގެ ޒޫރިކް އިންޝުއަރެންސްގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ފަރާތެކެވެ.

ތަފާތު ސެޝަންތަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ވޯކްޝޮޕްގައި ސްޕޮންސާޝިޕް އާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދޭނެއެވެ. އަދި ކުޅިވަރުގެ ސްޕޮންސާޝިޕް މަސައްކަތް ކުރާ ގޮތާއި ބޮޑެތި ބްރޭންޑުތައް މާކެޓުކުރާ ގޮތާ ގުޅޭގޮތުން ކިޔައިދޭނެއެވެ.

އެ ވޯކްޝޮޕްގައި ޖުމްލަ ހަ ސެޝަނެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރު ކުރިއަށްދާ އެ ވޯކްޝޮޕްގެ މެއިން ސްޕޮންސަރަކީ ދިރާގެވެ. އަދި އެ ވޯކްޝޮޕްގެ ޕާޓްނަރުންނަކީ ޔޫތު މިނިސްޓްރީ އާއި އޮލިމްޕިކްސް މޯލްޑިވްސް އާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑީވްސް އަދި ސަން އޮންލައިން އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް