ކުރީގެ އުއްތަމަ ފަނޑިޔާރަށް ކުރި ހުކުމް ބާތިލުކޮށް، މިނިވަންކޮށްފި

އަބްދުﷲ ސައީދު ފުލުހުންގެ ލޯންޗަކަށް އަރުވަނީ -- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ފުލުހުންގެ ތަހުގީގަށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފޯނު ނުދިން ކަމަށް ބުނާ މައްސަލައިގައި ދައުލަތުން ކުރި އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާކަމަށް ނިންމައި، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް އިއްވި ޖަލު ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އަބްދުﷲ ސައީދުގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ނެރުނު އަމުރަށް ފަހު އެމަނިކުފާނު ހައްޔަރުކޮށް، ތަހުގީގަށް މޯބައިލް ފޯނު ނުދިން މައްސަލައިގައެވެ.

މި މައްސަލައިގައި އަބްދުﷲ ސައީދުގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކުރީގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދުގެ މައްޗަށް ވެސް ވަނީ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި ރައީސް މައުމޫން އާއި އަލީ ހަމީދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށްފައެވެ.

އަބްދުﷲ ސައީދުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. މައްސައިގައި ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކުރަން، މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުވާ ކަމަށެވެ.

އިސްތިއުނާފު މައްސަލައިގައި އަބްދުﷲ ސައީދުގެ ފަރާތުން ވަނީ ނުވަ ނުކުތާއެއް ހުށަހަޅައިފައެވެ. އެ ނުކުތާތަކަށާއި އެނުކުތާތަކާ ގުޅިގެން
ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ބެލުމަށްފަހު ހައިކޯޓުގެ ހުކުމްގައި ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ.

އެގޮތުން އަބްދުﷲ ސައީދުގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ހުންނާނެކަމަށް ޝަރީއަތަށް ބުރަ ވެވޭ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައި ވީނަމަވެސް، އެމަނިކުފާނު ގެންގުޅުނުކަމަށް ބުނާ ފޯނެއްގައި އެފަދަ ހެކި ހުރިކަމަށް ބުރަވެވުނީ ކޮންކޮން ސަބަބުތަކެއް ހުރެގެންކަން އެ ކޯޓުން ފާހަގަކޮށްފައި ނެތް ކަމަށެވެ.

އަދި އެކަމުގެ މައްޗަށް ބުރަވެވޭ އިތުރު އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވިޔަސް ދައުލަތުގެ ފަރާތުން ދަށުކޯޓަށް ހުށަހަޅާފައިވާކަން އެނގެން ނެތްކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.

އަދި ދަށުކޯޓަށް ހެކިންގެ ގޮތުގައި ހާޒިރުކުރެވުނު ފަރާތްތަކުން ދީފައިވާ
ހެކިބަސްތަކަށް ބެލުމުން އެ ހެކިބަސްތަކުން ހަމައެކަނި ދެނެގަނެވެން އޮތީ އަބްދުﷲ ސައީދުގެ އަތުގައި އޮތްކަމަށް ބުނާ ފޯނެއް ވީތަނެއް ބުނެދެވިފައިނުވާކަން އެކަނިކަމަށެވެ.

އަދި ކުށުގެ އުންސުރުތައް ސާބިތުވި ގޮތެއް ބަޔާންކޮށްދެވިފައި ނުވާތީ އެ ފޯނުގައި ހުރި މާއްދީ ހެކި ނައްތާލީކަމަށް ބުނާ ބުނުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާކަމަށް ވެސް ހައިކޯޓުގެ ހުކުމުގައިވެއެވެ.

މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އަބްދުﷲ ސައީދު ޖަލަށް ލުމަށާއި، ދައުލަތުގެ ކަމާބެހޭ އެއްވެސް ފަރާތަކުން ދީނީ ނަސޭހަތްދިނުމުގެ ހުއްދައާއި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދީފައިވާނަމަ އެ ހުއްދަތައް ބާތިލުކޮށް އެހުއްދަތަކުގެ ދަށުން އެއްވެސް އަމަލެއް ނުކުރުމަށް އަންގައި އަމުރުކޮށްފައެވެ.

ނަމަވެސް ހައިކޯޓުގެ ހުކުމްގައި ބުނެފައި ވަނީ އެއީ ކޮން މަގްސަދެއް ހާސިލުކުރުމުގެ ގޮތުން ކޮށްފައިވާ އަމުރެއްކަން މިމައްސަލަ ނިންމުމުގައި ޝަރީއަތުން ފާހަގަކޮށްފައިނެތް ކަމަށާއި އަދި އެ އަމުރަކީ އަބްދުﷲ ސައީދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ބާވަތަށް ބަލާއިރު އެއްވެސް ގުޅުމެއް ނެތް އަދި އެކަށީގެންނުވާ އަމުރެއްކަން އެނގެން އޮތް ކަމަށެވެ.

ހަމައެއާއެކު ދަށު ކޯޓުން ސިއްރު ހެކީންގެ ހެކިބަސް ނަގާފައި ވަނީ ޖިނާއީ އިޖްރާއާތުގެ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އަބްދުﷲ ސައީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމާ އެކު އެމަނިކުފާނުގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލްކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލް ކުރަންޖެހޭ ކަމަށް ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ ނިންމައިފައެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސައިން މަޒީދު އާއި ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ.

އެއާއެކު ގޭބަންދުގައި ހުންނެވި އަބްދުﷲ ސައީދު މިހާރު ވަނީ މިނިވަންވެފައެވެ.

މި މައްސަލައިގެ އިތުރުން، ދައުލަތުގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ދައުވާއާއި ދައުލަތް ހިންގަން ހުރަސްއެޅުމުގެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ދެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ. އަދި އެ ދެ ހުކުމް ތަންފީޒުކޮށް ވަނީ ނިމިފައެވެ.

comment ކޮމެންޓް